ކުއްތާތަކަށް ނަންކިއުން ބޮޑު ބަހުސަކަށް!

ރާއްޖެ ގެނައި ކުއްތާއެއް މީހަކު އުރާލައިގެން --

މިހާރު މުޅި ސޯޝަލް މީޑިއާގައި އެންމެ ގަދައަށް ކުރެވޭ ބަހުސަކީ ފުލުހުންގެ "ފާރަ ގެމަ"އިގެ ކުއްތާތަކަށް ނަން ދިނުމެވެ. ހޮޓާ، ކެފޭ މޭޒުތައް މަތީގައި ވެސް އެ ވާހައެވެ. ގޭގޭ ސިޓިން ރޫމުގައި ވެސް އެ ވާހަކަ އެވެ. މަޖަލަކަށް ހަދައިގެން އެތައް ނަމެއް ކިޔަނީ އެވެ. އަލަތު ދަރިފުޅަށް ކިޔާނެ ނަމެއް ހޯދުން ކަހަލަ އެވެ. މިކަން މިހެންއޮއްވައި ދިވެހި ބަހުގެ އެކަޑަމީ އަށް ފުލުހުން މިއަދު ވަނީ "ބޮޑު" މަސައްކަތެއް ހަވާލުކޮށްފަ އެވެ. މަސްތުވާތަކެތި ރާއްޖެ އަށް އެތެރެކުރުން މަދު ކުރުމަށާއި ވަގު ފައިސާއި އަދި ގޮވާތަކެތި އެތެރެކުރުން މަދުކުރުމަށް ޓަކައި ރާއްޖެ އަށް ރެއިން ފެށިގެން ގެންނަން ފަށާފައިވާ 16 ކުއްތާއަށް 16 ނަން ކިޔުމެވެ.

ފުރަތަމަ އެ އެކަޑަމީއަށް ހަވާލުކުރެވުނީ އެ ކުއްތާތަކުގެ ފައުޖަށް ކިޔާނެ ނަމެއް ހޯދުމެވެ. އެކަން ކޮށްފި އެވެ. އެނަމަކަށްވީ "ފާރަ ގެމަ" އެވެ. ފާރަ ގެމައިގެ ތެރެއިން "ފާރަ"ަ އަކީ ކުއްތާއަށް ކިޔާނަމެވެ. ޒަމާނުންސުރެ އެކަން އޮތީ އެހެންނެވެ. "ގެމަ" ކިޔަނީ "ސްކޮޑަ"ށެވެ. މިހާާރު ވެސް ސިފައިންގޭގައި އެނަން ބޭނުން ކުރެ އެވެ.

ކޮންމެއަކަސް ކުއްތާތަކަށް ބޭނުންވާނެ ގެ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފި އެވެ. ގޭގައި ފަންކާ ހަރުކޮށް، ޕޫލެއް ތައްޔާރުކޮށް ކޮންމެ ކުއްތާއަކަށް "ކޮޓަރިއެއް" ވަނީ ތައްޔާރުކޮށްފަ އެވެ. ނުވެއޮތީ އެންމެ ކަމެކެވެ. އެއީ އެ ގެމައިގައި ހިމެނޭ ވަކިވަކި ކުއްތާއަށް ނަން ކިއުމެވެ. އެ މަސައްކަތް ވަނީ ބަހުގެ އެކަޑެމީއާ ހަވާލުކޮށްފަ އެވެ.

ރޭ ރާއްޖެއަށް ގެނެސްފައިވާ ކުއްތާ އެއް-- ސަން ފޮޓޯ

ކުއްތާތަކަށް ވަކިވަކި ނަން ކިޔަން ޖެހޭ ސަބަބަކީ މިޝަންތަކުގައި އުޅޭ އިރު އެތަކެއްޗާ މުއާމަލާތް ކުރަން ފަސޭހައަކަށެވެ. ކޮންމެއަކަސް އެތައް ބައްދަލުވުންތަކެއްގައި ކުއްތާތަކަށް ކިޔާނެ ނަމަކާމެދު މިވަނީ ބޮޑު ބަހުސެއް އުފެދިފަ އެވެ. އެއްބަޔަކު އެ ކުއްތާތަކަށް ސިޔާސީ މީހުންގެ ނަމުން ނަންދޭއިރު އަނެއް ބަޔަކު ބުނަނީ އެއަށް ދޭން ޖެހޭނީ އާންމު މީހުންނަށް ކިޔާ ނަންތައް ކަމަށެވެ. އަނެއް ބަޔަކު ގަބޫލް ކުރާ ގޮތުގައި މީހުންގެ ނަން ކިޔުން ރަނގަޅެއް ނޫނެވެ. މިއީ ރާއްޖެއަށް އާކަމަކަށް ވުމުން ގޮތެއް ނިންމަން ވާނީ ދިރާސާތަކަށް ފަހުކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާ އިރު ކުއްތާއަކީ އެމީހުން ބޮޑު ލޯތްބެއް ކުރާއެއްޗެކެވެ. ދަރިންނަށް ދޭ ފަދައިން އަޅާލުމާއި ލޯބި އެމީހުން، ކުއްތާތަކަށްދެ އެވެ. އާންމު ގޭގޭގައި ބޭނުން ކުރެވޭ ކުއްތާތަކުން ފެށިގެން އަސްކަރީ ދާއިރާގައި ބޭނުން ކުރާ ކުއްތާތަކަށް ވެސް އެގަދަރާއި އެލޯބި ގިނަ ގައުމުތަކުގައިދެ އެވެ. އެހެން ކަމުން ޖުމުލަކޮށް ގިނަ ގައުމުތަކުގައި ކުއްތާތަކަށް ކިޔާފައި ހުންނަނީ މީހުންނަށް ކިޔާ ފާޑުގެ ނަންނަމެވެ. ފިރިހެން ކުއްތާއަށް ފިރިހެނުންނަށް ކިޔާ ނަންނަމެވެ. އަންހެން ކުއްތާތަކަށް އަންހެން ނަންނަމެވެ.

