އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރިޔަސް ބާރީ މެން ކަހަލަ ފަނޑިޔާރުންގެ ވާހަކަ ދައްކާނަން: މަހްލޫފް

އާޓިފިޝަލް ބީޗުގައި މީގެ ކުރިން ބޭއްވި ޖަލްސާއެއްގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރި ނަމަވެސ،ް ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފް "ކަހަލަ ފަނޑިޔާރުން"ގެ ވާހަކަ ދައްކާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

"ކޮރަޕްޝަން ޔަގީން" ގެ ނަމުގައި މިހާރު އެމްޑީޕީން ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަދައްކަވަމުން މަހްލޫފް ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްވެސް ޖަލަށް ހުކުމް ކުރީ އެތައް ފައިސާއެއް ނަގައިގެން ކަން އެނގޭ ކަމަށެވެ.

ރައީސް ނަޝީދުގެ މައްސަލައާއި ނާޒިމްގެ މައްސަލަ ބެއްލެވި ބެންޗުގައިވެސް ގާޒީ ބާރީ އިންނެވި އެވެ. އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ މައްސަލަވެސް ބައްލަވަނީ ގާޒީ ބާރީ އެވެ.

"އަޅުގަނޑު މެންނަށް ރަނގަޅަށް އިނގޭ އެތައް ފައިސާ އެއް ނަގައިގެން ރައީސް ނަޝީދު އަށް ވެސް ކާނަލް ނާޒިމް އަށް ވެސް ހުކުމް ކުރީ. އަޅުގަނޑުމެން އެއްލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރިޔަސް މިފަދަ ފަނޑިޔާރުންގެ ވާހަކަ ދައްކާނަން،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވަނީ ރާއްޖޭގައި "ގާޒީ ބާރީމެން ސައިޒް ވާނެ ދުވަހެއް އަންނާނެ" ކަމަށް ވިދާޅުވެފައެވެ.

މަހްލޫފްގެ އިތުރުން އެމްޑީޕީ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވެސް ވަނީ ގާޒީ ބާރީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ގާޒީ ބާރީ އަކީ މިހާރު ކޯޓުގައި ހުކުމް ކުރުމުގެ އެއްވެސް ހައްގެއް އޮތް މީހެއް ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ.

"އިމްރާންގެ ޝަރީއަތުގައި ގާޒީ އަބްދުލް ބާރީ ވިދާޅުވެފައި އެބަހުރި ތިމަންނަ މިއިނީީ ވަކިގޮތެއް ނިންމައިގެންނޭ. ކޮން ގޮތެއްތޯ މިނިންމެވީ. ޝައިހް އިމްރާނަށް ހުކުމް ކުރައްވާނެ ގޮތް. ގާޒީ އަބްދުލް ބާރީ ޔޫސުފް އަކީ މިވަގުތު ކޯޓުގައި ހުކުމް ކުރަން އިންނެވުމުގެ އެއްވެސް ހައްގެއް އޮތް މީހެއް ނޫން،" ޑރ.މަޖީދު ވިދާޅުވި އެވެ.

މަޖީދު ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމާ ކޯޓުތަކަށްވެސް ފާޑުވިދާޅުވެފައެވެ.

comment ކޮމެންޓް