ރާއްޖެއަށް ހުށަހެޅި 258 ހުށަހެޅުމުގެ ތެރެއިން 132 ކަމެއް ބަލައިގަންނަށް ސަރުކާރުން ނިންމައިފި

ފޮރިން މިނިސްޓަރު ދުންޔާ . ސަން ފައިލް ފޮޓޯ

އދ. ހިއުމަން ރައިޓްސް ކައުންސިލްގައި ކުރިއަށް ދިއަ ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރު) ގައި 102 ގައުމަކުން ރާއްޖެއަށް ހުށަހެޅި 258 ހުށަހެޅުމުގެ ތެރެއިން 132 ހުށަހެޅުން ބަލައިގަންނާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ރާއްޖޭގެ ގާނޫނުއަސާސީއާ ތައާރަޒް ވާކަމަށް ބުނެ 49 ހުށަހެޅުމެއް ބަލައިނުގަންނާނެ ކަަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ދީނީ މިނިވަންކަން ދިނުމާއި އެއްޖިންސުން ގުޅުހުން ހިންގުމުގެ މިނިވަންކަން ހިމެނެއެވެ. އަދި 77 ހުށަހެޅުމާއި ދޭތެރޭ ސަރުކާރުން އަދި ވަކި ގޮތެއް ނުނިންމައެވެ.

ޔޫޕީއާރު ގައި ޝަރުއީ ދާއިރާއަށް ވަނީ ފާޑުކިއުންތައް އަމާޒުކޮށްފައެވެ. އަދި ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ސަރުކާރުން އެކްޝަން ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވަނީ ހިއުމަން ރައިޓްސް ކައުންސިލްގައި ވިދާޅުވެފައެވެ.

"ވަރަށް ސީދާކޮށް އަޅުގަނޑުމެން ބުނީމު ދުނިޔޭގެ ބޮޑެތި ގައުމުތައް ކުރިމަތީގައި، އެމީހުން ޚިޔާލު ތަފާތުވި ކަމުގައި ވީނަމަވެސް, އަޅުގަނޑުމެންގެ ކަންތައްތައް ގެންދާނީ އަޅުގަނޑުމެން ގެންދަން ބޭނުންވާ ގޮތަށް ކަމަށް،" 'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި ދުންޔާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ، ރާއްޖެއަށް ޑިމޮކްރަސީ ގެނެވޭނީ ރާއްޖޭގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަަމަށާއި އެހެން ގައުމުތަކުން އެއަށް ނުފޫޒް ނުފޯރުވޭނެ ކަމަށެވެ.

މިއީ ރާއްޖޭގެ ދެވަނަ ޔޫޕީއާރު އެވެ. ރާއްޖޭގެ ތިންވަނަ ޔޫޕީއާރު އޮންނާނީ ޖެނުއަރީ 2020 ގައެވެ.

comment ކޮމެންޓް