އެމެރިކާއިން ޔަމަނަށް ވައިގެ ވަރުގަދަ ޙަމަލާތަކެއްދީ ހަތްދިހަ ވަރަކަށް މީހުން މަރާލައިފި

އެމެރިކާ ޔަމަނަށް ކުރިން ދިން ޙަމަލާތަކެއްގައި މަރާލާފައިވަ ބަޔަކު --

ވޮޝިންޓަން (މާޗް 23): ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްއަށް އިއްޔެދިން ޓެރަރިސްޓް ޙަމަލާތަކަށްފަހު އެމެރިކާ ސިފައިން ޔަމަންގައިވާ އަލްގާއިދާގެ މަރުކަޒަކަށް ވައިގެ ޙަމަލާތަކެއްދީ ގިނައަދަދެއްގެ ބަޔަކު މަރާލައިފިއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިން ބުނީ މިޙަމަލާތަކުގައި މަރާލީ އަލްގައިދާއަށް ނިސްބަތްވާ ހަނގުރާމަވެރިން ކަމުގައެވެ. ނަމަވެސް މިއީ ތެދެއްކަން ކަށަވަރުވެފައެއް ނުވެއެވެ. އަދި އެމެރިކާގެ ޙަމަލާތަކުގައި ޔަމަންގެ އާންމުން މަރުވިކަން ނުވަތަ ނޫންކަންވެސް ސާފުވެފައެއް ނުވެއެވެ.

ޕެންޓަގަންގެ ތަރްޖަމާން ޕީޓަރ ކުކް ވިދާޅުވީ، މި ޙަމަލާތަކުގެ ބޭނުމަކީ ޔަމަންގައިވާ އަލްގާއިދާގެ ހާލިތައް ހަލާކުކޮށްލުމުގެ އިތުރުން އެމެރިކާއަށް ހަމަލާދިނުމުގެ ގާބިލްކަން އަލްގާއިދާގެ ކިބާގައި ކުޑަކުރުން ކަމަށެވެ. މިއީ ބްރަސަލްސްއަށް ދިން ޓެރަރިސްޓް ޙަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ދިން ޙަމަލާތަކެއްކަން ނުވަތަ ނޫންކަން ކުކް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް އެމެރިކާއިން މިޙަމަލާތައްދިނީ ބްރަސަލްސްއަށް ދިން ޓެރަރިސްޓް ޙަމަލާތަކަށް ސައުވީސް ގަޑީއިރުވެސް ނުވަނީހެވެ.

ބްރަސަލްސްއަށް ދިން ޙަމަލާތަކުގައި ތިރީސް ހަމީހުން މަރުވެ ދުއިސައްތައަށްވުރެ ގިނަމީހުން ޒަޚަމްވެފައިވެއެވެ. އެހަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ އަލްގާއިދާގެ އެންމެ ބޮޑު ދުޝްމަން ޖަމާއަތް ކަމަށްވާ އައިއެސް ޖަމާއަތުންނެވެ. މިދެ ޖަމާއަތަކީ ޓެރަރިޒަމްގެ އަމަލުތައް ހިންގުމުގައި ވާދަޖަހަމުންދާ ދެޖަމާއަތެވެ. މީގެއިތުރުން އިސްލާމީ ދުނިޔެއަށް ބާރާއި ނުފޫޒު ހިންގުމަށްޓަކައި އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ހަނގުރާމަކުރަމުން ގެންދާ ހަރުކަށި ދެ ޖަމާއަތްވެސް މެއެވެ. ނަމަވެސް މިދެ ޖަމާއަތަކީވެސް އިސްލާމް ދީނުގެ ނަމުގައި އެ ދީނާ މުޅިން ޚިލާފަށް މުސްލިމުންނާއި ޣައިރު މުސްލިމުން މެރުމާއި ހަރުކަށި ތަކްފީރީ ފިކުރުތައް ފެތުރުމާއި އިސްލާމްދީނުގެ ނަން ހުތުރުކުރުމުގައި ހައްދު ފަހަނަޅާފައިވާ ދެ ޖަމާއަތެވެ.

ކުކް ވިދާޅުވީ، އެމެރިކާއިން ވައިގެ ޙަމަލާތައްދިން އަލްގާއިދާގެ މަރުކަޒުގައި 70 އަށްވުރެ ގިނަ އަލްގާއިދާގެ ހަނގުރާމަވެރިން ތިބި ކަމަށާއި އެމެރިކާގެ ޙަމަލާތަކުގައި އެއެންމެން މަރުވެފައިވާނެކަމަށް ބެލެވޭކަމުގައެވެ. ބްރަސަލްސްއަށް އިއްޔެ ދިން ހަމަލާތަކަކީވެސް އަލްގާއިދާއާއި އައިއެސް އާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާއާއި ޔޫރަޕުން އިސްލާމީ ގައުމުތަކަށް ދޭ ޙަމަލާތަކަށް ބަދަލުހިފުމުގެ ޙަމަލާތަކެއްކަމަށްވަނީ ބެލެވިފައެވެ.

އަދި ބްރަސަލްސްގެ ޙަމަލާތަކަކީ އިސްލާމީ ގައުމުތަކަށް ހަމަލާދީ އިސްލާމީ ގައުމުތަކަށް އަރައިގަނެ ބައެއް ސަރުކާރުތައް ވައްޓާލައި އަނެއްބައި ސަރުކާރުތައް ބަލިކަށިކޮށްލުމުން ހުޅަނގަށްވެސް އަމާންކަން ނެތްކަން އަންގައި ދިން ޙަމަލާތަކެއްވެސް މެއެވެ. މީގެއިތުރުން އިސްލާމީ ގައުމުތަކުގެ ރެފިއުޖީންގެ ހިޖްރައިގެ ސަބަބުންވެސް ޔޫރަޕަށްވަނީ ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާންޖެހިފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް