ނޭޕާލުގެ ކޯރެއް ބަންދުވެ، ފެންބޮޑުވުމުގެ ބިރުބޮޑުވެއްޖެ

ނޭޕާލަށް އައި ބިންހެލުމުގައި ވީރާނާވެފައިވާ ސަރަހައްދަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ ---- ފައިލް ފޮޓޯ

ނޭޕާލުގައި އިއްޔެ ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއްގައި ކޯރެއް ބަންދުވެ، އެކަމުގެ ސަބަބުން ފެންބޮޑުވުމުގެ ބިރު ބޮޑުވެއްޖެއެވެ.

ނޭޕާލްގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ބުނީ ވެރިރަށް ކަތަމަންޑޫގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 140 ކިލޯމީޓަރު ދުރުގައި އޮންނަ ކާލީ ގަންޑަކު ނަމަކަށް ކިޔާ ކޯރު ބަންދުވުމުން އެ ސަރަހައްދު ދޫކޮށް ދިއުމަށް ސަރުކާރުން އިރުޝާދު ދީފައިވާ ކަމަށެވެ.

ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި 20 އަށް ވުރެ ގިނަ ގެ ވެއްޓުނު ކަމަށާއި ނަމަވެސް އެހާދިސާގައި އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށް ވެސް ރޮއިޓާސް އިން ބުންޏެވެ.

ބިންގަނޑު ކަނޑައިގެން ގޮސް ގަލާއި ވެލި އެޅިގެން ކޯރު ބަންދުވެފައިވާ ތަން ހުޅުވުމަށް ނޭޕާލް ސިފައިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ބަންދުވެފައިވުމުގެ ސަބަބުން ކޯރުގެ ފެންގަނޑު ދަނީ ވަރަށް އަވަހަށް އުފުލެމުންނެވެ.

ނޭޕާލާއި އިންޑިއާއާއި ދެގައުމުން ހިއްސާކުރާ އެކޯރު ބަންޑުންވެއްޖެ ނަމަ އިންޑިއާއަށް ވެސް އެކަމުގެ އަސަރު ކުރާނެ ކަމަށް ނޭޕާލުގެ އޮފިޝަލުން ލަފާކުރެއެވެ.

މިދިޔަ އޭޕްރިލް މަހުގެ 25 ވަނަ ދުވަހު ނޭޕާލަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން އެގައުމު ވަނީ ވަރަށް ބޮޑަށް ސުންނާފަތި ވެފައެވެ. ރިކްޓަ މިންގަނޑުން 7.9 ގެ ބާރުމިނުގައި އައި އެ ބިންހެލުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ގިނަ ހާދިސާތަކެއް ދަނީ ހިނގަމުންނެވެ.

comment ކޮމެންޓް