ނައިބު ރައީސް ޖަމީލަށް "ވައް ބަހުން" އަދީބު ފާޑު ވިދާޅުވެއްޖެ

މިރޭގެ ހަފުލާގައި މިނިސްޓަރު އަދީބު ބައެއް ވަޒީރުންނާއި މަޖިލިސް މެމްބަރުންނާ ސަލާމް ކުރައްވަނީ: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު "ވައް ބަހުން" ފާޑު ވިދާޅުވެއްޖެ އެވެ.

ސޯސަން މަގުގައި މިރޭ ޒުވާނުންނަށް ދެއްވި "ތަރާވީހެއް"ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަދީބު ވިދާޅުވީ ސަރުކާރުގައި މަސައްކަތް ނުކުރާ ބަޔަކު ތިބި ނަމަ، ޖެހިވަޑައިގަންނަވާނީ "މަސައްކަތް ދޫކޮށްފައި ދާން" ކަމަށެވެ. އަދި ވިދާޅުވީ މިއަދުގެ ފަހުން ސަރުކާރުގައި މަސައްކަތް ނުކުރާ ފަރާތެއް ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ މަހުރަޖައަށް ކިޔަވާ 'ދަށަށް ޖަހައިގެން' ތިބެ ނުވަތަ މަހުރަޖަށް ހިނގާލާ، ހިނގާލާ ބައެއް ނޫން. އަޅުގަނޑުމެން ބޭނުން ވަނީ ޑިގްރީ ނުވަތަ ފާސް ހިފައިގެން ގޭގައި ތިބޭކަށް ނޫން. ނުވަތަ ކޮޓަރިތައް ހޫނު ކުރާކަށް ނޫން. ސިފައިން ލައްވާ ބޫޓު ޕޮލިސް ކުރުވާފައި މި ގޮތަކަށް މި ގައުމުގައިދެން ނޫޅެވޭނެ،" އަދީބު ވިދާޅުވި އެވެ.

މަހުރަޖަށް ކިޔަވަން ތިބޭ ބަޔަކު ބޭނުންފުޅުވެވަޑައި ނުގަންނަވާ ކަމަށް އަދީބު ވިދާޅުވި އިރު، ނައިބު ރައީސް ޑރ. ޖަމީލް ގެންދަވަނީ ގުރުއާން ހިތުދަސް ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. ސިފައިން ލައްވާ "ބޫޓު ފޮހޭ" ބަޔަކަށް ދެން މި ގައުމުގައި ނޫޅެވޭ ކަމަށް ވިދާޅުވި އިރު، ނައިބު ރައީސް ޑރ. ޖަމީލުގެ ސެކިއުރިޓީ ބަލަހައްޓަނީ އެމްއެންޑީއެފްގެ ސްޕެޝަން ޕްރޮޓެކްޝަން ގްރޫޕުން (އެސްޕީޖީ) އިންނެވެ. އަދި އެމަނިކުފާނުގެ ދިރިއުޅުއްވާ ހިލާލީގޭގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ ވެސް ސިފައިންނެވެ.

"އަޅުގަނޑު ވެސް މިހުރީ ކިޔަވައިގެން، މާސްޓާސް ޑިގްރީއެއް ނަންގައިގެން" ކަމަށް ވިދާޅުވެ އަދީބު ވިދާޅުވީ ޓައި އަޅައިގެން ކޮޓަރީގައި އަބަދު ނީންނަވާނެ ކަމަށާއި މަސައްކަތްޕުޅު ކުރައްވާނީ ރައްޔިތުންގެ ހިދުމަތުގައި ކަމަށެވެ.

