ދެކުނު ކޮރެޔާ އިން ސައޫދީ އަރަބިޔާގައި ނިއުކްލިޔާ ރިއެކްޓަރެއް ބިނާކޮށްދެނީ

ރިޔާޟް (މާޗް 4) : ސުލްޙަވެރި ބޭނުންތަކަށް ނިއުކްލިޔާ ހަކަތަ ތަރައްގީ ކުރުމުގެ އެއްބަސްވުމެއްގައި ސައޫދީ އަރަބިޔާއާއި ދެކުނު ކޮރެޔާ ސޮއިކޮށްފި އެވެ.
މިއެއްބަސްވުމުގައި ދެގައުމުން ސޮއިކުރީ ދެކުނު ކޮރެޔާގެ ރައީސާ ބާކް ކުން ހާއި ސައޫދީ އަރަބިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގަ އެވެ. މިއެއްބަސްވުމުގެ ދަށުން ދެކުނު ކޮރެޔާ އިން ސައޫދީ އަރަބިޔާގައި ނިއުކްލިޔަ ރިއެކްޓަރެއް ގާއިމް ކޮށްދިނުމާއި އެރިއެކްޓަރު ހިންގުމަށް ބޭނުންވާ ނިއުކްލިޔާ އިންޖިނޭރުންނާއި ރީސާޗަރުންނަށް ދެކުނު ކޮރެޔާގައި ތައުލީމާއި ތަމްރީން ދިނުން ވެސް ހިމެނެ އެވެ. މީގެ އިތުރުން ދެ ގައުމުގެ މަސްއޫލުވެރިން ވަނީ އިގްތިސާދާއި ވިޔަފާރި އާއި ޓެކްނޮލޮޖީ އާއި ދާއިރާތަކުގައި ވެސް އެއްބާރުލުމުގެ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފަ އެވެ.

މިއެއްބަސްވުންތަކުގެ ދަށުން ދެކޮނު ކޮރެޔާގެ ކުންފުނިތަކުން ސައޫދީ އަރަބިޔާގައި ހިންގާނެ ކަމަށް ބެލެވޭ މަޝްރޫޢުތަކުގެ އަގު 20 ބިލިޔަން ޑޮލަރާއި 30 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް ސައޫދީ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެ އެވެ. ސައޫދީ އަރަބިޔާއަށް ވަޑައިގެން އުޅުއްވާ ދެކުނު ކޮރެޔާގެ ރައީސާ ބާކް ކުން ހާއި ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާ އިއްޔެވަނީ ބައްދަލުކުރައްވާފަ އެވެ.
މިއީ ސަލްމާން ރަސްގެފާނު ސައޫދީ ރަސްކަމަށް އިސްވެ ވަޑައިގެންނެވި ފަހުން ދެކުނު ކޮރެޔާގެ އެންމެ އިސްވެރިއަކު ސައޫދީ އަރަބިޔާއަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ. ދެކުނު ކޮރެޔާއަކީ ސައޫދީ އަރަބިޔާއާއެކު ވިޔަފާރީގެ ގުޅުންތައް ވަރަށް ބޮޑަށް ގާއިމްކޮށްފައިވާ ގައުމެކެވެ. (އަލްއަރަބިއްޔާ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު