ރާއްޖެއަށް އިންޓަނެޓްގެ ހިދުމަތް ދޭނޭ އިތުރު ފަރާތެއް ހޯދަނީ

ރާއްޖޭގެ މުވާސަލާތީ ކުންފުނި ދިރާގު ހެޑް އޮފީސް: ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން މިހާރު ވަނީ އެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދޭނޭ އިތުރު ކުންފުންޏެއް ހޯދުމަށް އިއުލާނުކޮށްފައި -- ސަން ފައިލް ފޮޓޯ

މުޅި ރާއްޖެއަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭނޭ އިތުރު ކުންފުންޏެއް ހޯދުމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އިން ފުރުސަތު ހުޅުވާލައިފި އެވެ.

ކޭމުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތްތައް ދިނުމަށްޓަކައި އިތުރު ފަރާތްތަކަށް އިންޓަނެޓް ސާވިސް ޕްރޮވައިޑާ (އައިއެސްޕީ) ލައިސަންސް ދޫކުރުމަށް އެ އޮތޯރިޓީން ބޭނުންވާ ކަމަށެވެ.

" ވީމާ މިކަމަށް އެދޭ ފަރާތްތައް ހޯދުމަށް އާންމުކޮށް ހުޅުވާލައި އިއުލާނު ކުރަމެވެ. އައިއެސްޕީ ލައިސެންސަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމާބެހޭ މައުލޫމާތު އެކުލެވޭ 'ރިކުއެސްޓް ޕްރޮޕޯޒަލް' ކަރުދާހެއް މި އޮތޯރިޓީގެ ވެބްސައިޓް www.cam.gov.mv އިން ލިބެން ހުނާނެ އެވެ." އެ އިއުލާނުގައި ވެއެވެ.

ކޭމް އިން ބުނީ، އައިއެސްޕީ ލައިސަންސަށް ޝައުގުވެރިވާ ފަރާތްތަކުން، އެކަމަށް އެދި އެ އޮތޯރިޓީއަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖޫން މަހުގެ 30 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 13:00 ކަމަށެވެ.

ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައި ނުގަނެވޭނެ ކަމަށާއި ޕްރޮޕޯޒަލް ހުށަހަޅާއިރު، އެ ބަންދުކުރެވިފައިވާ ސިޓީ އުރައިގެ ބޭރުގައި "ޕްރޮޕޯޒަލް އޮން ދަ ލައިސަންސް ފޯ އިންޓަނެޓް ސަރވިސް ޕްރޮވައިޑަރ" ޖެއްހުމަށް ވެސް ކޭމް އިން މައުލޫމާތު ދީފައިވެއެވެ.

ރާއްޖޭގައި ދެވޭ އިންޓަނެޓްގެ ޚިދުމަތްތައް މިހާރަށްވުރެ ރަނގަޅުކޮށް އިތުރަށް ފުޅާކުރުމަށްޓަކައި އެ ޚިދުމަތްތައް ފޯރުކޮށްދޭނޭ އިތުރު ކުންފުންޏެއް ހޯދުމަށް ކޭމް އިން މަސައްކަތް ފަށާފައިވާއިރު، މިހާރު ވެސް ދެ ކުންފުންޏަކަށް ވަނީ އައިއެސްޕީ ލައިސަންސް ދޫކޮށްފައެވެ. އެއީ ދިވެހިރާއްޖޭގެ ގުޅުން "ދިރާގު"އާއި ފޯކަސްކޮމް ޕްރައިވެޓް ލިމިޓެޑްގެ ރާއްޖެ އޮންލައިން "އާރުއޯއެލް" އެވެ.

comment ކޮމެންޓް