އެކަން އެހެން އޮއްވައި ފުލުހުން ދިވެހި ބަހުގެ އެކަޑަމީއަށް ވަކިވަކި ކުއްތާއަށް ކިޔާނެ ނަންތައް ހޯދުމަށް މިވަނީ ހުށަހަޅައިފަ އެވެ. މިއަދު އެ އެކަޑެމީގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ އިރު ބޮޑަށް ގަބޫލު ކުރެވެނީ އެއީ އެ ކުއްތާތަކަށް ނަމެއް ހޯދުމަށް މަސައްކަތް ފެށުމުގެ ގޮތުން ބާއްވާ ބައްދަލުވުމެއް ކަމަށެވެ. ކޮންމެއަކަސް އެކަޑެމީއާއި ހަވާލުވެފައިވާ މަސައްކަތަކީ ވަކިވަކި ކުއްތާއަށް ނަން ދިނުމެވެ.

ކުއްތާތަކަށް ނަންދިނުމާ ގުޅޭ ގޮތުން ބަސް ކޮމެޓީގެ މެމްބަރު އަދި ދިވެހި ބަހުގެ އިލްމްވެރިއެއް ކަމަށްވާ އާދަމް ނަސީރު ވިދާޅުވާ ގޮތުގައި ކުއްތާއަކީ މުސްލިމުން ލޯބިކުރާއެއްޗަކަށް ނުވާއިރު އެއަށް އިންސާނުންގެ ނަން ކިޔުން ރަނގަޅެއް ނޫނެވެ.

ރާއްޖެ ގެންނަ ކުއްތާތައް-- ފައިލް ފޮޓޯ

"އެއީ އިސްލާމްދީނުގައި ކަމޭހިތޭ އެއްޗެއް ނޫން. އެހެންވުމުން ލޯބިކޮށް ހިތެވޭ ކަހަލަ ނަން ކިޔުން އެހާ ރަނގަޅެއް ނޫން،" އާދަމް ނަސީރު ވިދާޅުވި އެވެ.

އާދަމް ދެކިލައްވާ ގޮތުގައި ކުއްތާތަކަށް ވަކިވަކިން ނަމެއް ކިޔާ އިރު ބޮޑަށް ރަނގަޅުވާނީ ބޯދާ ކަންކަމާ އެކު ގެއްލިފައިވާ ކަންކަމުގެ ތެރެއިން ނަމެއް ކިޔުމެވެ. އެގޮތުން "ދެވި" (ހިޔާލީ ފުރޭތަ) ތަކުގެ ނަމުން ނަން ކިޔުން މުހިންމު ކަމަށް އޭނާ ދެކިވަޑައިގަންނަވަ އެވެ.

"މިސާލަކަށް ކަނޑެވި، ގުޑެވި، ފަދަ ދެވިތަކަށް ކިޔާ ފަދަ ނަންނަން ކިޔުން މުހިންމު. ހަމައެހެންމެ، ބަޑިއެދުރާއި ސަންތި މަރިޔަބު ފަދަ ނަންނަން ވެސް ކިއިދާނެ،" އާދަމް ނަސީރު ވިދާޅުވި އެވެ.

އާދަމްގެ ވިސްނުމުގައި އެގޮތަށް ނަން ކިޔުމުގެ މުހިންމުކަމަކީ ނަން ދެވޭ އިރު ތާރީހަކާ ގުޅުވުމެވެ. އޭރުން ބޯދާ ވާހަކަތަކަށް މީހުން ހޭލުންތެރި ކުރެވޭނެ ކަމަށް ވެސް އޭނާ ގަބޫލް ކުރައްވަ އެވެ. އެފަދަ ނަންތައް އަލުން ކިޔަން ފެށުމުން އެފަދަ ކަންކަން މުޖުތަމައުގެ ތެރެއަށް އަންނާނެ ކަމަށް އާދަމް ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ގަބޫލް ކުރައްވާ ގޮތުގައި ނަމެއް އަޔަސް ކަމެއް ނާންނާނެ އެވެ.

