ތަފާތު ބޮޑު ނަތީޖާއަކުން ތާޖުއްދީން ބަލިކޮށް މާފުށީ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

ދެވަނަ އިންޓަރ ސުކޫލް ހޭންޑް ބޯލް މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ބައިގައި ޗެމްޕިއަންކަން މާފުށީ ސުކޫލު ހޯދުމަށް ފަހު އެޓީމުގެ ކުޅުްތެރިން އުފާފާޅު ކުރަނީ --- ސަން ފޮޓޯ: ޔޫސުފް ސަފްވާން ރަޝީދު

ހޭންޑް ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ބާއްވާ ދެވަނަ އިންޓަރ ސްކޫލް ހޭންޑް ބޯލް މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ބައިގެ ފައިނަލް މެޗުގައި ތަފާތު ބޮޑު ނަތީޖާއަކުން ތާޖުއްދީން ސްކޫލް ބަލިކޮށް މާފުށި ސްކޫލުން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއަދު ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު ފައިނަލް މެޗު މާފުށި ސްކޫލް ކާމިޔާބުކުރީ، 1-11 ލަނޑުގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

އެ މެޗުގައި މާފުށީ ސްކޫލުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ، ތާޖިއްދީން ސުކޫލްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

ދެވަނަ އިންޓަރ ސުކޫލް ހޭންޑް ބޯލް މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ބައިގައި މާފުށީ ސުކޫލް އާއި ތާޖުއްދީން ސުކޫލް ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: ޔޫސުފް ސަފްވާން ރަޝީދު

ދެ ގުރޫޕަކަށް ބަހާލައިގެން، ހެންވޭރު ދަނޑުގައި ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ފައިނަލަށް ތާޖުއްދީން ސްކޫލް އައީ ސެމީ ފައިނަލްގައި 19-0 ގެ ނަތީޖާ އަކުން އަރަބިއްޔާ ސުކޫލް ބަލިކޮށްފައެވެ. ގުރޫޕް އޭ ގައި ތާޖުއްދީން ސްކޫލްގެ އިތުރުން ދެން ހިމެނުނީ އަމީނިއްޔާ ސުކޫލާއި ހުޅުމާލޭ ރެހެންދި ސުކޫލް އެވެ.

ގުރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި މާފުށި ސްކޫލް ސެމީފައިނަލަށް ދިޔަ އިރު އެ ޓީމް ފައިނަލަށް ދަތުރުކުރީ އަމީނިއްޔާ ސްކޫލްގެ މައްޗަށް 6-24ގެ ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. މާފުށީ ސްކޫލުގެ އިތުރުން ދެން އެ ގުރޫޕްގައި ހެމެނެނީ އަރަބިއްޔާއެވެ. އެ ގުރޫޕްގައި ހިމެނުނު އިސްކަންދަރު ސުކޫލް ވަނީ އެންމެ ފަހު ވަގުތު މުބާރާތުގައި ބައިވެރި ނުވާން ނިންމާފައެވެ.

comment ކޮމެންޓް