"ބަޔަކު ގެންނާކަށް ނުޖެހޭ، އަބާދީގެ 75 ޕަސެންޓަށް ވާނީ މި ސަރަހައްދު"

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)-- ފޮޓޯ/ މަޖިލިސް

މާލެ ސަރަހައްދަށް ރަށް ރަށުން މީހުން ގެންނަން ނުޖެހޭނެ ކަމަށާއި މާލެ ސަރަހައްދު ތަރައްގީ ކުރުމުން އެ ސަރަހައްދަށް "އޮޓަމެޓިކުން" މީހުން އަންނާނެ ކަމަށާއި ހުޅުމާލޭގެ ތަރައްގީކޮށް ނިމެނޭއިރު ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަކީ މާލެ ސަރަހައްދު ކަމަށް ސަރުކާރު ހިންގާ ޕީޕީއެމް، ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ސަލީމް މިއަދު ވިދާޅުވީ ރާއްޖޭގެ އާބާދީގެ 50 ޕަސެންޓު މީހުން މިހާރު ވެސް ދިރިއުޅެނީ މާލެ ސަރަހައްދުގައި ކަމަށެވެ. އެ މީހުންނަކީ މި ސަރަހައްދަށް ގެނައި ބައެއް ނޫން ކަމަށާއި ތަރައްގީވަމުން އަންނަ ސަރަހައްދުތަކަށް މީހުން އަންނާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

"ބަލަ މީހާރު ނުގެނަޔަސް އަމިއްލައަށް އައިސް މިތާ އެބަތިއްބޭ (މާލެ ސަރަހައްދުގައި) ރާއްޖޭގެ 50 ޕަސެންޓް. މުޅި ރާއްޖޭގެ 50 ޕަސެންޓް ތިބީ މި ސަރަހައްދުގައޭ. ހުޅުމާލެ ނިމޭއިރު ބަޔަކު ނުގެނަޔަސް އޮޓަމެޓިކުން ހުޅުމާލެ ނިމޭއިރު 25 ޕަސެންޓް އައިސް ތިބޭނެ. މީހަކު ގެންނާކަށް ނުވެސް ނުޖެހޭނެ،" އޭދަފުށި ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

މާލެއާ އެއްފެންވަރަކަށް އަތޮޅު ތެރެ ތަރައްގީވެގެން ނުދާނެ ކަމަށް އިޝާރާތްކޮށް ސަލީމް ވިދާޅުވީ ކެޕިޓަލް ސިޓީއާ އެއްވަރަށް ރަށްފުށުގެ ހިސާބުތައް ތަރައްގީ ކުރުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކާމިޔާބު ކުރެވިފައިވާ ކަމެއް ނޫން ކަމަށެވެ.

"ކެޕިޓަލް ސިޓީ ތަރައްގީ ވެގެންދާ ވަރަކަށް ރަށްފުށު ތަރައްގީވެގެން ނުދާނެ. އެއީ ކުރެވޭނެ ކަމެއް ނޫން. އެއީ އެކަން އޮތް ގޮތް. ދުނިޔޭގެ އެއްވެސްތަކެއްގައި ކުރެވިފައި އޮތް ގޮތެއް ނޫން އެއީކީ،" އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ރަށްފުށު ހިސާބުތައް ތަރައްގީ ނުކުރެވޭނެ ކަމަށް ވިދާޅުވެ، މިސާލު ޖައްސަވަމުން ސަލީމް ވިދާޅުވީ އަވައްޓެރި އިންޑިއާއަށް ރަށްފުށުގައި ބައެއް ތަންތަނުގައި ކަރަންޓެއް ވެސް ނެތް ކަމަށާއި ކިޔައިވައި ދެނީ ކުދި ކުދި ސްކޫލްތަކުގައި ކަމަށެވެ.

"އެއީ ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު" ސަލީމް ވިދާޅުވި އެވެ.

"ދެން މިރާއްޖޭގައި އަޅުގަނޑުމެން ބުނަންވީ. މާލެއާ އެއް ފެންވަރެއްގައި އެންމެ ކުޑަ ރަށް ވެސް އޮންނާނެއޭ. ނޯންނާނެ، ތަފާތުވާނެ. ސިއްހީ ހިދުމަތެއް އެއް ފެންވަރެއްގައެއް ނުދެވޭނެ. އެކަމަކު ރާއްޖެއަށް ބަލައިލާއިރުގައި ކުޑަ ރަށެއްގައި ވިޔަސް ބޮޑު ރަށެއްގައި ވިޔަސް އެއް ފެންވަރެއްގައި. އެ ރަށެއްގއި މީހުން ތިބި މިންވަރަކުން."

comment ކޮމެންޓް