ދިވެހިބަހުގެ ބަސް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ، ބަހުގެ އިލްމުވެރިޔާ މުހައްމަދު އާމިރު (ފަރެސް)ގެ ވިސްނުންފުޅު ތަފާތެވެ. އާމިރު ގަބޫލު ކުރައްވާ ގޮތުގައި ރާއްޖޭގައި މާޒީފެވައިވާ މަގާމެއްގެ ނަމެއް އަދި މީހަކަށް ކިޔާނަމެއް ނުވަތަ މީހަކަށް ދެވިފައިވާ ޝަރަފެއްގެ ނަމަކުން ކުއްތާތަކަކަށް ނަން ކިޔުން ރަނގަޅެއް ނޫނެވެ. ހަމައެއާ އެކު ދެވި ފަދަ ތަކެތީގެ ނަމުން ނަން ކިޔުން ވެސް ރަނގަޅު ނޫން ކަމަށް އާމިރު ވިދާޅުވި އެވެ.

"އެކަހަލަ ހުރިހާ ކަމަކާ ދެކޮޅު. ތިޔަ ވާ ގޮތަކީ ތިއުޅެނީ ސެކިއުރިޓީއަށް ގެނައި އެއްޗެއް. އެހެންވީމާ ބިރުވެރި އެއްޗެހީގެ ނަމުން ތިޔަށް ނަން ކިޔައިގެން ނުވާނެތާ. އަނެއް ކަމަކީ އަގީދާގެ ގޮތުން ވަޅުޖެހިފައި ހުރި ކަންތައްތަކެއް އާކޮށްގެންނެއް ވެސް ނުވާނެ،" އާމިރު ވިދާޅުވި އެވެ.

އާމިރުގެ ވިސްނުންފުޅުގައި ކުއްތާތަކަށް ކިޔަން ވާނީ "ޓެކްނިކަލް" ނަންތަކެއް އުފައްދައިގެންނެވެ. އެގޮތުން "ފާރަ" އެ ލަފުޒު ހިމަނައިގެން ނަންތަކެއް އުފެއްދުން މުހިންމު ކަމަށް އާމިރު ވިދާޅުވި އެވެ. އެގޮތުން "ހަށިފާރަ" އާއި "ދޮރުފާރަ" ފަދައިން އެ ކުއްތާއެއް ހާއްސަ ދާއިރާއަކުން ނަން ދިިނުން މުހިންމު ކަމަށް އޭނާ ދެކިވަޑައިގަންނަވަ އެވެ.

ކުއްތާއަށް ކިޔާނެ ނަމުގެ ބަހުސް އެގޮތަށް އޮތް އިރު ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ މިއަދު "ސަން"އަށް ވިދާޅުވީ، އެ މަސައްކަތް ރަސްމީކޮށް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ. ވަރަށް އަވަހަށް އެކަން ކުރެވޭތޯ މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފާރަތަކަށް، މި ދެންނެވީ ކުއްތާތަކަށް ވަކިވަކި ނަންތަކެއް ދިނުމުގެ މަސައްކަތެއް. އަޅުގަނޑުމެން މި ބަލަނީ ވީހާ ވެސް އަވަހަށް އެކަން ކުރަން. އިލްމީ މަސައްކަތެއް ވީމަ ތަންކޮޅެއް ބޮޑަށް ކުއްލިއަކަށް ކޮށްލަން ފަސޭހަ ކަމަކަށް ނުވާނެ ދެއްތޯ،" އަޝްރަފް ވިދާޅުވި އެވެ.

ސުވާލުތަކާއި ބަހުސްތަކެވެ. އެއްބަޔަކު ގަބޫލް ކުރާ ގޮތުގައި ނަމެއް ދޭކަށް ވެސް ނުޖެހެ އެވެ. ނަމަވެސް މިޝަންތަކަށް ކުއްތާތައް ނެރެން ޖެހުމުން ނަމެއް ކިޔުން މުހިންމެވެ. ތަޖުރިބާކާރުންގެ ބަހަށް ބަލާ އިރު އެއްބަސްވާ ކަމަކީ އެއަށް މީހުންގެ ނަމުން ނަން ކިޔާކަށް ނުވާނެ ކަމެވެ. ދެން އުފެދޭ ބަހުސް އަކީ އެއަށް ކިޔާނީ ހިޔާލީ ޖިންނިތަކުގެ ނަންތަކުންތޯ ނުވަތަ ނަމެއް އުފައްދާނީތޯ ކުރެވޭ ސުވާލެވެ.

ގުޅޭ ޓެގު
comment ކޮމެންޓް