ކޮޅިގަނޑުގައި އަންނަ ގަދަވަޔަށް ސަމާލުވުމަށް ޑިޒާސްޓާ މެނޭޖްމަންޓުން އިލްތިމާސް ކޮށްފި

މޫސުން ގޯސްވެ ވައިގަދަވުމާއި ގުޅިގެން ފުވައްމުލަކު ގެއެއްގެ ތެރޭ ހުރި ގަހެއް ވެއްޓިފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

ކޮޅިގަނޑުގައި އަންނަ ގަދަވަޔަށް ސަމާލުވެ، ރައްކާތެރިވެ ތިބުމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން އިލްތިމާސް ކޮށްފި އެވެ.

ވައިޓް އެލާޓް ނެރެ، އެ ސެންޓަރުން ނެރެފައިވާ ރައްކާތެރިވުމުގެ އިރުޝާދުގައި ބުނެފައި ވަނީ މިއަދު މެންދުރު ކުރި 11:15 އިން ފެށިގެން ހަވީރު 5:15 އާ ދެމެދުގެ ވަގުތު ތަކުގައި ގއ. އިން ފެށިގެން އައްޑޫ ސިޓީ އަށް ގަދަވަޔާ ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ ސެންޓަރުން ބުނީ ކޮޅިގަނޑުގައި އަންނަ ގަދަވަޔަށް ސަމާލުވެ، ހާއްސަކޮށް ދެރަކޮށް ހަދާފައި ހުންނަ އިމާރާތްތާއި ގެދޮރު ފަދަ ތަންތަނުގެ ފުރާޅު ރަނގަޅަށް ބެލެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ކޮޅިގަނޑުގައި ވައިޖެހޭ ވަގުތު އެއްޗެއްހި އެއްލާނުލާނެ ގޮތަށް ބެހެއްޓުމަށާއި ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުކަން ދިނުމަށް އެ ސެންޓަރުން ވަނީ އިރުޝާދުދީފަ އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ ފެންބޮޑުވެ ތަކެއްޗަށް ގެއްލުންވުމުގެ ކުރިން ގޭގައި ހިފައި ގެންގުޅޭ ތަކެެއްޗާއި އިލެކްޓްރޯނިކް ތަކެތި ރައްކާތެރި ތަނެއްގައި ބެހެއްޓުމަށް އިރުޝާދު ދީފަ އެވެ. އަދި ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މެޓު އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރަށް ވެސް ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓު އޮފީހުން ބުނެ އެވެ.

comment ކޮމެންޓް