އެހީވާންވީ އިންސާނިއްޔަށްޓަކައި

ދުނިޔޭގެ ހުރިހާ ގައުމެއް މި އޮންނަނީ ޗޭނެއްހެން ގައުމުތައް ގުޅިލާމެހިފައެވެ. އެއް ގައުމެއްގެ އެހީއާ ނުލައި އަނެއް ގައުމަށް ހަރަކާތްތެރިނުވެވޭ މިންވަރަށެވެ. އެއް ގައުމެއްގައި ނެތް ވަސީލަތްތައް އަނެއް ގައުމުން ބޭނުންވެ އެވެ. އެގޮތުން ރާއްޖޭގައި ނެތް ސިއްހީ ތައުލީމު ދެވޭނެ ވަސީލަތްތަކަށް ބަލައިލާއިރު، އެ އެހީތެރިކަން ރާއްޖެއަށް އެންމެ ބޮޑަށް ފޯރުކޮށްދޭ އެއް ގައުމަކީ ނޭޕާލެވެ. މިއަދު މި އޮތީ ނޭޕާލުން އެކޮށްދޭ ހިދުމަތުގެ އަގު އަހަރެމެންނަށް ކޮންމެ ވެސް ގޮތަކަށް އަދާކޮށްދިނުމަށް ފުރުސަތެއް ލިބިފައެވެ. އެ ފުރުސަތަކީ ނޭޕާލަށް ޖެހިފައިވާ މުސީބާތުން ސަލާމަތްވުމަށް ފައިސާގެ ގޮތުން އެހީ ދިނުމެވެ.

ނޭޕާލަކީ ވެސް ރާއްޖެ ފަދައިން ވަރަށް ބޮޑަށް ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމެކެވެ. ބިންހެލުމުގެ ސަބަބުން އެ ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިން މަދުވެފައިވާ މި ދަނޑިވަޅުގައި އެ ގައުމަށް އެހީވުމަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖޭން ކޮށްދޭން ޖެހޭނެ ކަމެކެވެ.

ނޭޕާލުގެ މިހާރުގެ ހާލަތަށް ބަލާލަމާ ހިނގާށެވެ. އެތައް މިލިއަން ކުޑަކުދިންނެއް ހާލުގައި ޖެހިފަ އެވެ. މުސްކުޅިންނަށް އަޅާލާނެ މީހެއް ނެތި ވަންނާނެ ގެދޮރެއް ނެތިފައެވެ. ދެން ވެސް ހަމަ އެ ގައުމަށް އަޅާނުލާ ހުންނަން ވީ ހެއްޔެވެ؟ ދީނީ އަދި އިސްލާމީ ނަޒަރަަކުން ބަލާލި ކަމުގައިވިއަސް ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަކީ މިއަދު އަހަރެމެން ކުރަންޖެހޭ ކަމެއް ކަމުގައި ވީހިނދު ދިވެހިން މިދަނީ އެ ރީތި މިސާލު ދައްކަމުންނެވެ.

ނޭޕާލުގެ މިއަދުގެ ހާލަތަށް ބަލާލަމާ ހިނގާށެވެ. މިދިޔަ މަހުގެ 25 ވަނަ ދުވަހު އެ ގައުމަށް ކުރިމަތިވި ބާރުގަދަ ބިންހެލުމުގެ ސަބަބުން އެތައް ތުއްތު ކުދިންނެއް ކާނެ އެއްޗެއް ނުލިބި ތިބީ ފުރާނަ ހިނގައިދާފަދަ ހާލެއްގައެވެ. އަހަރެމެންގެ ދަރިއެއް ނުކައި ފަސް ގަޑިއިރެއްހާ އިރު ހޭދަކޮށްލީމަ ބަނޑުހައިވެގެން ކާ އެއްޗެއް ބޭނުންވެގެން ރޮއެލީމަ ހިތަށް ތަދުވެގެން ކާންދޭން އަވަސްވެގަނެވެ އެވެ. އެ ފަގީރު ގައުމުގައި ވެސް ހަމަ އެގޮތެވެ. ކުޑަކުދިން ބަނޑުހައިވެގެން ރޮނީ އެވެ. ނަމަވެސް އެ ކުދިންނަށް ކާންދޭނެ މީހެއް، ކާނެ އެއްޗެއް ނެތީ އެވެ. މަންމައާ ބައްޕަ ގެއްލި ޔަތީމުވީމަ އެވެ. ދެން ވެސް ހަމަ އަޅާ ނުލާ ހުންނަންވީ ހެއްޔެވެ؟

