ހޮކޭ ނެތުމަކީ ބޮޑު ގެއްލުމެއް، އަމާޒަކީ އަވޭ މެޗުންވެސް ރަނގަޅު ނަތީޖާއެއް: ސްޓައިކޯވް

ސްޓައިކޯވް ނިއުގެ ޕްރެކްޓިހުގައި، އޭނާ ބުނީ ހޮކޭ ނެތަސް ޓީމުގެ އަމާޒަށް ބަދަލެއް ނާންނާނެ ކަމަށް --- ސަން ފައިލް ފޮޓޯ/ މުޙައްމަދު އަފްރާހް

އޭއެފްސީ ކަޕްގެ ގުރޫޕް 'އެފް' ގައި ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ފިލިޕީންސްގެ ކަޔާ އެފްސީއާ ދެކޮޅަށް ނިކުންނައިރު ނިއުރޭޑިއަންޓްގެ ކޯޗް ބަލްގޭރިއާގެ ޔުރޮދާން އިވަނޯވް ސްޓައިކޯވްއަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ސިންގަޕޫރުގެ ބެލަސްޓީއާ ކަލްސާ އެފްސީއާ ދެކޮޅަށް ކުޅުނު މެޗްގައި އަނިޔާވެގެން ދަނޑުން ބޭލި ޓީމުގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) އަށް ނުކުޅެވުމެވެ.

މިދިޔަ މަހު 23 ވަނަ ދުވަހު ކުޅުނު އެ މެޗްގައި ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ހޮކޭ ދޮޅު މަސްދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަމަށް ޑޮކްޓަރުގެ ރިޕޯޓާ ހަވާލާދީ ހޮކޭ ބުންޏެވެ.

ހޮކޭ ޓީމުގައި ނެތެވެ. އޭނާ ނެތްތަން ފޫބެއްދުމަށް ނިއުއަށް އޮތީ ކޮން ހައްލެއް ހެއްޔެވެ. މިދިޔަ އަހަރުވެސް ސީޒަންގެ ކުރީ ކޮޅު ސަސްޕެންޝަންގެ ސަބަބު ހޮކޭ އަކަށް ނުކުޅެވުނެވެ. ނަމަވެސް އޭރު ހޮކޭ ނެތްތަން ފޫބެއްދުމަށް ނިއުގައި ކުޅުންތެރިން ތިއްބެވެ. ނަމަވެސް މިފަހަރު ނިއުގައި އޮތީ ވަރަށް ލިމިޓެޑް ސްކޮޑެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޓާފް ދަނޑު އެކެއްގައި ބޭއްވި ޕްރެކްޓިސްއަށް ފަހު ސަންއިން ކުރި ސުވާލަށް ޖަވާބު ދެމުން ސްޓައިކޯވް ބުނީ ހޮކޭ ނެތްތަން ފޫބައްދަން އެމަގާމަށް ކުޅޭ އެހެން ކުޅުންތެރިޔަކަށް ފުރުސަތު ދޭނެ ކަމަށެވެ.

"އެމަގާމަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން ހޮކޭ އަކީ ފުރަތަމަ ޗޮއިސް. ދެން ނެރޭ ކުޅުންތެރިޔެއްގެ ކިބައިގައި ހޮކޭގެ ފެންވަރު ނުހުރެދާނެ. އެކަމަކު އެތަން ފޫބެއްދުމަކީ އަހަރެމެން ކުރަންޖެހޭ ކަމެއް،" ސްޓައިކޯވް ބުންޏެވެ.

ނަމަވެސް އެތަން ފޫބެއްދުމަށް އޮތީ ކޮން ފޯމިއުލާއެއްތޯ ސުވާލުކުރުމުން ސްޓައިކޯވް ބުނީ ހޮކޭ ނެތުމަކީ ނިއުގެ އަމާޒަށް ބަދަލު އަންނާނެ ކަމެއް ނޫން ކަމަށާއި މަސައްކަތް ކުރަނީ އަވޭގައި މެޗް ކުޅެން ޖެހުނަސް މެޗުން އިތުރު ޕޮއިންޓް ހޯދުމަށް ކަމަށެވެ.

ސްޓައިކޯވް ބުނީ ފުރަތަމަ މެޗު ބަލިނުވެ ޕޮއިންޓެއް ލިބިފައި އޮތުމަކީ ނިއުއަށް ލިބޭ ހިތް ހަމަޖެހުމެއް ކަމަށާއި، މެޗުގެ ކުރިން ނެގެން ހުރި ހުރިހާ އެޑްވާންޓޭޖަކާ މެދު ނިއުއިން ވިސްނާނެ ކަމަށެވެ.

އޭނާ ބުނީ ނިއުގެ ބިދޭސީ ކުޅުންތެރިން އެންމެ ފަހުން ދެއްކި ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށާއި ޓީމާއެކު ގިނައިން ޕްރެކްޓިސް ކުރާ ވަރަކަށް އެ ކުޅުންތެރިންގެ ހުނަރު ފާހަގަ ވަމުން ދާނެ ކަމަށެވެ.

ނިއުއާ ދެކޮޅަށް ނިކުންނަ ކަޔާ އެފްސީ، އެޓީމު ކުޅުނު ފުރަތަމަ މެޗްގައި ހޮންކޮންގްގެ ކިޗީ އެފްސީ އަތުން ވަނީ ބަލިވެފައެވެ.

ނިއުއާ ކަޔާ އެފްސީ ބައްދަލު ކުރާ މެޗް އޮންނާނީ ރާއްޖޭ ގަޑިން އަންގާރަ ދުވަހުގެ އިރުއޮސި 6:30 ގައެވެ.

comment ކޮމެންޓް