"މައިލޯ ސްޓްރީޓް ސޮކާ 2015"ގެ ނަމުގައި އައްޑޫގައި ކުރިއަށް ގެންދިޔަ ސްޓްރީޓް ސޮކާ މުބާރާތުގެ ޗެންޕިއަންކަން ސ. ފޭދޫގެ ޓީމެއް ކަމަށްވާ މެޖެންޓާ ހޯދައިފި އެވެ.
"ދަ ފޭދޫ ސްޕޯޓްސް"އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ މުބާރާތުގެ ޗެންޕިއަންކަން ހޯދީ އިއްޔެ ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ސ. ހިތަދޫގެ އެފްސީ ޒެފިއަރު މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ކުން މެޗުގެ ނަތީޖާ ހަމަހަމަ ވެފައި ވުމުން، މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިންނެވެ.
ފައިނަލް މެޗަށްފަހު ބޭއްވި އިނާމް ދިނުމުގެ ހަފްލާގައި މުބާރާތުގެ ޗެންޕިއަން ޓީމަށް ތަށްޓާއި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާން އަދި އެފްއޭއެމްގެ ރީޖަނަލް ޑިވަލޮޕްމަންޓް އޮފިސަރު އަހުމަދު ޝރީފް އެވެ. އެ މުބާރާތުގެ ޗެންޕިއަން ޓީމަށް ވަނީ ފައިސާގެ އިނާމްގެ ގޮތުގައި 40،000 ރުފިޔާ ހުށަހެޅިފަ އެވެ.
ޗެންޕިއަން ޓީމަށް ތައްޓާއި ފައިސާގެ އިނާމް ހަވާލުކުރުމުގެ އިތުރުން، އެ ހަފްލާގައި މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ވަނީ އިނާމް ދީފައެވެ. އެގޮތުން މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އެފްސީ ޒެފިއަރފެ މުހައްމަދު ތިލްމީޒު ހޯދިއިރު، މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ޑިސީ ސްޕޯޓްސްގެ އަހުމަދު ތޮލާލް އެވެ.
މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ އެމްސީ ޔުނައިޓަޑް އެވެ. އަދި މުބާރާތުގެ ރަން ބޫޓު ހަބޭސް ޓީމުގެ އިބްރާހިމް މަހުދީ ހޯދިއިރު، މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ މެޖެންޓާގެ ކޯޗް އިބްރާހިމް ފާއިޒް އެވެ. އޭގެ އިތުރުން މެޖެންޓާގެ އަހުމަދު ސައީދު އާއި ހަބޭސްގެ އިބްރާހިމް މަހުދީ އަދި އެފްސީ ޒެފިއަރގެ މުހައްމަދު އާލިފް ފަހުމީ އާއި މުހައްމަދު ތިލްމީޒު ވަނީ މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންގެ މަގާމް ހޯދާފައެވެ.
މިއީ ދަ ފޭދޫ ސްޕޯޓްސްއިން އިންތިޒާމް ކޮށްގެން އައްޑޫގައި އެފަދަ ސްޓްރީޓް ސޮކާ މުބާރާތެއް ބާއްވާ ފަސްވަނަ އަހަރެވެ. މިފަހަރުގެ މުބާރާތުގައި އައްޑޫ އަތޮޅުގެ ފޭދޫ އާއި ހިތަދޫ، މަރަދޫ އަދި މަރަދޫ ފޭދޫއިން ވަނީ މުޅިއަކު 20 ޓީމު ބައިވެރި ވެފައެވެ.