މަޖިލީހުގައި ހިނގާ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެވޭނެ އޮންލައިން ފޯރަމެއް ތައާރަފްކޮށްފި

އެމްޑީއެން އިން މިއަދު ސޯލްޓް ކެފޭގައި ބޭއްވި ޕްރެސްކޮންފަރެންސް -- ސަން ފޮޓޯ/މުހައްމަދު ނާސިހް

ރައްޔިތުންގެ މަޖިލީހުގައި ހިނގާ ކަންކަމާއި ބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ފާޅުކޮށް މަޝްވަރާ ކުރެވޭނެ އޮންލައިން ފޯރަމެއް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން ތައާރަފްކޮށްފި އެވެ.

ސޯލްޓް ކެފޭގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަދައްކަމުން އެ ނެޓްވޯކުގެ ރައީސާ ޝަހިންދާ އިސްމާއިލް ވިދާޅުވީ، މި ފޯރަމް މެދުވެރިކޮށް ރައްޔިތުންގެ ޚިޔާލާއި ޝުއޫރު ފާޅުކުރެވޭނެެ ކަަމަށެެވެ.

ޑިމޮކްރަސީ ނެޓްވޯކުން ހިންގާ ވެބްސައިޓް، ޕާލިމެންޓް ވޮޗްގައި މަޖިލީހުގެ ތަޅުމުގައި ކުރެވޭ ބަހުސް ތަކުގެ ޚުލާސާ ގެނެސްދޭނެ ކަމަށް ވެސް ޝަހިންދާ ވިދާޅުވިއެވެ. އަދި ކޮމިޓީތަކުގެ މަސައްކަތްތަކާއި ބެހޭ ގޮތުން ވެސް މައުލޫމާތު މި ވެބްސައިޓުން ލިބޭނެ ކަަމަށް ޝަހިންދާ ވިދާޅުވިއެވެ.

" ކޮންމެ ދުވަހުގެ ބަހުސް އެނަލައިޒްކޮށްފަ އެއިން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ކަންކަން އާއްމުންނާއި ހިއްސާ ކުރާނެ،" ޝަހިންދާ ވިދާޅުވި އެވެ.

މަޖިލީހުގެ ދައްކާ ވާހަކައިގެ ޔައުމިއްޔާ މަޖިލިސް ވެބްސައިޓްގައި އާާއްމުކޮށްފައި ހުރިނަމަވެސް އެއީ ވަރަށް ގިނަ ސަފުހާގެ ލިޔުމަކަށް ވާތީ އެ ކިޔުމަކީ ރައްޔިތުންނަށް އެހާ ފަސޭހަ ކަމެއް ނޫންކަމަށާއި އެހެން ނަަމަވެސް ކުރު ޚުލާސާ އެއް ގެނައުމުން މަޖިލީހުގައި ހިނގާ ކަންކަމުގެ މައުލޫމާތު ލިބިގަތުމަށް ފަސާހެ ވާނެ ކަމަށް އެމްޑީއެން އިން ބުނެއެވެ. މި އެނަލަސިސް، ބަހުސް އޮންނަ ދުވަހާއި ޖެހިގެން އަންނަ ދުވަހު ގެނެސްދޭނެ ކަމަށް ވެސް އެމްޑީއެން އިން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުން އެމްޑީއެން އަށް މައުލޫމާތު ދިނުމުގައި އެއްބާރުލުން ދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެފައިވާ ކަމަށް ވެސް ޝަހިންދާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހާއި ބެހޭގޮތުން ރައްޔިތުން ހޭލުންތެރި ކުުރުވުމަށްޓަކައި ރަށްރަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީއެން އިން ބުނެއެވެ. މީގެ އިތުރުން މަޖިލީހާއި ބެހޭ މައުލޫމާތު ދިނުމަށް ހަދާފައިވާ މޯބައިލް އެޕްލިކޭޝަނެއް މިހާރު ގޫގްޕް ޕްލޭ އިން ލިބޭނެ ކަަމަށް ވެސް އެމްޑީއެން އިން މައުލޫމާތުދެއެވެ.

comment ކޮމެންޓް