ބިންހެލުމުގައި ހާލުގައި ޖެހުނު ބައެއް މީހުންގެ އަސަރުގަދަ ވާހަކަތައް

ނޭޕާލުގައި އިމާރާތްތަށް ހަލާކުވެފައި -- ފޮޓޯ ބީބީސީ

އަހަރުތަކެއް ވަންދެން ނޭޕާލުގެ ބަހްރަބައިސްގައި ދިރިއުޅުނު އުމުރުން 60 އަހަރުވީ މަންގާލީ އަކީ ބިންހެލުމުގައި ހާލުގައި ޖެހި ގެދޮރުގެއްލިފައިވާ މީހެކެވެ. ދިހަ ކުދިން ވެސް ތިބި އޭނާގެ ވާހަކަ ނޫސްވެރިންނާ ހިއްސާކުރަމުން ބުނީ ގެދޮރު ގެއްލި މިހާރު އުޅެމުން ދަނީ ކޭމްޕެއްގައި ކަމަށާއި، އެކަމަކު އެއީ ޔަގީން ކަމެއް ނެތް ތަނެއް ކަމަށެވެ. އަދި " މާދަމާ ނިކުންނަށް ބުންޏަސް ޖެހޭނީ ނިކުންނަން" ކަމަށް އޭނާ ބުނެފައިވެ އެވެ.

"މިއީ އަހަރެމެންގެ ވަގުތީ ގެދޮރު، އެކަމަކު މިއީ އެހެން ބައެއްގެ ބިމެއް، މިހާރު ނިކުންނާށޭ ބުންޏަސް ޖެހޭނީ ނިކުންނަން. ތިބޭނެ ތަނެއް ނެތް. އަމިއްލަ ބިމެއް ނެތް ގެދޮރެއް ނެތް. ވަކި ކޮންތާކަށް އަހަރެމެން ދާނީ؟ ކޯއްޗެއް އަހަރެމެން ކާނީ؟ ދެންއޮތް ގޮތަކީ ހަމައެކަނި މަރުވުން" މަންގާލީ ބުންޏެވެ.

ކަތަމަންޑޫގެ ހޮސްޕިޓަލެއްގައި ގިނަބަޔަކު -- ފޮޓޯ-- ބީބީސީ

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫއާ 114 ކިލޯ މީޓަރު ދުރުގައި އޮންނަ ބަހްރަބައިސްގައި ދިރިއުޅުނު މީހުންނަށް ވަނީ 12 މޭގައި ނޭޕާލު ފުނޑު ފުނޑުކޮށްލި ބިންހެލުން އަައުމުގެ ކުރިންވެސް ވަނީ ބިންހެލުންތަކެއްގެ އަސަރު ކޮށްފައެވެ. މަންގާލީ ބުނީ އޭގެ ދެ ދުވަސް ކުރިންވެސް ދެފަހަރެއްގެ މަތިން ބިންހެލުން އައިސް ބިރުވެރިކަމެއްގެ ތެރޭގައި ތިބި ކަމަށެވެ.

ބިންހެލުމަށް ފަހު ނޭޕާލުގައި ކޮޅަށް ހުރި ގިނަ އިމާރާތްތަކެއް ބިމާ ހަމަވެ އެތަށް ސަތޭކަ ބަޔަކު ވަނީ ދުނިޔެ ދޫކޮށްފައެވެ.

ނޭޕާލަށް އައި ބިންހެލުން ތަހައްމަލު ކުރި އެކަކީ ބިންހެލުން އައިވަގުތު ބިޝަލް ބާޒާރުގައި ހަ އަހަރުގެ ދަރިފުޅު ކަބީތާއާއި އެކު ބާޒާރުކުރަމުން ދިޔަ ބިންޑްޝަރ ޓަމަންގް ،32 އެކެވެ.

" ބިންހެލުން އައިތާ މިނެޓެއްގެ ތެރޭގައި ފިހާރަތަކާއި، އިމާރާތްތަށް ތާސްބައެއްގެ ކާޑުތަކެއްހެން ފައިބާންފެށި،" ޓަމަންގް ކިޔާދިނެވެ.

އަދި އޭނާގެ ދަރިފުޅު އެހިސާބުން އޭނާއަށް ގެއްލުނެވެ.

"އަހަރެން ވަގުތުން އަހަރެންގެ ދަރިފުޅުގެ ނަމުން ގޮވަންފެށިން. ކުއްލިއަކަށް އަހަށްނަށް ފެނުނީ އަހަރެންގެ ދަރިފުޅު ގާގަނޑެއްގެ ދަށުގައި ތާށިވެފައި އޮއްވައި. ދެން އެހީވުމަށް އަހަރެން މީހުންނަށް ގޮވައިގެން އޭނާ ސަލާމަތް ކުރީ،" ޓަމަންގް ބުންޏެވެ.

ނޭޕާލުގައި ގެދޮރުގެއްލިފައިވާ ގިނަބަޔަކު އެބަ ތިބި -- ފޮޓޯ -- އޭއެފްޕީ

ގާގަނޑުގެ ދަށުން ނެގުމުން ދަރިފުޅުގެ ފުރަތަމަ ބަހަކަށްވެވީ "ވަރަށް ބަނޑުހައި" ކަމަށް ޓަމަންގް ބުންޏެވެ. އަދި އޭނާ ވަގުތުން ދަރިފުޅުގައި ގައި ބައްދާލާ އެއްވެސް އަނިޔާއެއްވެފައި ހުރިތޯ ބެލި އެވެ.

މިފަދަ ކިތަންމެ ބަޔަކު ނޭޕާލުގައި މިހާރު އެބަ ދިރިއުޅެ އެވެ. ބޭސްފަރުވާ ކުރާނެ ގޮތެއް ނެތިފައެވެ. ދިރިއުޅޭނެ ތަނެއް ނެތި ގެދޮރު ގެއްލި މަގުމަތިވެފައެވެ.

ދިވެހިންގެ ފަރާތުން ނޭޕާލު ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމަށް ބާއްވާ މި ހާއްސަ ޓެލެތޯނުގައި އެފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ރުފިޔާއިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ނަމަ ބީއެމްއެލްގެ އެކައުންޓް 7701- 176022-001 އަދި ޔޫއެސް ޑޮލަރުން އެހީވުމަށް ބީއެމްއެލްގެ އެކައުންޓް 7701-17022-002 އަށް ޑޮލަރު ޖަމާކުރައްވަމުން ގެންދަވާށެވެ. އޭގ އިތުރުން އިސްލާމިކް ބޭންކެ މެދުވެރިކޮށް ނޭޕާލުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރި ވުމަށް ރުފިޔާއިން ނަމަ 9901- 01-5550036 އަދި ޑޮލަރުން އެހީތެރިވާން ބޭނުންވާ ފަރާތްތަކުން 9901- 01- 5550036- 200 ނަންބަރު އެކައުންޓަށް ފައިސާ ޖަމާކުރައްވަމުން ގެންދަވާށެވެ.

ނޭޕާލުގައި ހާލުގައި ޖެހިފައިވާ އަހުއްނާއި އުހުތުންނަށް މިދަނޑިވަޅުގައި އެންމެހާ ފަރާތްތަކުގެ ދީލަތި އެހީތެރިކަންވެސް ބޭނުންވެ އެވެ.

comment ކޮމެންޓް