އެއް ރުފިޔާ އަށް ހުޅުމާލެއިން ބިމެއް ވިއްކަން ކުރި ހުކުމެއް ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ހުޅުމާލެ މަގު މަތި ---- ސަން ފައިލް ފޮޓޯ

އެއް ރުފިޔާއަށް ބިމެއް ނުވިއްކޭނެ ކަމަށް ކަނޑައަޅައި ހުޅުމާލެއިން އެއް ރުފިޔާއަށް ބިމެއް ވިއްކަން ހުށަހެޅި މައްސަލައެއްގައި ހުޅުމާލޭ ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފައި ވަނީ މ. ޕިންކު ފްލާވާ ހުސައިން މުހައްމަދުފުޅުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ 155.19 އަކަމީޓަރުގެ ބިމާއި އެބިމުގައިވާ އެންމެހައި އިމާރާތްތަކާއި ނުއުފުލޭ މުދާ އީވް މޯލްޑިވްސް ޓްރަވަލް އެންޑް ޓްއާސް ޕްރައިވެޓް ލިމިޓެޑަށް އެއް ރުފިޔާ އަށް ވިއްކަން އޭނާ ހުށަހެޅުމުން ހުޅުމާލޭ ކޯޓުން ބަލާފައިވާ މައްސަލައިގެ ހުކުމެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ އެ ހުކުމަކީ އަދުލުއިންސާފުގެ ބޭނުން ނަހަމަގޮތުގައި ހިފުމަށް މަގުފަހިވާގޮތަށް، ޝަރުއީގޮތުން އަގެއް ކަމަށް ނުބެލެވޭ އަދި ފާޅުކަންބޮޑު ގޮތެއްގައި މުދަލެއް އޭގެ ނުއަގުގައި ވިއްކުމަށް ހުކުމްކޮށްފައިވާ ގަޒިއްޔާއެއް ކަމަށެވެ.

އެހެންކަމުން ހުޅުމާލޭ ކޯޓުގެ ހުކުމަކީ ނިޒާމް އާންމާ ޚިލާފު އަދި ތަންފީޒީ ބާރު ލިބިގެންނުވާ ބާތިލް ގަޒިއްޔާ އެއްކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

comment ކޮމެންޓް