ބޮން ހޯދާ ކުއްތާ ގެންނަން ސަރުކާރުން ނިންމައިފި

ފުލުހުން ކުއްތާ ބޭނުން ކުރާގޮތް ދައްކާލަނީ ---- ސަން ފައިލް ފޮޓޯ

ބޮމާއި ގޮވާޒާތުގެ އެހެނިހެން ތަކެތި ހުރިތޯ ޗެކްކުރުމުގެ ގާބިލުކަން ލިބިފައިވާ ކުއްތާތައް ރާއްޖެ ގެނަން ސަރުކާރުން ނިންމައިފި އެވެ.

ދިޓީވީ އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މިއަހަރުގެ ތެރޭގައި އިތުރު 16 ކުއްތާ ގެނައުމަށް ނިންމާފައިވާ ކަމަށާއި އޭގެ ތެރޭގައި ގޮވާއެއްޗިހި ހުރިތޯ ދެނެގަނެވޭނެ ކުއްތާ ހިމެނޭ ކަމަށެވެ.

"ގޮވާއެއްޗިހި ހޯދައި ދެނެގަންނަ، ގޮވާތަކެތީގެ ވަސްބަލާ ކުއްތާތައް ވެސް އަންނާނެ،" އުމަރު ވިދާޅުވި އެވެ.

މިހާރު ބޭނުންކުރަމުން އަންނަ ކުއްތާތައް ގެނައީ ވެސް މިދަޔަ އަހަރުގެ ތެރޭގަ އެވެ. އަދި އެކުއްތާތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނު ރާއްޖެ އިން ބޭރުން ދިވެހި ފުލުހުންގެ ޓީމަކުން ވަނީ ހޯދައިފަ އެވެ.

އުމަރު ވިދާޅުވީ މިއަހަރުގެ ތެރޭގައި ވެސް ކުއްތާތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނު ހެދުމަށް ޓަކައި ދިވެހި ފުލުހުންގެ ޓީމެއް ރާއްޖެއިން ބޭރަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ކުއްތާތައް ބޭނުންކޮށްގެން ފުލުހުން ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ފުލުހުންގެ މަސައްކަތަށް އިތުރު ހަރުދަނާ ކަމެއް އައިސްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފާއިތުވި ދެ އަހަރު ކުރި މަސައްކަތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މިންވަރު މަދުކުރެވިއްޖެ ކަމަށާއި ނަމަވެސް އެއީ ކުޑަ ކާމިޔާބީއެއް ކަމަށެވެ. އަދި އެ މައްސަލައަށް ހައްލެއް ހޯދަން 15 ވަރަކަށް އަހަރު ނަގާނެ ކަމަށް ވެސް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.

comment ކޮމެންޓް