ތޮލްހަތާއި ޒިޔާދުގެ މައްޗަށް ހުކުމް އިއްވުން މާދަމާ ރޭ

ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު ކޯޓަށް ހާޒިރުވެވަޑައިގަންނަވަނީ ---- ސަން ފައިލް ފޮޓޯ

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގައި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި އެމްއެންޑީއެފްގެ ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ހުކުމް އިއްވުން މާދަމާ ރެއަށް ތާވަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ، ތޮލްހަތާއި ޒިޔާދުގެ މައްޗަށް ހުކުމް އިއްވަން ތާވަލްކޮށްފައި ވަނީ މާދަމާ ރޭ 10:00 އަށް ކަމަށެވެ.

ތޮލްހަތާ ދެކޮޅަށް ހެކިބަސްދިން ސިފައިންގެެ އޮފިސަރަކު ވިދާޅުވެފައި ވަނީ 30 އަހަރަށް ޖަލަށް ލިޔަސް އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ ޒިންމާ ނަންގަވާނެ ކަމަށް ތޮލްހަތު ވިދާޅުވެފައިވާ ކަމަށެވެ.

ޝަރީއަތުގެ މަޖިލީހުގައި ޒިޔާދު ވިދާޅުވެފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް އޭރުގެ ސިފައިންގެ އެންމެ މަތީ ވެރިޔާ މުހައްމަދު ނަޝީދު އަމުރު ކުރެއްވުމުން، އެކަން ކޮށްފައި ވަނީ އޭރުގެ މާލޭ އޭރިއާ ކޮމާންޑަރު އިބްރާހީމް މުހައްމަދު ދީދި ކަމަށެވެ.

އެ ދެ ބޭފުޅުންގެ މައްޗަށް ހުކުމް އިއްވުމަށް ވެސް މީގެކުރިން ދެފަހަރެއްގެ މަތިން ތާވަލްކުރުމަށްފަހު ވަނީ ކެންސަލް ކޮށްފައެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ކުށް ސާބިތވެ 13 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވިއިރު، ކުރީގެ ޗީފް އޮފް ޑިފެންސްފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް އިއްވާފައެވެ.

comment ކޮމެންޓް