އަޅާލުން ކުޑަވެފައިވާ ޓްރޮޕިކަލް ބަލިތަކަށް އަހައްމިޔަތުކަން އިތުރުކުރަންޖެހޭ: ޑަބްލިޔުއެޗްއޯ

ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި މީހުން ނުކުޅެދުންތެރިވެ، މީހުން މަރުވަމުންދާ ނުރައްކާތެރި ބަލިތައް ނައްތާލުމަށް އައު އިތްވަރަކާއެކު މަސައްކަތް ކުރުމަަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ގޮވާލައިފިއެވެ.

އިރުމަތީ އޭޝިއާއިން ނައްތާލުމަށް އަމާޒު ހިފާފައިވާ ބަލިތަކީ ކަލަ-އަޒާރު، ލެޕްރަސީ، ޔޯސް، ލިމްފެޓިކް ފިލޭރިޔާސިސް އަދި ޝިސްޓޯސޮމަޔަސިސް އެވެ.

"އަޅާލުން ކުޑަވެފައިވާ ބަލިތަކޭ ކިޔުނު ކަމުގައިވިޔަސް މި ބަލިތަކަކީ ފަގީރުންގެ ތެރެއިން އެންމެ ފަގީރުންނާއި އަޅާނުލެވިފައިވާ މީހުންގެ ބަލިތަކެއް. މި ބަލިތައް ތަހައްމަލްކުރަމުން އަންނަ އާބާދީތަކުން ބަލިތައް ފޮހެލުމަށްޓަކައި އެފަދަ އާބާދީތަކަށް ހާއްސަކޮށްގެން އައު ސިޔާސީ އަޒުމަކާއެކު މަސައްކަތްތަކެއް ކުރަންޖެހޭ،" ޑަބްލިޔުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑައިރެކްޓަރު ޑރ. ޕޫނަމް ކެޓްރަޕާލް ސިންގު ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވީ ދެކުނު އިރުމަތީ އޭޝިއާގެ 11 މެމްބަރު ގައުމެއްގެ ސިއްހަތާ ބެހޭ ވަޒީރުންނާއި އެ ގައުމުތަކުގެ ސިއްހަތާ ބެހޭ ވުޒާރާތަކުގެ އިސް އޮފިޝަލުންނާ އެކު ޓީމޯރ ލެސްޓްގެ ވެރިރަށް ޑިލީގައި ކުރިއަށްދާ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

ޓްރޮޕިކަލް ބަލިތަކަކީ އެ ބަލިތައް ޖެހުމުން ފަރުވާނުކޮށްފިނަމަ މަރާ ކުރިމަތިލާންޖެހޭ ބަލިތަކެވެ. އަނެއް ބައި ބަލިތަކަކީ އެ ބަލިތައް ޖެހުމުން މީހުން އައިބުވެ ނުކުޅެދުންތެރިވާ ބަލިތަކެވެ. އައިބުވުމާއި ނުކުޅެދުންތެރިކަމަކީ ތަފާތުކުރުންތަކާ މީހާ ކުރިމަތިކުރުވައި، އޭނާއާ މެދު މީހުން ދެކޭ ގޮތް ނިކަމެތިވެ، މުޖުތަމައުއިން އޭނާ އެކަހެރިކުރުވާ ކަންކަމެވެ. އަދި މީގެ ސަބަބުން އޭނާ އިތުރަށް ފަގީރުވާން މެދުވެރިވެއެވެ.

މިފަދަ ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑު އާބާދީތަކުގައި މި ބަލިތައް ކުރިއާލައި ދެނެގަތުމަށް އިތުރަށް ފާރަވެރިވެ، ކުރީކޮޅުގައި ފަރުވާދީ ފަސޭހަކޮށް، ބަލި ޖެހުން ކުރިއާލާ ހުއްޓުވުމަށް ބޭނުންވާ ފަރުވާ ހޯދުމަކީ އެންޓީޑީ ބަލިތައް ނައްތާލުމުގެ ސްޓްރެޓަޖީގެ މައިގަނޑު ކަންތައްތަކެވެ. މި ކަންކަން ތަންފީޒުކުރެވޭނީ، ހާއްސަކޮށް ގައުމީ ފަންތީގައި، ރަނގަޅު ޕްރޮގްރާމްތައް ހިންގައިގެންނެވެ.

އައު އަޒުމަކާއެކު ފަށާއިރު އެކިއެކި ސެކްޓާތައް ގުޅިގެން މަސައްކަތްކޮށް، އެންޓީޑީތަކުގެ ސަބަބުން ދިމާވާ އިޖްތިމާއީ ކަންކަން ހައްލުކުރުމަށް ސިއްހަތާ ނުގުޅޭ ސެކްޓާތަކުންވެސް އަހައްމިޔަތުކަން ދޭން ޖެހޭ ކަމަށް ޑޮކްޓަރ ކެޓްރަޕާލް ސިންގް ވިދާޅުވި އެވެ.

