މަޖިލީހުގެ މެމްބަރުންނަށް ގާނޫނު އަސާސީން ލާޒިމްކުރާ މާލީ ބަޔާން ހުށަހެޅުން، ހިތަދޫ މެދުދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުޙައްމަދު ދީދީ ފުރިހަމަކުރައްވައި އެވެ.
ދީދީ މަޖިލީހަށް ހުށަހެޅުއްވި މާލީ ބަޔާނުގައި އަރަންޏާއި ދަރަނި ހިމެނޭ ގޮތަށް ފައިސާގެ ތަފްސީލުތައް ހާމަކޮށް މައުލޫމާތު ފުރިހަމަކޮށްފައި ވާއިރު، އޭނާގެ މިލްކިއްޔާތުގައި ދެ ގޯއްޗާއި، ކާރަކާ ސައިކަލެއްގެ އިތުރުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ އެބަ ހުއްޓެވެ.
ދީދީގެ މިލްކިއްޔާތުގައި ވަނީ ހ. ދޫރިހާ ކިޔާ ގޯއްޗަކާއި، ސ. ހިތަދޫ ލެގޫންވިއު ކިޔާ ގޯއްޗެކެވެ.
މަޖިލީހުގެ މުސާރައާ އިނާޔަތްތަކުގެ ގޮތުގައި ދީދީއަށް 874،775 ރުފިޔާ ލިބިފައިވާއިރު، ޕެންޝަން ފައިސާގެ ގޮތުގައި 236،160 ރުފިޔާ ލިބިފައިވެ އެވެ. އަދި ހ. ދޫރިހާގެ ކުލީގެ ގޮތުގައި 185،040 ރުފިޔާ އާއި ސި. ހިތަދޫ ލެގޫންވިއުގެ ކުލީގެ ގޮތުގައި 265،000 ރުފިޔާ ލިބިފައިވާ ކަމަށް މާލީ ބަޔާނުގައިވެ އެވެ.
ދީދީގެ އަމިއްލަ ވިޔަފާރިއެއް ނެތް ނަމަވެސް، އެމްޓީސީސީގައި އެއް ހިއްސާ އާއި އެމްޓީޑީސީގައި 100 ހިއްސާ އޮންނާނެ ކަމަށް މާލީ ބަޔާނުގައިވެ އެވެ.
- އަހަރު ނިމުނުއިރު މިލްކިއްޔާތުގައި ހުރި ފައިސާ - 290،341.88 ރުފިޔާ
- މުސާރަ އާއި ކުލިން އަހަރަކު ލިބޭ ފައިސާ - 1،560،975 ރުފިޔާ
- އެކި އެކި ބޭނުމަށް އަހަރުތެރޭ ކުރެވިފައިވާ ހަރަދު - 1،270،633.12 ރުފިޔާ
ދީދީގެ މާލީ ބަޔާންނުގައި ހިމަނާފައިވާ ތަފްސީލުތަކަކީ މެއި 28، 2014 އިން ފެށިގެން މިދިޔަ އަހަރުގެ މެއި 27ގެ ނިޔަލަށް ހިނގާފައިވާ މާލީ ހިސާބުތަކެކެވެ.
މެއި 28، 2014 އަކީ މިހާރު އިންތިހާބުވެފައިވާ މަޖިލީހުގެ މެމްބަރުން މަގާމުގެ ހުވާ ކުރި ދުވަހެ އެވެ. އެހެންކަމުން މަޖިލީހުގެ މެމްބަރުން މާލީ ބަޔާން ހުށަހަޅަންޖެހޭނީ މަގާމާ ހަވާލުވި ދުވަހުން ފެށިގެން ކުރިއަށް އޮތް އެއް އަހަރުގެ މުއްދަތަށެވެ.
މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނުނާއި މަޖިލީހުގެ ގަވާއިދުގެ ދަށުން މެމްބަރުންގެ މާލީ ބަޔާން އާންމު ކުރަން ލާޒިމެއް ނޫނެވެ.
ގާނޫނު އަސާސީގެ 76 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ މެމްބަރަކު ވެސް އަހަރަކު އެއްފަހަރު މާލީ ބަޔާން މަޖިލީހުގެ އަމީންއާންމަށް ހުށަހަޅަން ޖެހޭނެ އެވެ.
ގާނޫނު އަސާސީގެ 76 ވަނަ މާއްދާ
- ކޮންމެ މެމްބަރަކުމެ ކޮންމެ އަހަރަކު އެއްފަހަރު އެމީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތު ތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެ އެވެ. އަދި މިގޮތުން ދޭ މައުލޫމާތުގައި އެމީހަކު އަދާކުރާ އެހެން ވަޒީފާތަކާއި އެ ވަޒީފާތަކުގެ ޒިންމާތައް ހިމަނަންވާނެ އެވެ.