ލޭބާ މައިގްރޭޝަން ނިޒާމް ހަރުދަނާކުރުމުގެ ގޮތުން މަޓީއާއެކު އިމިގްރޭޝަނުން މަޝްވަރާކޮށްފި

ލޭބަރ މައިގްރޭޝަން ހަރުދަނާ ކުރުމުގެ ގޮތުން ސަރުކާރުން މަޓީއާއެކު އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ތެރެއިން -- ފޮޓޯ: އިމިގްރޭޝަން

ރާއްޖޭގެ ލޭބާ މައިގްރޭޝަންގެ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި، ފަތުރުވެރިކަމުގެ ސިނާއަތަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި މަޓީ އާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ގުޅިގެން މައްސަލަތައް ހައްލުކުރުމަށް އެ ދެފަރާތުގެ މެދުގައި މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ، އެ ޑިޕާޓްމަންޓުގެ ހެޑް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން މުހައްމަދު އަންވަރުގެ އިތުރުން އެ ޑީޕާޓްމަންޓްގެ އިސް ވެރިންނާއި މަޓީގެ މަންދޫބުން ބައިވެރިވެވަޑައިގަތް ކަމަށެވެ.

ލޭބާ މައިގްރޭޝަން ހަރުދަނާ ކުރުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވެ ދިނުމުގެ ގޮތުން ޓޫރިޒަމް ދާއިރާގައި ދިމާވަމުންދާ މައްސަލަތައް ހައްލުކުރުމުގައި ދެފަރާތް ގުޅިގެން މަސައްކަތް ކުރުމަށް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވާ ކަމަށް އެ ޑިޕާޓުމަންޓުން ވަނީ ބުނެފައެވެ.

އަދި ދިވެހިންނަށް އަދާކުރެވޭނެ ވަޒީފާތަކަށް ދިވެހިންނަށް ފުރުސަތު ތަނަވަސް ކޮށްދީ ދޭސީބިދޭސީ މަސައްކަތްތެރީންގެ ހައްގުތައް ހިމާޔަތް ކޮށްދިނުމުގެ މައްޗަށްވެސް ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަށް ތަނަވަސް ކޮށްދިނުމުގެ ގޮތުން، ފޮޓޮގްރަފީ، މަތިންދާބޯޓް ޕައިލެޓުން، އަދި ކޭޝިއަރުންފަދަ ވަޒީފާގައި ބިދޭސީންނަށް ވަޒިފާ އަދާ ނުކުރެވޭނެގޮތަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒް ކުރުމުގެ ގޮތުން، އެ ދާއިރާތަކުގައި ވަޒީފާ އަދާކުރާ ބިދޭސީން އަންނަ ޖޫން މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން ފުރުވާލައި އެފަރާތްތަކުގެ އެމްޕްލޯއިމަންޓް އެޕްރޫވަލް ކެންސަލް ކުރުމަށް ހުށަހެޅުމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނުން ވަނީ މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހު އިއުލާން ކޮށްފައެވެ.

އިމިގްރޭޝަނުން ބުނީ، އެ ޑިޕާޓުމަންޓުގެ އަމާޒަކީ، އާންމު ރައްޔިތުންނާއި ކުންފުނިތަކަށް ވިހާވެސް ލުއިފަސޭހަ ގޮތަކަށް އަދި ގެންލުން ކުޑަގޮތަކަށް މައްސަލަތައް ހައްލުކުރުން ކަމަށެވެ.

މައްސަލަތައް ހައްލުކުރުމުގައި އެންމެހާ ފަރުދުންނާއި ވިޔަފާރި ޖަމިއްޔާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއި އެކުގައި ކުރިއަށް ދިއުމަށް ކަނޑައަޅާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ، ދިވެހިރާއްޖޭގެ ޢިޖްތިމާއީ އަދި އިގްތިޞާދީ ދުޅަހެޔޮކަން ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކަށް އެންމެހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް ކޮންޓްރޯލަރު އެދިލައްވާ ކަމަށެވެ.

"ވަކި ބާވަތްތަކެއް ވަޒީފާއަށް ބިދޭސީން ނުގެނެވޭ ގޮތަށް ކަނޑައަޅާފައިވަނީ އެފަދަ ވަޒީފާތަކަކީ ދިވެހީންނަށް އަދާކުރެވޭނެ އަދި ދިވެހީން ލިބޭ ވަޒީފާތަކަށް ވާތިއެވެ." އެ ޑީޕާޓްމަންޓުން ބުނެފައި ވެއެވެ.

comment ކޮމެންޓް