ބަންގްލަދޭޝް ބަލިކޮށް ރާއްޖެއިން ފުރަތަމަ މޮޅު ހޯދައިފި

ވިމެންސް ސާބާ ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން: ރާއްޖެ އޮތީ މުބާރާތުގެ ޕޮއިންޓް ތާވަލްގެ ތިން ވަނައިގައި -- ފޮޓޯ: އާކޯނެޓްވޯކް

އެއްވަނަ ވިމެންސް ސާބާ ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުގައި ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދައި، މުބާރާތުގައި ރާއްޖެއިން ފުރަތަމަ މޮޅު ހޯދައިފި އެވެ.

ނޭޕާލްގެ ކަތަމަންޑޫގައި ކުރިއަށްދާ މި މުބާރާތުގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން މޮޅުވީ 62-28 ޕޮއިންޓުންނެވެ.

މި މެޗުގެ އިތުރުން މުބާރާތުގައި ރާއްޖޭގެ ގައުމީ އަންހެން ބާސްކެޓް ބޯޅަ ޓީމު ވަނީ ކުރިން ދެ މެޗެއް ކުޅެފަ އެވެ. މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 105-39 ޕޮއިންޓުންނެވެ. ދެ ވަނަ މެޗުގައި ނޭޕާލް އަތުން ރާއްޖެ ބަލިވީ 36-77 ޕޮއިންޓުންނެވެ.

މި މުބާރާތުގެ ޕޮއިންޓް ތާވަލްގެ އެއް ވަނައިގައި ނޭޕާލް އޮތްއިރު، ދެ ވަނައިގައި އޮތީ ސްރީ ލަންކާ އެވެ. ތިން ވަނައިގައި ރާއްޖެ އޮތްއިރު، ހަތަރު ވަނައިގައި އޮތީ ބަންގްލަދޭޝް އެވެ. އަދި ތާވަލްގެ ފުލުގައި އޮތީ ބޫޓާން އެވެ.

ފަސް ގައުމަކުން ވާދަކުރާ މި މުބާރާތުގައި މާދަމާ ރާއްޖެ ނުކުންނަން ޖެހޭނީ ބޫޓާންއާ ދެކޮޅަށެވެ.

comment ކޮމެންޓް