އާބާދީގައި 26 މިލިއަނަށްވުރެ ގިނަ މީހުން އުޅޭ ނޭޕާލަކީ ދިވެހިންނާ އެތައް ގޮތަކުން ގުޅިފައި އޮންނަ ގައުމެކެވެ. ރާއްޖޭގެ ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ޑޮކްޓަރުންގެ 70 އިންސައްތަ ބޭފުޅުންނަކީ ނޭޕާލުގައި ތަމްރީނުވި ބޭފުޅުންނެވެ. އަހަރެމެންނަށް ކައިބޮއި މި ހެދެނީ ނޭޕާލުގެ ހީވާގި މަސައްކަތްތެރިންގެވެސް އެހީއާއެކުއެވެ. އެމީހުންގެ މަސައްކަތްތެރިކަން އަހަރެމެންގެ އިގުތިސާދު ހަމަމަގަށް އެޅުވުމުގައި މުހިއްމު ދައުރެއް އަދާކުރެއެވެ.

މުސްކުޅިން ވަންނާނެ ގެދޮރެއް ނެތީ އެވެ. މިފަދަ ހާލަތުގައި އެހީވާންވީ އެމީހެއްގެ ދީނަކަށް ބަލައިގެންނެއް ނޫނެވެ. އިންސާނަކަށް ވީމަ އެވެ. އިންސާނިއްޔަތަށްޓަކަ އެވެ. މާދަމާ އަހަރެމެން ހާލުގައި ޖެހިގެން އަޅާލަން ހުންނާނީ ހަމަ މި ގައުމުތަކެވެ. މި ވެސް ހަމަ ފަގީރު ގައުމެކެވެ. އެ ގައުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން ދުނިޔޭގެ އެކި ހިސާބުތަކުގައި މަސައްކަތްކުރާ އެތައް ޖަމިއްޔާއެއް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެތައް މިލިއަން ބަޔަކު އުޅޭ ނޭޕާލަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން 8000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ދެ ލައްކަ އަށްޑިހައަށްވުރެ ގިނަ ގޭތަކަކީ މިހާރުން މިހާރަށް ކާބޯތަކެއްޗާއި ބޯފެން ބޭނުންވެފައި ހުރި ގެ ތަކެވެ. ސަގާފީ ތަންތަން ހިމާޔަތްކުރާ ޔުނެސްކޯ އިން ހިމާޔަތްކޮށްފައި ހުރި އާސާރީ ބިނާތައް ވެސް މި ބިންހެލުމުގެ ސަބަބުން ވަނީ ބިމާ ހަމަވެފަ އެވެ.

ދިވެހިންގެ ފަރާތުން ނޭޕާލު ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމަށް ބާއްވާ މި ހާއްސަ ޓެލެތޯނުގައި އެފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ރުފިޔާއިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ނަމަ މި ފަންޑަށް ފައިސާ ޖަމާކުރަން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓް 7701176022001 އަދި ޔޫއެސް ޑޮލަރުން އެހީވުމަށް ބީއެމްއެލްގެ އެކައުންޓް 7701176022002 އަށް ޑޮލަރު ޖަމާކުރެވޭނެ އެވެ. އަދި އިސްލާމިކް ބޭންކް މެދުވެރިކޮށް ފައިސާ ޖަމާކުރުމަށް ރުފިޔާ އިން ނަމަ 99010155500036100 އަށް އަދި ޑޮލަރުން ނަމަ 99010155500036200 ޖަމާކުރެވޭނެ އެވެ.

މީގެ އިތުރުން އެސްއެމްއެސް މެދުވެރިކޮށް ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަންޑަށް އެހީފޯރުވިދާނެ އެވެ. އުރީދޫގެ ކަސްޓަމަރުން 501 އަށް 20 ރުފިޔާ 50 ރުފިޔާ އަދި 100 ރުފިޔާ ނުވަތަ 100 ރުފިޔާގެ މަގުން އެސްއެމްއެސް ފޮނުވޭނެ އެވެ. އަދި ދިރާގުގެ ކަސްޓަމަރުން ނަމަ *789*3# ޖެހުމުން ފައިސާ ފޮނުވަންވީ އަދަދެއް ޖެހުމުން ފަންޑަށް ފައިސާ ފޮނުވޭނެ އެވެ.

comment ކޮމެންޓް