ކަލާފާނު ސްކޫލުގެ ފުރަތަމަ ފެހި ތަރި އެވޯޑް، ޝައިލާން އަށް!

ކަލާފާން ސްކޫލުންދޭން ފަށާފައިވާ ތަރި ސްކޫމުގެ ތެރެއިންދޭ އެންމެ މަތީ އެވޯޑް، ފެހި އެވޯޑް ލިބުނު ފުރަތަމަ ދަރިވަރު ޝައިލާން (ވ) އަދި ކަލާފާން ސްކޫލުގެ ޕްރިންސިޕަލް، ރަހުމާ --- ފޮޓޯ/ ކަލާފާން ސްކޫލް

ކިޔެވުމާއި ކުޅިވަރުގެ ރޮނގުން ފާހަގަކޮށްލެވޭ ރަނގަޅު ނަތީޖާތަކެއް ހޯދާ ދަރިވަރުންނަށް ހިތްވަރުދިނުމުގެ ގޮތުން ކަލާފާން ސްކޫލުން ތައާރަފްކޮށްފައިވާ، ގްރީން ސްޓާ އެވޯޑުގެ ފުރަތަމަ އެވޯޑް ފާތިމަތު ޝައިލާން އަފްޒަލަށް ލިބިއްޖެ އެވެ.

ގްރީން ސްޓާ އެވޯޑަކީ ކިޔެވުމާއި ކުޅިވަރުގެ ދާއިރާއަށް ދަރިވަރުންގެ ހިތްތަކުގައި ޝައުގުވެރިކަން އިތުރުކުރުވައި ކުދިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށް ކަލާފާން ސްކޫލުން މިއަހަރު ތައާރަފްކޮށްފައިވާ ތަރި ސްކީމުގެ ދަށުން ލިބޭ އެންމެ ފަހުރުވެރި އެވޯޑެވެ.

ސްކޫލުގެ ގޭމްސް ކެޕްޓަންގެ މަގާމް އަދާކުރާ ޝައިލާން އަށް ގްރީން ސްޓާރ އެވޯޑް ލިބިފައިވަނީ، މިދިޔަ މަހުގެ 29 އިން މިމަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ނޭޕާލުގައި ބޭއްވި އެއްވަނަ ވިމެންސް ސާބާ ޗެމްޕިއަންޝިޕުގައި ބައިވެރިވެ، ރާއްޖެއަށް ތިން ވަނަ ހޯދައިދިން ޓީމުގައި އޭނާ ހިމެނޭތީ އެވެ.

ކަލާފާނު ސްކޫލުންދޭ އެންމެ ފަހުރުވެރި، ފެހި އެވޯޑް ލިބުނު ފުރަތަމަ ދަރިވަރު ޝައިލާން އަށް، ތަރި ހަވާލުކޮށްދެނީ --- ފޮޓޯ/ ކަލާފާން ސްކޫލް

ޝައިލާން އަށް އެ އެވޯޑް ހަވާލުކޮށްފައިވަނީ، އިއްޔެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްކޫލުގެ ޕްރިންސިޕަލް ރަހުމާ އަބްދުއްރަހުމާނެވެ.

ކަލާފާން ސްކޫލުގެ އޮފިޝަލަކު ވިދާޅުވީ، އިލްމީ ގޮތުންނާއި ކުޅިވަރުގެ ދާއިރާއިން ސްކޫލް ފެންވަރުގައާއި ގައުމީ ފެންވަރުގައި ރަނގަޅު ވަނައެއް ހޯދާ ދަރިވަރުންނަށް ސްޓާރ ސްކީމުގެ ތިން ކެޓަގަރީއަކުން އެވޯޑް ދެވޭނެ ކަމަށެވެ.

އެގޮތުން، ގްރީން ސްޓާރ އެވޯޑަކީ ސްޓާރ ސްކީމުގައި ހިމެނޭ އެންމެ މަތީ އެވޯޑެވެ.

comment ކޮމެންޓް