ރާއްޖޭގެ ބަޔަކަށް އެމްއެޗު 370 ފެނުނު ކަމަށް ބުނާ މައްސަލަ ބަލަން ޖެހޭ: އާއިލާތައް

އެމްއެޗު 370 އިން ދަތުރުކުރި މީހުންގެ އާއިލާގެ ބަޔަކު ހިތާމަފާޅުކުރަނީ -- ފައިލް ފޮޓޯ

މެލޭޝިއާ އެއާލައިންގެ ގެއްލިފައިވާ މަތިންދާ ބޯޓް އެމްއެޗް 370 ރާއްޖޭގެ ބަޔަކަށް ފެނުނު ކަމަށް ބުނާ ބުނުން އެއް ފަރާތް ކުރުމުގެ ކުރިން އެކަން ބަލަން ޖެހޭ ކަމަށް އެ ބޯޓުން ދަތުރުކުރި މީހުންގެ އާއިލާތަކުން ބުނެފި އެވެ.

މެލޭޝިއާގެ މެލޭ މެއިލް އޮންލައިން ނޫހުން އިއްޔެ ބުނީ އެމްއެޗް 370 އިން ދަތުރުކުރި މީހުންގެ އާއިލާތައް ތަމްސީލު ކުރާ ޓީމުން އެހެން ބުނީ އެ ނޫހަށް ފޮނުވި އީމެއިލް އެއް މެދުވެރިކޮށް ކަމަށެވެ.

"...އަހަރެމެން ގަބޫލު ކުރަނީ އެކަށީގެންވާ ހެއްކާއެކު އުފައްދާފައިވާ އެހެން ތިއަރީތައް މުޅިން އެއްފަރާތް ކުރުމުގެ ކުރިން، ތަހުގީގު ކުރާ މިނިވަން ބަޔަކު އެކަން ބަލަން ޖެހޭނެ ކަމަށް. މިސާލަކަށް ތިރިން ދަތުރުކުރި މަތިންދާ ބޯޓެއް ފެނުނު ކަމަށް ބުނާ ދިވެހިރާއްޖޭގެ މީހުން ފަދަ މަންޒަރު ދުށް މީހުންނާ ތަހުގީގު ޓީމުން އިންޓަވިއު ކުރުމަކީ އަހަރެމެން އެދޭ ކަމެއް، އެއީ ހަމަ އެއްގޮތަކަށް ވެސް ނުވާނެ ކަމެއް ކަމަށް ކަނޑައެޅުމުގެ ކުރިން،" މެލޭ މެއިލް އޮންލައިން އަށް އާއިލާތަކުން ފޮނުވި މެއިލްގައި ބުނެފައިވާ ކަމަށް އެނޫހުން ބުންޏެވެ.

އާއިލާތަކުން މިހެން ބުނެފައި މި ވަނީ އެމްއެޗް370 (ގެއްލުނު ދުވަހު) ރާއްޖޭގެ ބަޔަކަށް އެބޯޓް ފެނުމަކީ އެއްގޮތަކަށް ވެސް އެކަށީގެންވާ ކަމެއް ނޫން ކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި އެގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ވޮރެން ޓްރަސް ވިދާޅުވެފައި ވަނިކޮށެވެ. ޓްރަސް އެހެން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

"...އެ ވާހަކައަކީ ލިބިފައިވާ ސެޓެލައިޓް ޑޭޓާއާ އެއްގޮތަކަށް ވެސް ނުގުޅޭ ވާހަކައެއް. އެވާހައަކީ ރާޑަރުތަކަށް ފެނުނު ފެނުންތަކާ އެއްގޮތަކަށް ވެސް ނުގުޅޭ ވާހަކަތަކެއް. ދިވެހި ރާއްޖޭގެ އެއާ ޓްރެފިކް ޓަވަރަކަށް ނުވަތަ ސަރަހައްދުގައިވާ އެހެން އިދާރާއަކަށް އެމައުލޫމާތެއް ނުލިބޭ،" ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަސް ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ އަހަރުގެ މާޗް މަހުގެ އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގެ ފަޅުވެރިންނާއި ފަސިންޖަރުންނާއެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ. އެ ބޯޓު ގެއްލުނު ދުވަހު އާދަޔާ ހިލާފަށް ތިރިން މަތިންދާ ބޯޓެއް ދަތުރުކޮށްފައި ދިޔަ މަންޒަރު ފެނުނު ކަމަށް ދ. ކުޑަހުވަދޫ ބަޔަކު ވަނީ ބުނެފަ އެވެ. އެ ވާހަކަތައް ބޭރު ނޫސްތަކުގެ ފަލަ ސުރުހީތަކަށް ވަނީ އަރާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު