"ހަމީދު ނެތިގެން ދިޔުމަކީ ގައުމަށް ލިބިގެން ދިޔަ ވަރަށް ބޮޑު އުނިކަމެއް"

މިސުރުގެ އިސްލާމީ ފަތުވާދޭ މަރްކަޒު ދާރުލްއިފްތާއިން އިންތިޒާމްކޮށްގެން މި މަހު މިސްރުގެ ވެރިރަށް ގާހިރާގައި އޮތް ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރައީސް މައުމޫން އެނބުރި ރާއްޖެ ވަޑައިގަތުމުގެ ތެރެއިން: ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ކުރީގެ އެޓޮލްސް މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަބްދުﷲ ހަމީދު ފަދަ ބޭފުޅަކު އަވަހާރަވެގެން ދިއުމަކީ ގައުމަށް ލިބިގެން ދިޔަ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިސުރުގެ އިސްލާމީ ފަތުވާދޭ މަރުކަޒު ދާރުލްއިފްތާއިން އިންތިޒާމްކޮށްގެން މި މަހު މިސްރުގެ ވެރިރަށް ގާހިރާގައި އޮތް ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން އިބުރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އަބްދުﷲ ހަމީދު އަވަހާރަވެގެން ދިއުމަކީ މުޅި ގައުމަށް ލިބިގެން ދިޔަ ބޮޑު ހިތާމައެއް ކަމަށެވެ.

"އަޅުގަނޑަށާއި އަޅުގަނޑުގެ އާއިލާއަށާއި ހަމަ ދިވެހި ގައުމަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތާމައެއް. އަލްއުސްތާޒު އަބްދުﷲ ހަމީދަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް. ވަރަށް މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅެއް. ޝައްކެއް ނެތް ގޮތުގައި އެއީ މުޅި ގައުމަށް ލިބިގެން ދިޔަ ވަރަށް ބޮޑު އުނިކަމެއް." ރައީސް މައުމޫން ވިދާޅުވި އެވެ.

އަބްދުﷲ ހަމީދު އަވަހާރަވީ މީގެ ތިން ދުވަސް ކުރިން ހާޓްއެޓޭކެއް ޖެހިގެން އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގަ އެވެ.

އަބްދުﷲ ހަމީދު އަވަހާރަވުމާ ގުޅިގެން ތިން ދުވަހަށް ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކުރާ ގޮތަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ހަމަޖައްސާފައި އެވެ. އަދި އެމަނިކުފާނުގެ ހަށިކޮޅު ރާއްޖެ ގެނެސް ރަސްމީ އިއްޒަތުގައި ފަސްދާނުލުމަށް ވެސް ރައީސް ޔާމީން ވަނީ ނިންމަވާފައި އެވެ.

އަބްދުﷲ ހަމީދަކީ ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި އަތޮޅުތައް ކޮންޓްރޯލްކުރެއްވި އެންމެ އިސް މޭސްތިރި ވެސްމެ އެވެ.

comment ކޮމެންޓް