ޗައިނާގެ ދެކުނު ކަނޑުގައި ޗައިނާ އިން ހިއްކާ ރަށްތައް މަތީން އެމެރިކާގެ ޖާސޫސީ މަތިންދާ ބޯޓުތައް މިދިޔަ ހަފުތާގައި އުދުހުނު މައްސަލަ ޗައިނާ އިން އެމެރިކާގައި ރަސްމީކޮށް ޖައްސައިފި އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުއާ ޗުއަންނިޔާ މިއަދު ބޭއްވި ޕްރެސް ބްރީފިންއެއްގައި ބުނީ އެމެރިކާގެ ޣައިރު ޒިންމާދާރު ވާހަކަތަކާއި އަމަލުތައް އިސްލާހު ކުރަން ޖެހޭ ކަމަށެވެ.
ދެކުނު ޗައިނާ ކަނޑުގައި ޗައިނާ އިން ހިއްކާ ރަށްތައް މަތީން އެމެރިކާގެ ޖާސޫސީ ޖެޓް މަތިންދާބޯޓުތައް ވަނީ މިދިޔަ ހަފްތާގައި އުދުހިފަ އެވެ. އެމެރިކާ އިން ބުނަނީ އެއީ އެ މީހުންނަށް ވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. ނަމަވެސް ޗައިނާ އިން ބުނަނީ އެއީ އެ ރަށްތަކާއި ފަރުތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށް އެއީ ހުރި ނުރައްކަލެއް ކަމަށެވެ.
ޗައިނާގެ ސްޓޭޓް ނޫސް "ދަ ގްލޯބަލް ޓައިމްސް" އިން ބުނީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާ އިން ހިއްކާ ރަށްތައް، ހިއްކިޔެ ނުދީ ހުއްޓުވުމަށް ވޮޝިންޓަނުން މަސައްކަތް ކުރާ ނަމަ، އެއީ "ހަނގުރާމައަކަށް" ދެވޭ ދައުވަތެއް ކަމަށެވެ.
މައުލޫމާތު: ރޮއިޓާސް