އެންޓީޑީ ބައްޔެއް ކަމަށްވާ ލެޕްރަސީއަކީ އެއާ ދެކޮޅަށް ކުރިއެރުންތަކެއް ލިބިފައިވާ ބައްޔެއްކަމުގައިވީ ނަމަވެސް، ލެޕްރަސީ އަކީ ދެކުނު އިރުމަތީ އޭޝިއާގެ ހުރިހާ ގައުމެއްގައި ވެސް އެންޑެމިކް ބައްޔެއްގެ އެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ބައްޔެކެވެ. ދެހާސްތޭރަވަނަ އަހަރު ދުނިޔޭގައި ރިޕޯޓްކުރި ލެޕްރަސީ ކޭސްތަކުގެ ތެރެއިން 73 އިންސައްތަ ކޭސް ނުވަތަ 155،000 ކޭސް ރިޕޯޓުކޮށްފައިވަނީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުންނެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 126،000 ކޭސް ރިޕޯޓުކޮށްފައިވަނީ އިންޑިޔާއިންނެވެ. މި ސަރަހައްދުގެ ހަ ގައުމު - އިންޑިޔާ، ބަންގްލަދޭޝް، އިންޑޮނީޝިއާ، މިޔަންމާ، ނޭޕާލް އަދި ސްރީލަންކާ - އަކީ ދުނިޔޭގައި ލެޕްރަސީ ޖެހިފައިތިބި މީހުން އުޅޭ ގައުމުތަކުގެ ތެރެއިން ހައި ބަރޑަން ގައުމުތަކެވެ. މި ގައުމުތަކުން އަހަރަކު 1000 އައު ލެޕްރަސީ ކޭސް ރިޕޯޓްކުރަމުން އަންނައިރު، 2013 ވަނަ އަހަރު ދުނިޔޭގައި ލެޕްރަސީ ނުކުޅެދުންތެރިކަމުގެ 60 އިންސައްތަ ހިއްސާކުރީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދެވެ.

ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި ލިމްފެޓިކް ފިލޭރިޔާސިސް ޖެހިފައިވާ 60 މިލިއަން މީހުން ދިރިއުޅެއެވެ. މިއީ ދުނިޔޭގައި މިބަލި ޖެހިފައިވާ އާބާދީގެ ދެބައިކުޅަ އެއްބައެވެ. މި ސަރަހައްދުގައި ގާތްގަނޑަކަށް 700.9 މިލިއަން މީހުންނަށް ލިމްފެޓިކް ފިލޭރިޔާސިސް ޖެހުމުގެ ބިރު އޮތް އިރު، ބޫޓާން އަދި ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެއާ ފިޔަވާ މި ސަރަހައްދުގެ ބާކީ ނުވަ ގައުމުގައި މި ބަލި ވަނީ އެންޑެމިކް ބައްޔެއްގެ ގޮތުގައި ފާހަގަވެފައެވެ.

ޑަބްލިޔުއެޗްއޯ ދެކުނުއިރުމަތީ އޭޝިއާ ސަރަހައްދުގައި ކަލަ-އަޒާރު ގެ 10،000 ކޭސް އަހަރެއްގެ މައްޗަށް ރިޕޯޓުކުރުއެވެ. ކަލަ-އަޒާރު ޖެހުމުގެ ފުރުސަތު ބޮޑު ހާލަތްތަކުގައި 147 މިލިއަން މީހުން ދިރިއުޅޭއިރު، ބަންގްލަދޭޝް، އިންޑިޔާ އަދި ނޭޕާލްގެ ބައެއް ހިސާބުތަކުގައި މި ބަލި ވަނީ އެންޑެމިކް ބައްޔެއްގެ ގޮތުގައި ފާހަވެފައިވެފައެވެ. އަދި ބޫޓާން އާއި ތައިލެންޑުންވެސް ކަލަ-އަޒާރު ކޭސްތައް ދޭތެރެދޭތެރެއިން އަންނަނީ ފެންނަމުންނެވެ.

އިންޑޮނީޝިއާ އަކީ ދުނިޔޭގައި ޔޯސް އެންމެ ގިނަ އެއް ގައުމެވެ. މި ސަރަހައްދުގައި ޔޯސްގެ ރިޕޯޓުތައް ލިބެމުން އަންނަ ދެ ގައުމަކީ ޓީމޯރ ލެސްޓް އާއި އިންޑޮނީޝިއާ އެވެ.

އިންޑޮނީޝިއާގެ ދެ ޑިސްޓްރިކްޓެއްގެ ވަކިވެފައިވާ ތިން ސަރަހައްދެއްގައި ޝިސްޓޯސޮމަޔަސިސް އުޅެއެވެ. މިފަދަ ސަރަހައްދުތަކަށް ދާން އުނދަގޫވުމާއި، ސާފު ފެނާއި އެކަށީގެންވާ ނަރުދަމާ ނިޒާމުތައް ނެތުމާއި ހޭލުންތެރިކަން ކުޑަވުމުގެ އިތުރުން ފިނިހަކަ ކޮންޓްރޯލްނުކުރެވުމަކީ ޝިސްޓޯސޮމަޔަސިސް ޖެހުމަށް ދިމާވާ މައިގަނޑު ބައެއް ސަބަބުތަކެވެ.

ދެކުނު އިރުމަތީ އޭޝިއާގައި އެންޓީޑީސް ނައްތާލުމަށް ޑަބްލިޔުއެޗްއޯ އިން އަންނަނީ އަހައްމިއްޔަތުކަން ދެމުންނެވެ. ކުރިއެރުންތަކެއް ލިބެމުން އައިނަމަވެސް މުޅި ދުނިޔެއިން މި ބަލިތައް ނައްތާލުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކޮށް، އެއަށް ފަހު އެގޮތުގައި ދެމިއޮތުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު