އިނގުރައިދޫގައި ފައިބަރު ދޯނި ބަނުމަށް ހަދާފައިވާ މޯލްޑެއްގައި ރޯކޮށްލައިފި

ރ. އިނގުރައިދޫގައި ފައިބަރު ދޯނި ބަނުމަށް ހަދާފައިވާ މޯލްޑެއްގައި ރޯވެ އަނދައިފި އެވެ.

އިނގުރައިދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ އަބްދުއްރަހްމާން މިއަދު ސަން އަށް ވިދާޅުވީ އެ ރަށު ސިނާއީ ސަރަހައްދުގައި ފައިބަރު ބަނުމަށް ހަދާފައިވާ މޯލްޑުގައި ރޯވެފައި ވަނިކޮށް ފެނުނީ އިއްޔެ އިރުއޮއްސި 6:30 އެހާކަންހާއިރު ކަމަށެވެ.

އަބްދުﷲ ވިދާޅުވީ އެ މޯލްޑުގައި ރޯވެފައި ވަނީ މީހަކު ނުވަތަ ބަޔަކު ގަސްދުގައި ރޯކޮށްލުމުން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

"ބޮޑަށް ބެލެވެނީ ރޯކޮށްލީ ކަމަށް. ސަބަބަކީ މީގެ ހަ މަސް ކުރިން ވެސް ހަމަ އެތަނުގައި ރޯކޮށްލާފައިވޭ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންދާލާފައި ވަނީ ޒަމާނުއްސުރެ އެރަށުގައި ފައިބަރު ދޯނި ބަންނަމުންދާ މީހަކު ފައިބަރު ދޯނި ބަނުމަށް ތައްޔާރުކޮށްފައިވާ މޯލްޑެއްގައި ކަމަށެވެ.

ރޯކޮށްލި ތަނާ ޖެހިގެން ހުރި ހަރުގޭގައި ބަނުމުގެ މަސައްކަތް ފަށާފައިވާ ހަ ފައިބަރު ދޯނި ހުރި ކަމަށާއި އެތަނަށް އަލިފާންގަނޑު ނުފެތުރެނީސް ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން އަލިފާން ގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އެ ހާދިސާގެ ސަބަބުން ވެރިފަރާތަށް ގާތްގަނޑަކަށް ހަ ލައްކަ އަށް ވުރެ ގިނަ ރުފުޔާގެ ގެއްލުން ލިބޭނެ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

"އެ މައްސަލަ އަޅުގަނޑުމެން މިދަނީ ތަހުގީގު ކުރަމުން. އަދި އެއްވެސް މީހަކު އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިނުވޭ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

comment ކޮމެންޓް