މިރޭގެ ހަފުލާގައި މިނިސްޓަރު އަދީބު ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ނައިބު ރައީސް ޑރ. ޖަމީލަށް ރައްދުވާ ގޮތަށް "ވައް ބަހުން" އަދީބު ވާހަކަފުޅު ދެއްކެވި އިރު، ޑރ. ޖަމީލު މަގާމުން ވަކިކުރަން އުޅޭ އަޑުތައް ވަނީ ފެތުރިފަ އެވެ. އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިބްރާހިމް ސުޖާއު މިރޭ ވިދާޅުވެފައި ވަނީ ކުރަން އުޅޭ ކަމެއް ސިއްރުން ކުރަން ބޭނުން ނުވާ ކަމަށާއި ބޭނުންވަނީ ޖުލައި 26 ގެ ކުރިން ނައިބު ރައީސް ކަމަށް އަދީބު ގެނެއުން ކަމަށެވެ.

ނައިބު ރައީސް ޑރ. ޖަމީލު މަގާމުން ވަކިކުރެ ވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ އަގުލަބިއްޔަތު ލިބިގެންނެވެ. އެއީ 85 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ އަގުލަބިއްޔަތެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލު ކުރުމަށް ގާނޫނު އަސާސީ އިސްލާހު ގެނައުމަށް ފާސްކޮށްފަ އެވެ. ހަތްދިހަ ހަތް މެމްބަރުންގެ ބޮޑު އަގުލަބިއްޔަތަކާ އެކު އެ ބިލްފާސް ކުރީ ޕީޕީއެމް/ އެމްޑީއޭ އާއި އިދިކޮޅު އެމްޑީޕީ އާއި ޖޭޕީ މެމްބަރުންގެ ވޯޓާ އެކުގަ އެވެ.

އެ އިސްލާހުގެ ސަބަބުން ނައިބު ރައީސް ކަމަށް އަދީބު އައްޔަން ކުރަން ރައީސް ޔާމީނަށް ފުރުސަތު ލިބިގެންދާނެ އެވެ. އެއީ އަދީބުގެ އުމުރުފުޅަކީ މިހާރު 34 އެކެވެ. އިސްލާހުގައިވާ ގޮތުން 30 އަހަރާއި 65 އަހަރާ ދެމެދުގެ މީހަކަށް ވެސް ރައީސް ކަމާއި ނައިބު ރައީސް ކަމަށް ވާދަ ކުރެވޭނެ އެވެ.

ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި ޑރ. ޖަމީލުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހުން ފާސްކުރުމަށް ފަހު، އަދީބު އެ މަގަމަށް އައްޔަން ކުރަން މަޖިލީހުގެ ރުހުން ހޯދަން ލާޒިމްވާނެ އެވެ.

ގާނޫނު އަސާސީގެ 109 ވަނަ މާއްދާ އަށް ގެނެސްފައިވާ އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި އުމުރުން 65 އަހަރަށް ވުރެ މަތީ އުމުރުގެ އެއްވެސް މީހަކަށް ރައީސް ކަމަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ.

މިރޭގެ ހަފުލާގައި އަދީބު ވަނީ ގާނޫނީ ވަކީލުންނަށް ވެސް ފާޑު ވިދާޅުވެ ވާހަފުޅުދައްކަވާފައި އެވެ.

"މިބޭބޭފުޅުންނަށް [ވަކީލުންނަށް] ވަޒީފާ ލިބުނު ދުވަހު ކީއްތޯ ކުރީ. ބައްލަވާ އަޅުގަނޑުމެންގެ މި އިންނެވި ބަންޑާރަ ނައިބު. ޖީއެމްއާރު ކޭސްގައި އެދަނީ އެބޭފުޅުން ބަލި ކުރައްވަމުންނޭ. ކިތައް މިލިއަން ޑޮލަރުތޯ އެ ސޭވު ކުރައްވަނީ. އިހަކަށް ދުވަހު ވެސް 200 މިލިއަން ޑޮލަރު އެ ސޭވް ކުރެއްވީ،" އަދީބު ވިދާޅުވި އެވެ.

ޒުވާނުންނާއެކު ޕީޕީއެމުން މިރޭ ބޭއްވި ހަފްލާގެ ތެރެއިން-- ސަން ފޮޓޮ/ ޔޫސުފް ސޮފްވާން

comment ކޮމެންޓް