ޗެލްސީ އަށް އަދިވެސް ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު އެބަ އޮތް

ގޫސް ހިޑިންކް: އޭނާ ޗެލްސީގެ ކޯޗު ކަމާ ހަވާލުވީ މި ސީޒަނުގެ ނިޔަލަށް --- ފޮޓޯ:އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެން މި ސީޒަން ނިއްމާލުމުގެ ފުރުސަތު އަދިވެސް ފަހި ވެފައިވާ ކަމަށް އެ ޓީމުގެ ވަގުތީ ކޯޗް ގޫސް ހިޑިންކް ބުނެފިއެވެ.

އެންމެ ފަހުގެ ލީގު ޗެމްޕިއަންކަން ނަގާފައިވާ ޗެލްސީ މި ސީޒަނުގައި ކުޅުނު 20 މެޗުގެ ތެރެއިން ނުވަ މެޗުން ބަލިވެފައިވާ އިރު މޮޅުވެފައިވަނީ އެންމެ ހަ މެޗުންނެވެ. އަދި ފަސް މެޗުން އެއް ވަރުވެ ތާވަލުގެ 14 ވަނާގައި އޮތް އިރު އެ ޓީމުގެ ކޯޗް ހިޑިންކް ބުނީ މި ލީގަކީ ވަރަށް އުދަގޫ ލީގެއް ކަމަށާއި ކޮންމެ ޓީމަކީ ވެސް އަނެއް ޓީމަށް ބަލިކުރެވޭނެ ވަރުގެ ޓީމެއް ކަމަށެވެ.

"ޗެލްސީ މިވަގުތު މި އޮތް ހިސާބުން ގަދަ ހަތަރެކަށް އެރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނީ. ނަމަވެސް އެއީ ނުވާނެ ކަމައްވެސް ނޫން. އެކަމަކު ވަރަށް ގިނަ ހުރަސް ތައް ގިރާ ކުރުމަށް ފަހު ގަދަ ހަތަރަކަށް އެރޭނީ،" ހިޑިންކް ބުންޏެވެ.

މި ސީޒަން ފެށިގެން އެ ޓީމުން ނެރެމުން ދިޔަ ދަށް ނަތީޖާ ތަކުގެ ސަބަބުން އެ ކުލަބުގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ކޯޗު ހޯސޭ މޮރީނިއޯ ވަކި ކޮށް ކޯޗެއްގެ ގޮތުގައި ހިޑިންކް އައްޔަނު ކުރި ފަހުން އެ ޓީމު ކުޅުނު އެއް ވެސް މެޗަކުން ބަލިވެފައި ނުވެއެވެ.

މި ސީޒަނުގެ ނިޔަލަށް ޗެލްސީގެ ކޯޗު ކަމާ ހަވާލުވި ހިޑިންކްގެ އެންމެ ބޮޑު އެއް އަމާޒަކަށް ވެފައިވަނީ އެ ޓީމު ލީގުގެ ގަދަ ހަތަރަކަށް ގެންގޮސްދީ ދެން އޮންނަ ޗެމްޕިއަންސް ލީގުގެ ޖާގަ އެއް އެ ޓީމަށް ހޯދައި ދިނުމެވެ.

comment ކޮމެންޓް