ބަލިވުމުގެ ކުރިން ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުން

އިސްލާމްދީނަކީ ހަމައެކަނި އަޅުކަންކުރަންވީ ގޮތް ދަސްކޮށްދޭ ދީނެއް ނޫނެވެ. އެއީ ދުނިޔެ އާރާސްތުކުރާ އިންސާނާއަށް ހުރިހާ ކަމެއްގައި އިރުޝާދު ދީފައިވާ ދީނެވެ. އިންސާނާ ދުނިޔެ އާރާސްތުކުރުމާއި އަޅުކަންކުރުމުގައި ދެމިހުރެވޭނީ ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރެގެންނެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަކީ އަގުނުކުރެވޭވަރުގެ ނިޢުމަތެކެވެ. ޞިއްޙަތުގެ މަތިވެރި ނިޢުމަތުގެ ޙަޤީީޤީ އަގުވަޒަންކުރެވޭނީ ބަލިވުމުންނެވެ. ނަމަވެސް ބަލިނުވެ ދުޅަހެޔޮ ޞިއްޙަތެއްގައި ލަހައްޓަވާތޯ މަސައްކަތްކުރުމަށް ދީނުގައި އިރުޝާދު ދެއްވާފައިވެއެވެ.

ބަލިވުމުގެ ކުރިން ޞިއްޙީ ގޮތުންނާއި ރޫޙާނީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ދީނުގައި އަންގަވާފައިވާ ގޮތެވެ. ހަށިގަނޑަށް ފައިދާހުރި ތަކެތިކެއުމާއި، ގެއްލުންދެނިވި ކަންކަމުން ދުރުވުމާއި، ހެޔޮ ދުޢާކުރުންމަތީ ދެމިހުރުމަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކައި ކުރެވިދާނެ ކަންކަމެވެ.

ދުޅަހެޔޮ ޞިއްޙަތެއްގައި ލެހެއްޓެވުމަށް އެދި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާކުރައްވާފައިވެއެވެ. ބަލިމަޑުކަމުން ސަލާމަތްކޮށްދެއްވުމަށް ދުޢާކުރައްވާފައިވެއެވެ. ޚާއްޞަކޮށް އިންސާނާގެ ނަފްސާއި ހަށިގަނޑާއި ފުރާނައަށް ގެއްލުންލިބޭ އެކިއެކި ބޮޑެތި ބަލިތަކުން ސަލާމަތްކޮށްދެއްވުމަށް އެދި ﷲ އަށް ދުޢާ ދަންނަވާފައިވެއެވެ. އެކަލޭގެފާނުގެ މިފަދައިން ދުޢާކުރައްވާފައިވެއެވެ. " ބަރަޞް ބައްޔާއި ޖުޛާމް ބައްޔާއި، ނުރައްކާތެރި ބަލިތަކުން މިއަޅާ ސަލާމަތްކުރައްވާނދޭވެ!" އަދި ގައިންގަޔަށް އަރާ ޠާޢޫނު ފަދަ ވަބާއެއް ފެތުރިފައިވާ ތަނަކަށް ނުދިއުމަށް ވެސް ނަބަވީ އިރުޝާދުގައި އައިސްފައިވެއެވެ.

ޞިއްޙަތުގެ ނިޢުމަތަކީ އިންސާނާ އެއާމެދު ޣާފިލުވެފައިވާ ނިޢުމަތެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅެއްގެ މާނައިގައިވެއެވެ. " ދެ ނިޢުމަތަކާމެދު ގިނަބަޔަކު ޣާފިލުވެފައިވެއެވެ. އެއީ ދުޅަހެޔޮ ޞިއްޙަތާއި ހުސްވަގުތެވެ." އަދި ވެސް އިތުރު އެކަލޭގެފާނުގެ ބަސްފުޅެއްގެ މާނައިގައި ވެއެވެ. " ބަލިވުމުގެ ކުރިން ޞިއްޙަތުގެ ފައިދާ ލިބިގަންނާާށެވެ."

އާދެ! ގިނަ ފަހަރު އިންސާނާ ހެޔޮ ޞިއްޙަތެއްގައި ހުރުމަށް އެދެނީ އޭނާ ބަލިމަޑުކަމެއްގެ ޝިކާރައަކަށްވުމަށް ފަހުގައެވެ. ނަމަވެސް ބުއްދިވެރިގޮތަކީ ބަލިމަޑުކަމުގެ ޝިކާރައަކަށް ވެގެން ދިއުމުގެ ކުރިން ހެޔޮ ޞިއްޙަތުގައި ދެމިހުރުމަށް މަސައްކަތްކުރުމެވެ. ކެއުމާއި ބުއިން މެދުމިނެއްގައި ހިފެހެއްޓުމާއި ކެއުމުގެ ކުރިން އަތް ދޮވުމާއި ކެއުމުގެކުރިން ކިޔަން ވާރިދުވެފައިވާ ދުޢާކިއުމާއި، ކާން ފެށުމުގެ ކުރިން ބިސްމި ކިއުމާއި، ކެއުމުގެ ފަހުން ﷲ އަށް ޙަމްދުކުރުމަކީ ހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް ބާރުއަޅައިދޭ ކަންކަމެވެ. މީގެ އިތުރުން އެއީ ޘަވާބާއި ދަރުމަ ލިބިގެންދާނެ ކަމެކެވެ.

މިކަންކަމުގެ އިތުރުން ކަސްރަތުކުރުމަކީ ވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް އޮތް ވަސީލަތެކެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅެއްގެ މާނައިގައިވެއެވެ. " ބަލިކަށި މުއުމިނާއަށް ވުރެން ގަދަ ފަދަ މުއުމިނާގެ މަޤާމު ﷲ ގެ ޙަޟްރަތުގައި ހެޔޮކަންބޮޑުވެގެންވެއެވެ."

އާދެ! ދުޅަހެޔޮ ޞިއްޙަތާއެކު ބަލިކަށިކަމެއްނުވެއެވެ. އަދި ގަދަ ފަދަ ކަމަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރެގެން ނޫނީ ޙާޞިލް ނުކުރެވޭނޭ ކަމެކެވެ. އަދި ވެސް ހަރުބައެއްގައިވެއެވެ. " ހެޔޮ ބުއްދިވަނީ ދުޅަހެޔޮ ޞިއްޙަތެއްގައިވާ ހަށިގަނޑަކާއެކު އެވެ." މިހެންކަމުން ގަދަފަދަކަންމަތީގައި ނުވަތަ ދުޅަހެޔޮގޮތުގައި ހުރުމަށްޓަކައި ކުޅިވަރުކުރުމާއި ކަސްރަތުކުރުމަކީ ބޭނުންތެރިކަމެވެ. އަދި އެއީ ހެޔޮ ނިޔަތުގައި ކޮށްފި ނަމަ ޘަވާބު ވެސް ލިބޭނޭ ކަމެކެވެ.

ހެޔޮ ޞިއްޙަތުގައި ދެމިހުރުމަށްޓަކައި ޙަރާމް ކަންކަމުން ވެސް އެއްކިބާވާންޖެހޭނެއެވެ. މިސާލަކަށް މިޒަމާނުގައި ފެތުރެމުންދާ އެކިއެކި ވަބާތަކަކީ އިސްލާމްދީނުގެ އިމުން ބޭރުން ކުރެވޭ ކަންކަމުގެ ސަބަބުން އިންސާނާގެ ހަށިގަނޑުގެ ތެެރެއަށް ވާރުތަވެގެންދާ ކަންކަމެވެ. އެއިޑްސް ބަލި ފަދަ ނުރައްކާތެރި ވަބާތަކަކީ ޖިންސީގުޅުން ހިންގުމުގައި އިސްލާމީ ޝަރީޢަތުގައި ކަނޑަައަޅުއްވާފައިވާ ޙުދޫދުތަކުން ބޭރުން ޖިންސީގުޅުން ހިންގުމުން ޖެހިދާނެ ބައްޔެކެވެ. މި ނޫންވެސް އެކިއެކި ބަލިތަކާއި ފަރުވާއެއް ނެތް ވަބާތައްވެއެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުމާއި، ރާބުއިމާއި މަސްތުވާތަކެތި ބޭނުންކުރުމާއި މިފަދަ ކަންކަމަކީ ވެސް އިންސާނާއަށް ﷲ ދެއްވާފައިވާ ޞިއްޙަތުގެ މަތިވެރި ނިޢުމަތް ފަނާކޮށް އޭނާގެ ބުއްދިއާއި ގުނަންތައް ހަލާކުކޮށްލާ ކަންކަމެވެ. އަދި މިފަދަ ކަންކަމަށް އިންސާނާ އަރައިގަންނަނީ އޭނާގެ އަމިއްލަ އިޚުތިޔާރުގައެވެ. އަމިއްލަ އަތުންނެވެ.

މާތް ﷲ ގެ ވަޙީ ބަސްފުޅެއްގެ މާނައިގައިވެއެވެ. " ތިޔަބައިމީހުންގެ އަމިއްލަ އަތްތަކުން ތިޔަބައިމީހުންގެ ނަފްސުތައް ހާލާކުގެ ތެރެއަށް އެއްލައި ނުލާށެވެ!" ފަހެ، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް އެދޭ ނަމަ މިބާވަތުގެ އެންމެހާ ޢަމަލުތަކުން އެއްކިބާވާންޖެހޭނެއެވެ. އެއީ ކުރެވިދާނެކަމެކެވެ. އެއްވެސް ކަމަކީ މުސްތަޙީލު ކަމެއްނޫނެވެ. ﷲ ގެ ޙަޟްރަތުން ވާގި އެދިގެން ހިއްވަރާއި ޢަޒުމާއެކު ގަދަ އަޅައި މަސައްކަތްކޮށްފި ނަމަ ނުކުރެވޭނެ ކަމެއް ނުވެއެވެ.

