ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީއަށް އާމްދަނީ ލިބެނީ މުސާރަ އާއި ކުލިން ކަމަށާއި މިހާރު މިލްކިއްޔާތުގައި 1.5 މިލިއަން ރުފިޔާ ހުރި ކަމަށް ބުނެ އޭނާ މާލީ ބަޔާން އާންމުކޮށްފި އެވެ.
މިހާތަނަށް މިލްކިއްޔާތުގައި 1.5 މިލިއަން ރުފިޔާ ހުރި އިރު ގ. އޮއިނާށި އަކީވެސް މާރިޔާގެ މިލްކިއްޔާޓުގެ ހިމެނޭ ގޯއްޗެކެވެ. އޭގެ އިތުރުން ވިޔާފާރި ހިންގަމުންދާ ދޮންހިޔަލަ ޕްރައިވެޓް ލިމިޓެޑްގެ 57 ޕަސެންޓް ހިއްސާ އޮންނަ ކަމަށް މާރިޔާގެ މާލީ ބަޔާނުގައި ވަނީ ބުނެފަ އެވެ.
މާރިޔާގެ މާލީ ބަޔާންނުގައި ހިމަނާފައިވާ ތަފްސީލުތަކަކީ މެއި 28، 2014 އިން ފެށިގެން މިދިޔަ އަހަރުގެ މެއި 27ގެ ނިޔަލަށް ހިނގާފައިވާ މާލީ ހިސާބުތަކެކެވެ. މެއި 28، 2014 އަކީ މިހާރު އިންތިހާބުވެފައިވާ މަޖިލީހުގެ މެމްބަރުން މަގާމުގެ ހުވާ ކުރި ދުވަހެ އެވެ. އެހެންކަމުން މަޖިލީހުގެ މެމްބަރުން މާލީ ބަޔާން ހުށަހަޅަންޖެހޭނީ މަގާމާ ހަވާލުވި ދުވަހުން ފެށިގެން ކުރިއަށް އޮތް އެއް އަހަރުގެ މުއްދަތަށެވެ.
- އަހަރު ނިމުނުއިރު މިލްކިއްޔާތުގައި ހުރި ފައިސާ - 1.5 މިލިއަން ރުފިޔާ
- މުސާރަ އާއި ކުލިން އަހަރަކު ލިބޭ ފައިސާ - 1.6 ރުފިޔާ
- އެކި އެކި ބޭނުމަށް އަހަރުތެރޭ ކުރެވިފައިވާ ހަރަދު - 1،709،449.72 ރުފިޔާ
މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނުނާއި މަޖިލީހުގެ ގަވާއިދުގެ ދަށުން މެމްބަރުންގެ މާލީ ބަޔާން އާންމު ކުރަން ލާޒިމެއް ނޫނެވެ.
ގާނޫނު އަސާސީގެ 76 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ މެމްބަރަކު ވެސް އަހަރަކު އެއްފަހަރު މާލީ ބަޔާން މަޖިލީހުގެ އަމީންއާންމަށް ހުށަހަޅަން ޖެހޭނެ އެވެ.
ގާނޫނު އަސާސީގެ 76 ވަނަ މާއްދާ
- ކޮންމެ މެމްބަރަކުމެ ކޮންމެ އަހަރަކު އެއްފަހަރު އެ މީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތު ތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެ އެވެ. އަދި މިގޮތުން ދޭ މައުލޫމާތުގައި އެ މީހަކު އަދާކުރާ އެހެން ވަޒީފާތަކާއި އެ ވަޒީފާތަކުގެ ޒިންމާތައް ހިމަނަންވާނެ އެވެ.
މިހާތަނަށް މާލީ ބަޔާން އާންމު ކުރި މަޖިލިސް މެމްބަރުންގެ ތެރޭގައި ހިމެނެނީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފެވެ.