ނޭޕާލް: ހުރިހާ ގޮތަކުން ވެސް ގާތް އެކުވެރިއެއް

ރާއްޖެއާ ސިޔާސީ ގުޅުން ގާއިމްކުރިތާ 35 އަހަރު ވަނީ އެވެ. އެއީ މި ގައުމު ހިމެނޭ ސަރަހައްދުގެ ގައުމުތަކުން ނިސްބަތުން އެންމެ ފަގީރު ގައުމެވެ. ކުރިމަތިވެގެން އައި ބިޔަ ކާރިސާއާ އެކު އިތުރަށް ފަގީރުވީ އެވެ. ކުޑަކުދިންނާއި އަންހެނުން ކާނެ އެއްޗެއް ނުލިބި ބަނޑަށް މަރުވަނީ އެވެ. އެތައް ކުޑަކުދިންނެއް ލޯބިން ގެންގުޅުނު މަންމަ އާއި ބައްޕަ ވަކިވެ އެ ކުދިން ޔަތީމު ވީ އެވެ. ދުވަސްވީ އެތައް ބަޔަކު ވަންނާނެ ގެދޮރެއް ނެތި މަގުމަތި ވީ އެވެ. ވެހޭހާ ވާރެއާއި ދޭހާ އަތްވެއްގައި އެ ނިދަނީ ތުއްތުތުއްތު ކުދިންނެވެ. އެ ކުދިން ބަލިވެގެން ފަރުވާ ހޯދަން ދާނެ ތަނެއް ނެތެވެ.

އާދެ! މި ދައްކަނީ އަވަށްޓެރި ނޭޕާލްގެ ވާހަކަ އެވެ. މިދިޔަ މަހުގެ 25 ވަނަ ދުވަހު ރެކްޓަރ މިންގަޑުން 7.8ގެ ބާރުމިނުގައި އެ ގައުމަށް ކުރިމަތިވި ބާރުގަދަ ބިންހެލުމުގެ ސަބަބުން އަސަރު ކުރި މީހުންގެ ވާހަކަ އެވެ. މިއަދު އެ ގައުމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަކީ އަހަރެމެން ދިރިތިބީން ކުރަންޖެހޭނެ ކަމެކެވެ. ހަމައެކަނި ގާތް އެކުވެރިއަކަށް ވީމަ އެއް ނޫނެވެ. އާބާދީގައި ހިންދޫން ގިނަ ކަމުގައި ވިއަސް އެއީ މުސްލިމުން ވެސް އުޅޭ ގައުމެކެވެ.

އަހަރެމެންގެ ތެރޭގައި މަސައްކަތްކުރާ އާބާދީގެ ބޮޑު ބަޔަކީ ނޭޕާލް މީހުންނެވެ. އެހެންވީމަ އަހަރެމެންގެ އިގުތިސާދާވެސް ނޭޕާލާ މިއޮތީ ގުޅިފައި ނޫން ހެއްޔެވެ؟ އެމީހުން މަސައްކަތް ދޫކޮށްލާފައި އެނބުރި ގައުމަށް ހިނގައްޖެނަމަ މި އިނދަ ޖެހެނީ އަހަރެމެންގެ އިގުތިސާދާއި އަހަރެމެންގެ ޖީބުތައް ނޫންހެއްޔެވެ؟ އެމީހުން އެ އާދޭސް ކުރަނީ އަހަރެމެންގެ އެހީއަށެވެ. އަހަރެމެން މިތިބީ އަޑު އަހަން ކަމުގައި ވާނަމަ ކިތަންމެ ކުޑަ ނަމަވެސް އެހީއެއް އެ ގައުމުގެ ރައްޔިތުންނަށް ވެދެއްވާށެވެ. ޝައްކެތްނެތެ އެވެ. އެއީ އަހަރެމެންނަށް ނުސީދާ ގޮތުން ވެސް ކިތަންމެ އެހީއެއް ދެމުން އަންނަ ގައުމަކަަށް ވާތި އެވެ. އެއީ ހުރިހާ ގޮތަކުން ވެސް ގާތް އެކުވެރި ގައުމަކަށް ވާތީ އެވެ.

އަހަރެމެން ބަލި ވީމަ ބޭސް ފަރުވާކުރަން މިދަނީ ކޮންމެވެސް ހޮސްޕިޓަލަކަށެވެ. ފަރުވާ އެއް މި ދެނީ ކޮންމެ ވެސް ޑޮކްޓަރެކެވެ. އެ ޑޮކްޓަރު ފަރުވާ މިދެނީ ކޮންމެވެސް މަރުކަޒަކުން ނުވަތަ ޔުނިވާސިޓީއަކުން ތަމްރީން ލިބިގެންނެވެ. މި ބުނަން އުޅެނީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަށް ގެންދިޔުމުގައި ނޭޕާލްގެ އެހީގެ ވާހަކަ އެވެ. ރާއްޖޭގައި މަސައްކަތްކުރާ ޑޮކްޓަރުންގެ 70 ޕަސެންޓަކީ ނޭޕާލުން ތަމްރީން ވެފައި ތިބި ބަޔެކެވެ. މިހާރު ވެސް 100 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ އެ ގައުމުން ތަމްރީން ހޯދަމުންނެވެ.

އެ ވެސް، މި ވެސް އިންސާނުންނެވެ. އެ ބާރުގަދަ ބިންހެލުމުގެ ސަބަބުން 8000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެތައް ގައުމަކުން އަންނަނީ އެހީވަމުންނެވެ. ރާއްޖޭގެ ރައީސުން ފެށިގެން ދުނިޔޭގެ އެތައް ގައުމެއްގެ ވެރިންނެއް އަންނަނީ ފައިސާގެ އެހީ ދެމުންނެވެ.

މިއަދު ނޭޕާލް މިވަނީ އަހަރެމެންގެ އެހީ ބޭނުންވެފައެވެ. މާދަމާ މި ގައުމު ހާލުގައި ޖެހިއްޖެ ނަމަ ވެސް އެހީއެއް ދިއްކޮށްލަން ހުންނާނީ ހަމަ ނޭޕާލް ކަހަލަ ގައުމުތަކެވެ. އެހީތެރިވާން ނުޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެއީ އަހަރެމެންނާ އެތައް ގޮތަކުން ގާތް އެކުވެރިއެކެވެ. އަވަށްޓެރި ގައުމެކެވެ.

ދިވެހިންގެ ފަރާތުން ނޭޕާލު ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމަށް ބާއްވާ މި ހާއްސަ ޓެލެތޯނުގައި އެފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ރުފިޔާއިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ނަމަ ބީއެމްއެލްގެ އެކައުންޓް 7701- 176022-001 އަދި ޔޫއެސް ޑޮލަރުން އެހީވުމަށް ބީއެމްއެލްގެ އެކައުންޓް 7701-17022-002 އަށް ޑޮލަރު ޖަމާކުރައްވަމުން ގެންދަވާށެވެ. އޭގެ އިތުރުން އިސްލާމިކް ބޭންކެ މެދުވެރިކޮށް ނޭޕާލުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރި ވުމަށް ރުފިޔާއިން ނަމަ 9901- 01-5550036 އަދި ޑޮލަރުން އެހީތެރިވާން ބޭނުންވާ ފަރާތްތަކުން 9901- 01- 5550036- 200 ނަންބަރު އެކައުންޓަށް ފައިސާ ޖަމާކުރައްވަމުން ގެންދަވާށެވެ.

comment ކޮމެންޓް