ދީނީ ނަޒަރަކުން ބަލާއިރު ދުޅަހެޔޮ ޞިއްޙަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ޞިއްޙަތުގެ ޙާލުގައިވާހިނދު ހެޔޮ ޢަމަލުކުރުމެވެ. ނަމާދުކުރުމާއި، ޙައްޖުވުމާއި ރޯދަ ހިފުން ފަދަ ޢަމަލުތަކަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރެ ކުރަން ފަސޭހަވެގެންދާނެ އަޅުކަންކަމެވެ. ބަލިމަޑުކަމުގެ ޝިކާރައަކަށް ވެގެން ދިއުމަށް ފަހު މިފަދަ އަޅުކަން އަދާކުރަން އޮންނަ އަޞްލު ގޮތް ނޫން ގޮތަށް އަދާކުރުމަށް ވެސް މަގު ފަހިވެފައިވަނީ ﷲ ގެ ފަޟްލުވަންތަކަމުން އިންސާނާއަށް ދެއްވާފައިވާ ނިޢުމަތެއްގެ ގޮތުގައެވެ. މިހެން މިކަން އޮތް ހިނދުވެސް ބަލި ބައްޔަކީ ވެސް ﷲ އިންސާނާ އިމްތިޙާނު ކުރެއްވުމަށްޓަކައި ލައްވާފައިވާ ކަންކަންކަމުގައި ޤަބޫލުކުރަންޖެހޭނެއެވެ.

ކޮންމެ ބައްޔަކަށްވެސް ޝިފާ ލައްވާފައިވެއެވެ. ބައެއް ބަލި ބަލީގެ ޝިފާއާ ހަމައަށް އިންސާނާއަށް ވާޞިލު ނުވެވެނީއެވެ. އެހެނީ އިންސާނާގެ ޢިލްމަކީ މަޙްދޫދު އެއްޗަކަށް ވުމެވެ. އިންސާނާ އަބަދު ވެސް މަސައްކަތްކުރަންވާނީ ދިރިހުރިހާ ހިނދަކު އިމްތިޙާނުތަކުން ފާސްވޭތޯއެވެ. ބަލި ވިޔަސް ﷲ މަތިން ހަނދުމަކުރުމުގައި ދެމިހުރެވޭތޯއެވެ. ޝިފާއަށް އެދި ދުޢާކުރުމުގައި ދެމިހުރެވޭނެއެވެ.

ﷲ މަތިން އެންމެ ބޮޑަށް ހަނދުމަކޮށްދޭ ވަސީލަތަކީ ނަމާދެވެ. ފަހެ، ޞިއްޙީ ސަބަކަށްޓަަކައި ކޮޅަށް ހުރެ ނަމާދު ނުކުރެވޭ މީހާ އިށީނދެ އިނދެ ނަމާދު ކުރާނީއެވެ. އިށީނދެ އިނދެ ނުކުރެވޭ ނަމަ އޮށޯވެގެން އޮވެ ނަމާދު ކުރާނީއެވެ. މިވަރުންވެސް ނުކުރެވޭ ނަމަ ލޮލުގެ އެސްފިޔައިން ކުރާނީއެވެ. އެވަރުން ވެސް ނުކުރެވޭ ނަމަ ހިތުން ކުރާނީއެވެ. ނަމާދުގެ ރުކުންތަކާއި ވާޖިބުތަކާއި ސުންނަތްތައް ހިތަށް ގެނެސްގެންނެވެ.

މިޙާލަތަށް އިންސާނާ ވެއްްޓިފައި އޮންނަ އިރު، އޭނާގެ ހިތުގައި އެތައް ޝުޢޫރެއް އެނބުރޭނެއެވެ. ހެޔޮ ޙާލުގައި ދުޅަހެޔޮ ޞިއްޙަތެއްގައި ވީހިނދު ﷲ އަށް އަޅުކަން އަދާކުރުމުގައި ދުވަސްތައް ހޭދަވިނަމައޭ ހިތަށް އަރާނެއެވެ. އަދި ޞިއްޙަތު ހަލާކުކޮށްލި ކަންކަމުން އެއްކިބާވެވުނު ނަމައޭ ވެސް ހިތައް އަރާނެއެވެ. އެފަދަ ވޭނީ އިޙުުސާސްތައް ހިތުގައި އެނބުރިގެންދިއުމުގެ ކުރިން ދުޅަ ހެޔޮ ޞިއްޙަތެއްގައި ލަހައްޓަވާތޯ ގަދަ އަޅައި މަސައްކަތްކުރަންވާނެއެވެ. ބަލިވުމުގެ ކުރިން ޞިއްޙަތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ.

comment ކޮމެންޓް