ބޫޓާން ބަލިކޮށް، ރާއްޖޭގެ އަންހެން ބާސްކެޓް ޓީމު ތިންވަނަ ހޯދައިފި

ސަބާ ޗެމްޕިއަންޝިޕްގައި ނޭޕާލާއި ދެކޮޅަށް ގައުމީ ބާސްކެޓްބޯލް ޓީމް މިއަދު ކުޅުނު މެޗަށް ފަހު --- ފޮޓޯ:އެމްބީއޭ

އެއްވަނަ ވިމެންސް ސާބާ ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުގައި ބޫޓާން ބަލިކޮށް، ރާއްޖޭގެ އަންހެން ގައުމީ ބާސްކެޓްބޯޅަ ޓީމުން މުބާރާތުގެ ތިން ވަނަ ހޯދައިފި އެވެ.

ނޭޕާލްގެ ކަތަމަންޑޫގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ކުޅުނު ފަހު މެޗުގައި ބޫޓާންގެ މައްޗަށް ކުރި ހޯދީ 69-46 ޕޮއިންޓުންނެވެ.

މި މުބާރާތުގެ ޕޮއިންޓް ތާވަލްގެ ތިން ވަނައިގައި ރާއްޖެ އޮތްއިރު، މި ވަގުތު އެއް ވަނައިގައި ނޭޕާލް އޮތްއިރު، ދެ ވަނައިގައި އޮތީ ސްރީ ލަންކާ އެވެ. ހަތަރު ވަނައިގައި ބަންގްލަދޭޝް އޮތްއިރު، ތާވަލްގެ ފުލުގައި އޮތީ ބޫޓާން އެވެ.

މި މުބާރާތުގައި ރާއްޖެ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވިއިރު، ދެ މެޗުން ވަނީ މޮޅުވެފަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 105-39 ޕޮއިންޓުންނެވެ. ދެ ވަނަ މެޗުގައި ނޭޕާލް އަތުން 36-77 ޕޮއިންޓުން ބަލިވިއިރު، އިއްޔެ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ މޮޅުވީ 62-28 ޕޮއިންޓުންނެވެ.

މި މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމު ކަށަވަރުވާނީ ތާވަލްގެ އެއް ވަނައިގައި މިވަގުތު އޮތް ސްރީލަންކާ އާއި ދެ ވަނައިގައި އޮތް ނޭޕާލް ބައްދަލުކުރާ މެޗަށްފަހު އެވެ. މުބާރާތުގެ ފަހު މެޗުގައި ސްރީލަންކާ އާއި ނޭޕާލް ބައްދަލުކުރާނީ މާދަމާ އެވެ. މި ދެޓީމު ވެސް ވަނީ މުބާރާތުގައި ކުޅުނު ތިން މެޗުން މޮޅުވެފަ އެވެ.

comment ކޮމެންޓް