ވާދަވެރި އުނދަގޫ މެޗުތަކެއް ފެނިގެން ދިޔަ ދުވަހެއް

ދެވަނަ އިންޓަ ސްކޫލް ހޭންޑްބޯލް މުބާރާތުގެ ތެރެއިން --

މައިލޯ އިންޓަސްކޫލް ހޭންޑްބޯލް މުބާރާތުގައި މިއަދު ފޯރިގަދަ މެޗުތަކެއް ކުޅެ، އަރަބިއްޔާ، މަޖީދިއްޔާ އަދި ދަރުމަވަންތަ ސްކޫލުން މެޗުތައް ކާމިޔާބުކޮށްފި އެވެ.

މިއަދު މުބާރާތުގައި ހަ މެޗު ކުޅުނު ނަމަވެސް، ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެގޮތުން މިއަދު 12 އަހަރުން ދަށުގެ އުމުރުފުރައިގެ ތިން މެޗާ، 14 އަހަރުން ދަށުގެ މެޗަކާއި 16 އަހަރުން ދަށުގެ މެޗެއް ވަނީ ކުޅެފަ އެވެ.

ބާރަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ އުމުރުފުރާގައި ޣިޔާސުއްދީން ސްކޫލާއި އަރަބިއްޔާ ސްކޫލް ބައްދަލު ކުރި މެޗު ނިމުނީ 4-4 އެއްގެ ނަތީޖާއަކުންދެ ޓީމު އެއްވަރު ވެގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަރަބިއްޔާ ސްކޫލުގެ އިސާފް މުހައްމަދު ފިރާގު އެވެ.

އެ އުމުރުފުރާގައި އިސްކަންދަރު ސްކޫލާއި މަޖީދިއްޔާ ސްކޫލް ބައްދަލުކުރި މެޗުވެސް ނިމުނީ 4-4 ން ދެ ޓީމު އެއްވަރު ވެގެންންނެވެ. އެ މެޗުގެ މޮަޅު ކުޅުންތެރިޔަކަށް ހޮވުނީ އިސްކަންދަރު ސްކޫލުގެ ހުސެއިން އިފްހާމް އިބްރާހިމެވެ.

ބާރަ އަހަރުން ދަށުގެ އަންހެން ބައިގައި އަރަބިއްޔާ ސްކޫލާއި ރެހެންދި ސްކޫލް ބައްދަލުކުރި މެޗު 5-6 ގެ ނަތީޖާއަކުން އަރަބިއްޔާ ކާމިޔާބު ކުރި އިރު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަރަބިއްޔާ ސްކޫލްގެ މަރިޔަމް ލީން އަހްމަދެވެ.

ބާރަ އަހަރުން ދަށުގެ ފަހު މެޗުގައި ޣިޔާސުއްދީން ސްކޫލާއި ދަރުމަވަންތަ ބައްދަލު ކުރި މެޗު 5 -10 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރީ ދަރުމަވަންތަ ސްކޫލުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް ދަރުމަވަންތަ ސްކޫލުގެ މަރިޔަމް މިންހާ މުފީދު އެވެ.

ސާދަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިގައި މަޖީދިއްޔާ އަދި ދަރުުމަވަންތަ ސްކޫލު ބައްދަލު ކުރި މެޗު ނިމުނީ 6-6 ން ދެ ޓީމު އެއްވަރުވެގެންނެވެ. އެ މެޗުގެ މަޖީދިއްޔާ ސްކޫލުގެ ފިރާޝް ލުގްމާނެވެ.

ސޯޅަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިގައި މަޖީދިއްޔާ އަދި އަރަބިއްޔާ ބައްދަލުކުރި މެޗު ފަސޭހަކަމާ އެކު ކާމިޔާބު ކުރީ މަޖީދިއްޔާ އިންނެވެ. 11-1 ގެ ނަތީޖާއަކުން މަޖީދިއްޔާ ސްކޫލު މެޗު ކާމިޔާބު ކުރި އިރު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަޖީދިއްޔާ ސްކޫލުގެ އިބްރާހިމް އަޒްހާނެވެ.

ހެންވޭރު ދަނޑުގައި ތިން އުމުރުފުރާ އަކަށް ބަހާލައިގެން ކުރިއަށްދާ މުބާރާތުގައި 10 ސްކޫލަކުން 36 ޓީމު ވާދަކުރެ އެވެ. ހެންވޭރު ދަނޑުގައި ކުރިއަށްދާ އެ މުބާރާތަކީ އިންޓަ ސްކޫލް ހޭންޑްބޯލްގެ ދެ ވަނަ މުބާރާތެވެ.

comment ކޮމެންޓް