ދެ ދަރަޖަ ފަހަތަށް ވެއްޓުނު ނަމަވެސް، ރާއްޖެ އަދިވެސް ސާފްގެ އެއް ވަނައިގައި!

ވޯލްޑް ކަޕް ކޮލިފައިންގައި ބޫޓާން ކޮޅަށް ލަނޑުޖެހުމަށްފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ފީފާ ރޭންކިންގައި ސާފް ސަރަހައްދުގެ އެއް ވަނައިގައި އޮތް ރާއްޖެ ދެ ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.

މި މަހު ފީފާއިން ނެރުނު ރޭންކިންގައި ރާއްޖެ އޮތީ ދުނިޔޭގެ 165 ވަނައިގައެވެ. އޭޝިއާ ސަރަހައްދުގައި ރާއްޖެ އޮތީ 27 ވަނައިގައެވެ.

މިދިޔަ މަހު ރާއްޖެއިން ވޯލްޑް ކަޕް ކޮލިފައިންގައި ދެ މެޗު ކުޅުނެވެ. ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ މަހު ޗައިނާ އަތުން ރާއްޖެ ބަލިވިއިރު، ކޮލިފައިންގެ ފަހު މެޗުގައި ބޫޓާން އަތުން ވަނީ މޮޅުވެފަ އެވެ. ރަށުން ބޭރުގައި ޗައިނާ އަތުން 4-0 ލަނޑުން ރާއްޖެ ބަލިވިއިރު، އަމިއްލަ ދަނޑުގައި ބޫޓާން އަތުން މޮޅުވީ 4-2 ލަނޑުންނެވެ.

ސާފް ސަރަހައްދުގެ ދެ ވަނައިގައި އިންޑިއާ އޮތީ ދެ ދަރަޖައިގެ ވެއްޓުމަކާއެކު އެވެ. ތިން ވަނައިގައި ބަންގްލަދޭޝް އޮތްއިރު، ހަތަރު ވަނައިގައި ނޭޕާލް އޮތީ ހަ ދަރަޖައިގެ ކުރިއެރުމަކާއެކު އެވެ. ފަސް ވަނައިގައި ހަތް ދަރަޖައިގެ ކުރިއެރުމަކާއެކު ބޫޓާން އޮތްއިރު، ހަ ވަނައިގައި ދެ ދަރަޖައިގެ ކުރިއެރުމަކާއެކު އޮތީ ސްރީލަންކާ އެވެ. ހަތް ވަނައިގައި ޕާކިސްތާނު އޮތީ ތިން ދަރަޖައިގެ ވެއްޓުމަކާއެކު އެވެ.

ފީފާ ރޭންކިންގެ އެއް ވަނައަށް އާޖެންޓީނާ ޖެހެލިއިރު، ބެލްޖިއަމް ވަނީ ދެ ވަނައަށް ވެއްޓިފަ އެވެ. ދެ ދަރަޖައިގެ ކުރިއެރުމަކާއެކު ޗިލީ ތިން ވަނައަށް ޖެހިލިއިރު، ހަތަރު ދަރަޖައިގެ ކުރިއެރުމަކާއެކު ކޮލަމްބިއާ ވަނީ ހަތަރު ވަނައަށް ޖެހިލައިފަ އެވެ. އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ޖަރުމަން އޮތީ އެއް ދަރަޖައިގެ ވެއްޓުމަކާއެކު ފަސް ވަނައިގައެވެ.

comment ކޮމެންޓް