ރާއްޖޭން ދިން އެހީގައި ޣައްޒާގެ ބައެއް މީހުންނަށް ބޯހިޔާވަހިކަން ލިބިއްޖެ

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން މިދިޔަ އަހަރު ހިންގި އުދުވާނާ ގުޅިގެން އެހީގެ ގޮތުގައި ރާއްޖޭން ދިން ފައިސާ ބޭނުންކޮށްގެން އެރަށުގެ ބައެއް މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

ރާއްޖޭން އެއްކުރި ފައިސާ ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމާ ހަވާލުވެފައިވާ ގަތަރު ރެޑް ކްރެސެންޓުން ބުނީ ރާއްޖޭން ދިން އެހީގައި ގާއިމްކުރާ 100 ހައުސިން ޔުނިޓްގެ ތެރެއިން 27 ޔުނިޓެއް ނިމިފައިވާ ކަމަށެވެ. މަސައްކަތް ކުރިއަށް ދާ ގޮތާއި ބެހޭ ގޮތުން ޖެނުއަރީ 15 ވަނަ ދުވަހު ތައްޔާރުކޮށްފައިވާ ރިޕޯޓްގައި ބުނެފައި ވަނީ ނިމިފައިވާ 27 ހައުސިން ޔުނިޓް ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ހަވާލުކުރާނެ ކަމަށެވެ. އަދި ބުނެފައި ޣައްޒާގެ ބައިތު ހަނޫނުގައި ބިނާކުރި އެ ހައުސިން ޔުނިޓްތައް މީހުންނާ ހަވާލުކުރާނީ ބައިތު ހަނޫނުގެ މުނިސިޕަލްޓީއާއި މިނިސްޓްރީ އޮފް ހައުސިން އާ ގުޅިގެން ކަމަށެވެ.
ރާއްޖޭން ހަދިޔާކުރި ފައިސާއިން ޣައްޒާގެ ބައިތު ހަނޫނުގައި ބިނާކުރި ހައުސިން ޔުނިޓްތަކަށް ފެން ފޯރުކޮށްދެނީ -- ފޮޓޯ: ގަތަރު ރެޑްކްރެސެންޓް

އެރިޕޯޓްގައި ބުނެފައި ވަނީ ރާއްޖޭން ފޯރުކޮށްދިން އެހީގައި " މޯލްޑިވްސް ޝެލްޓާ ސެންޓާ" ގެ ނަމުގައި ބިނާ ކުރާ ތަނުގައި ހިމެނެނީ 100 ހައުސިން ޔުނިޓްކަމަށާއި އެހައުސިން ޔުނިޓްތަކުން 700 މީހަކަށް ބޯހިޔާވަހިކަން ލިބޭނެ ކަމަށެވެ. އެ ސެންޓަރު ގާއިމްކުރަމުން އަންނަނީ އިސްރާއީލުގެ އުދުވާނުގައި ހަލާކުވެފައިވާ ގެތަކާއި ވަރަށް ކައިރީގައި ކަމަށާއި ސްކޫލް ފަދަ ތަންތަނާއި ވެސް ކައިރީގައި ކަމަށް ރިޕޯޓްގައި ވެއެވެ.

ރާއްޖޭން ދިން އެހީގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ބޭސްފަރުވާގެ ވަސީލަތްތަކުގެ ފުރަތަމަ ޝިޕްމެންޓް ލިބި، އެތަކެތިވެސް ބަހާފައިވާ ކަމަށް ގަތަރު ރެޑްކްރެސެންޓް ސޮސައިޓީގެ ރިޕޯޓްގައި ވެއެވެ. އަދި މިހާތަނަށް ނުގެންދެވި ހުރި އެފަދަ ތަކެތި ގެންދިއުމަށް އިސްރާއީލު އަސްކަރިއްޔާއާ ވާހަކަ ދައްކާފައިވާ ކަމަށާއި މިމަހު މެދުތެރޭ އެތަކެތި ގެންދެވޭނެ ކަމަށް ބެލެވޭ ކަމަށް ވެސް އެރިޕޯޓްގައި ވެއެވެ.
ރާއްޖޭން ހަދިޔާކުރި ފައިސާއިން ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދިން ބޭސްފަރުވާގެ ވަސީލަތްތަކުގެ ފުރަތަމަ ޝިޕްމެންޓް ބެހުމުގެ މަސައްކަތުގައި -- ފޮޓޯ: ގަތަރު ރެޑްކްރެސެންޓް

ހައުސިން ޔުނިޓްތަކުގެ މަސައްކަތް ލަސްވި ސަބަބެއް ކަމަށް ރިޕޯޓްގައި ބުނެފައި ވަނީ ޣައްޒާ އަދިވެސް ހިސާރުކޮށްފައި އޮތުމެވެ. އެކަމުގެ ސަބަބުން ތަކެތި ގެންދިއުމުގައި ބޮޑެތި ދަތިތައް ކުރިމަތިވާކަން ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގި އުދުވާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް ރާއްޖޭގެ މީޑިއާތަކުން ހިންގި "ހެލްޕް ގާޒާ ޓެލެތޯން" އާއި އަދާލަތު ޕާޓީން ހިންގި ގާޒާ ފަންޑް މޯލްޑިވްސް އިން އެއްކުރި 29461947.65 ރުފިޔާ (1.91 މިލިޔަން ޑޮލަރު) ގަތަރު ރެޑްކްރެސެންޓާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު