މިސްކިތްތަކުގެ މަރާމާތަށް އަވަސް ހައްލެއް ބޭނުންވެފައި!

ޝަހީދު އަލީ މިސްކިތަށް ގޮސް ވުޟޫ ކުރާ ސަރަހައްދުގައި ގިނަ ބަޔަކު ހަރަކާތްތެރިވަމުން ދިޔަ ވަގުތެކެވެ. ކުއްލިއަކަށް ފެނުނީ ސިއްސައިގެން ދާވަރުގެ މަންޒަރެކެވެ. އާއެކެވެ. ޒުވާން ފިރިހެނަކު ކުޑަކަމުދަނީ އެވެ. އޭނާ ކުޑަކަމުދަނީ ފާހާނާ ތަށްޓަށެވެ. އޭނާ ހުރީ މީހުންނަށް ފުރަގަސްދީގެންނެވެ. ނަމަވެސް ފާހާނާގައި ދޮރެއް ނެތުމުން ހުރަހެއް ނެތި ފެނެ އެވެ. ކުޑަކަމުދިއުމަށް ފަހު ސާފުވުމަށް އޭނާ އައީ އެހެން މީހުން ވުޟޫ ކުރާ ސަރަހައްދަށެވެ. އެވާގޮތެއް ބެލި އިރު ފާހާނާގައި ދޮރެއް ނެތްތަނުގައި ފެންލިބޭނެ ގޮތެއް ވެސް ނެތީ އެވެ. މިއީ މިސްކިތެއްގެ ތެރެއިން ރޯމާ ދުވާލު ފެނުނު މަންޒަރެކެވެ.

މާލޭގެ މިސްކިތްތައް މަރާމާތު ނުކުރެވުމަކީ ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. މާލޭގެ ގިނަ މިސްކިތްތަކުގެ ހާލަކީ އެއީ އެވެ. މިސްކިތްތަކުގެ ފުރާޅާއި ސީލިންގު ފޫގޮސް ފެން ލީކްވާ މިސްކިތްތައް ވެސް މަދެއް ނޫނެވެ. ހަމަ އެހެންމެ ސީލިންގުތައް ބާވެ ދިމަދިމާލުން ފަޅައިގެންގޮސްފައި ހުންނަ ތަން ފެންނަލެއް ވެސް މަދެއް ނޫނެވެ. ފަންކާތައް ބާވުމަކީ ވެސް ބައެއް މިސްކިތްތަކަށް ދިމާވެފައިވާ މައްސަލައެކެވެ. ހަމައެހެންމެ މިސްކިތްތަކުގެ ފާރުގެ ކުލަ ބާވެފައިވުމާއި ފާރުތަކުގައި މިލަ ކުލަ ހިފާފައި ހުންނަ މަންޒަރު ވެސް ފެނެ އެވެ.

މިސްކިތްތަކުގެ ފާހާނާ ތަކުގެ ފެންވަރު ދަށް ކަމީ އެންމެންނަށް ވެސް އެނގޭ ކަމެކެވެ. މިސްކިތުގެ ފާހާނާ ތަކުގެ ތެރެއިން "ފްލެޝް ޓޭންކް" ރަނގަޅު ހާލަތުގައި ހުރި ފާހާނާއެއް ނެތޭ ވެސް ބުނެވިދާނެ އެވެ. ހަމައެހެންމެ ފާހާނާ ތަށިތައް ތެޅިފައި ހުރުމާއި ދޮރުތައް ހަލާކުވެފައި ހުންނަތަން ވަރަށް ގިނައިން ފެނެ އެވެ. ހާއްސަކޮށް ދޮރުތަކުގައި ތަޅު ނުހުންނަކަން ފާހަގަވެ އެވެ. ފާހާނާގެ ފާރުތަކުގައި އެކި އެކި ބޭއަދަބީ ލިޔުންތައް ލިޔެފައި ހުރުމަކީ ވެސް ވަރަށް އާންމު ކަމެކެވެ. އޭގެ ތެރޭގައި ބަދުއަހުލާގީ އަމަލުތަކަށް ހިތްވަރުދޭ ލިޔުންތައް ވެސް ފެނެއެވެ. ބައެއް މިސްކިތްތަކުގެ ފާހާނާތަކުން ފެން ނުލިބޭކަމާއި ނުބައިވަސް ދުވުމަކީ ވެސް އާންމު ކަމެކެވެ.
މަސްޖިދުއް ޒިކްރާގެ ސީލިންގުގެ ބައެއް ހަލާކުވެފައި -- ސަން ފޮޓޯ: އަހްމަދު ސާއިލް އަލީ

"އަހަރެން ކޮންމެ ދުވަހު ބުނަނީ. އެކަމަކު އެއްޗެހި ނުދެނީ، ދެން ކިހިނެއް ސާފު ކުރަނީ. ފާހާނާ ދޮރުނެތީ ހަތަރު މަސް ވަނީ. އަބަދު ބުނަނީ އެކަމަކު ނުދެނީ. ދެން ކިހިނެއް ދޮރު ބަހައްޓަނީ،" ޝަހީދު އަލީ މިސްކިތް ސާފު ކުރަން ހުންނަ ބިދޭސީ މީހާ ބުންޏެވެ.

މިކަންކަން މިގޮތަށް ހުންނަތަން ފެންނައިރު މިސްކިތްތައް ސާފު ކުރަން ވެސް މީހުންނާ ހަވާލުކުރެވިފައިވެ އެވެ. ގިނައިން ތިބެނީ ބިދޭސީންނެވެ. އެމީހުން ބުނަނީ އެކަށީގެންވާ ސާމާނާއި އެހީތެރިކަން ނުދޭ ކަމަށެވެ. ކޮންމެއަކަސް އެނގޭހާ ވެސް ކަމަކީ މިސްކިތްތައް ރަނގަޅަށް ނުބެލެހެއްޓޭ ކަމެވެ. އެކަމުގެ އުނދަގުލާއި ޝަކުވާ އާންމުންނާއި އިމާމުންގެ ފަރާތުންވެސް ދަނީ ލިބެމުންނެވެ.

"ކޮންމެވެސް ބަންގުލަދޭޝް މީހަކު މިހުންނަނީ ލައިފައި. ދެ ބުރި ތިންބުރި މިސްކިތް ވެސް ސާފު ކުރަން އެންމެ މީހަކު ހުންނަނީ. އަސްލު ހަގީގަތުގައި ސާފެއް ނުކުރެވޭ. ދެން ބަނގުލަދޭޝް މީހާ ވެސް އިމާމު މީހާއާ ޝަކުވާ ކުރަނީ ތިމަންނަ މެންނަކަށް ބަރާބަރަށް މުސާރައެއް ނުދޭ. ބޮޑު މީހާ މުސާރައެއް ނުދޭ ތިން ހަތަރު މަސް ވެއްޖެޔޭ. އެކަހަލަ ޝަކުވާތަކެއް ކޮށްފަ ބަނގުލަދޭސް މީހާ ވެސް ނާދޭ ސާފު ކުރާކަށް. ވަރަށް ހަޑިކޮށް މިސްކިތްތައް ވެސް ހުރީ،" އިމާމުންގެ ޖަމިއްޔާގެ ސެކްރެޓަރީ އަބްދުލް ހަމީދު ވިދާޅުވި އެވެ.

މިސްކިތްތަކުގެ ހާލަތު މިދަރަޖައަށް ދިއުމުގައި މިސްކިތްތަކަށް އަރާ ފަރާތްތަކުން ވެސް ޒިންމާ ނަގަން ޖެހެ އެވެ. މިސްކިތްތަކުގެ ފާހާނާތައް މިހާރު ފެންނަނީ އާންމު ފާހާނާ ބަރީގެ އުސޫލުންނެވެ. މިކަމުގައި އެންމެ ބޮޑަށް ހަރަކާތްތެރި ވަނީ ބިދޭސީންނެވެ. ހަމައެހެންމެ މަސްތުވާތަކެތި ބޭނުންކުރުން ފަދަ ހަރާން ކަންކަން ވެސް ފާހާނާތަކުގެ ތެރޭގައި ހިންގަ އެވެ. ދެރައީ ބަލާނެ ފަރާތެއް ނެތީމައެވެ.
އިސްލާމީ މަރުކަޒުގެ ފާހާނާގެ ބޭރު ފާރު ކުލަވެއްޓި ހަޑިވެފައި -- ސަން ފޮޓޯ: އަހްމަދު ސާއިލް އަލީ

ކޮންމެއަކަސް މިކަމުގެ ޒިންމާ ނަގަންޖެހޭ ބަޔަކު ތިބޭނެތާ އެވެ. ހަމަގައިމު ވެސް ތިބެންވާނެ އެވެ. ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ވެރިކަން ކުރާ ރަށުގައި ހުންނަ މިސްކިތްތައް މިހާލަތުގައި ހުރުމަކީ ގައުމަށް ވެސް ލަދެކެވެ. އިސްލާމްދީނާއި ގުޅޭ ކަންކަން ބެލެހެއްޓުމަށް މިރާއްޖޭގައި ވެސް މިނިސްޓްރީއެއް ހުރެ އެވެ. މިސްކިތްތަކާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓު ސެކްރެޓަރީ މުހައްމަދު ދީދީ ވިދާޅުވީ، މިސްކިތްތަކުގެ ހާލަތު ދަށް ކަމަށް ބުނެ އެ މިނިސްޓްރީއަށް ވެސް ޝަކުވާ އަންނަމުންދާ ކަމަށެވެ. ނަމަވެސް މިސްކިތްތަކީ އެ މިސްކިތެއް ހުންނަ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަން ކަމަށާއި އެތަންތަން ބެލެހެއްޓުމަކީ ކައުންސިލްތަކުގެ ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.

"މަރާމާތާއި ހުރިހާ ކަމެއް ކުރަން ޖެހެނީ މިސްކިތްތައް ހުރި ކައުންސިލަކުން، [މިސްކިތް މަރާމާތަށް] އިސްލާމިކް މިނިސްޓްރީގައި ސިޓީ ކައުންސިލުން އެދުމުން އެހީ ވާނީ ދެވިފައި،" މުހައްމަދު ދީދީ ވިދާޅުވި އެވެ.

ދާދިފަހަން މާލޭ މިސްކިތްތަކުގެ އިމާމުން އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވީ ނަމަވެސް މިސްކިތްތައް އަދިވެސް ހުރީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގަ އެވެ.

މާލެ ސިޓީގެ މޭޔަރު މުހައްމަދު ޝިހާބު ވިދާޅުވި ގޮތުގައި މިސްކިތްތަކުގެ ފެން މޯޓަރު ވަގަށް ނެގުމާއި ދޮރު ހަލާކު ކުރުން ފަދަ ކަންކަން މިސްކިތްތަކުގައި ހިނގަ އެވެ. މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަކީ އެކައުންސިލްގެ ޒިންމާއެއް ނަމަވެސް ދާދި ފަހަކުން ހައުސިން މިނިސްޓްރީން އެކައުންސިލްގެ ކަންކަން ބަދަލުކުރި އިރު މިސްކިތްތައް ބަލަހައްޓާ މުވައްޒަފުންތައް ކައުންސިލްގެ ބެލުމުގެ ދަށުން ގޮސްފައިވާ ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ. އެހެންކަމުން މިސްކިތްތައް މަރާމާތު ކުރާނެ ބަޔަކު މިވަގުތު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މަސައްކަތް ކުރެވޭނީ މުވައްޒަފުން ލިބިގެން. މިވަގުތަށް މާލީ ދަތިކަމެއް ނެތް، މައްސަލައަކީ މުވައްޒަފުން ނެތުން،" މޭޔަރު ޝިހާބް ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސިޓީ ކައުންސިލުން ބުނާ ވާހަކައަކީ ތެދު ވާހަކައެއް ނޫން ކަމަށެވެ. މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތު ކުރުމަކީ އެ މިނިސްޓްރީގެ މެންޑޭޓެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މުއިއްޒު އިތުރަށް ވިދާޅުވީ މިސްކިތްތަކުގެ ކަންކަން ބަލަހައްޓާ މުވައްޒަފުން ހައުސިން މިނިސްޓްރީގެ ދަށަށް ގެންގޮސްފައި ނުވާ ކަމަށެވެ.

"މިސްކިތްތަކާ ގުޅޭ އެއްވެސް ކަމެއްގައި ހުރި އެއްވެސް މުވައްޒަފަކު ހައުސިން ދަށަށް ބަދަލެއް ނުކުރޭ. މި މިނިސްޓްރީގެ ދަށަށް ބަދަލު ކުރީ މި މިނިސްޓްރީގެ މެއިންޑޭޓާ ގުޅޭ މުވައްޒަފުން. އެއީ މައިގަނޑު ގޮތެއްގައި މާލޭގެ ޕަބްލިކް އޭރިއާ ސާފުކޮށް ބެލެހެއްޓުމާ ގުޅޭ މުވައްޒަފުން،" ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.

ކޮންމެއަކަސް މި އޮތީ ދިވެހި ރާއްޖޭގެ ގިނަ ކަންކަން ވާ އުސޫލުން މި މުހިންމު ކަން ވެސް އަތްދަށުން ގޮސްފަ އެވެ. އެއީ ޒިންމާވާނެ ފަރާތެއް ނެތުމުންނެވެ. ނަމަވެސް މިކަމަކީ މިހެން ދޫކޮށްލެވޭނެ ކަމެއް ނޫނެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން މިސްކިތްތައް ބެލެހެއްޓުމަކީ ކައުންސިލްތަކުގެ ޒިންމާއަކަށްވާ އިރު މުވައްޒަފުން ނެތޭ ކިޔައިގެން ތިބެގެން ނުވާނެ އެވެ. އެހެން ބޭނުން ތާކަށް މުވައްޒަފުން ނެގޭ ފަދައިން މިސްކިތްތަކުގެ މަރާމާތަށް މުވައްޒަފުން ނެގުން މާ އައުލާކަން ބޮޑެވެ. އެހެންކަމުން މިއީ ވަކި ބަޔެއްގެ ބޮލަށް ކަނޑާލެވޭނެ މައްސަލައެއް ނޫނެވެ.
ކަޅުހުރާ މިސްކިތުގެ ފާހާނާއެއްގެ އެތެރެ -- ސަން ފޮޓޯ: އަހްމަދު ސާއިލް އަލީ

ކައުންސިލްތަ ކާއެކީ އިސްލާމިކް މިނިސްޓްރީން ވެސް ޒިންމާ ނަގަންޖެހެ އެވެ. އެއީ އިސްލާމްދީނާއި ގުޅުން ހުރި ކަންކަން ހަރުދަނާކޮށް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ މުއައްސަސާއެވެ. އެހެންކަމަށް ވުމުން މާތް ﷲ އަށް އަޅުކަން ކުރަން ހުންނަ މިސްކިތްތައް މިހާލަތަށް ދާއިރު އެއީ ވަކި ބަޔެއްގެ ބެލުމުގެ ދަށުގައި ހުންނަ ތަކެނޭ ކިޔައިގެން ތިބެގެން ނުވާނެ އެވެ. އިސްލާހީ ފިޔަވަޅު އަޅަން ބާރު އަޅަންޖެހޭނެ އެވެ. އެވަރުން އެކަން ނުވިއްޔާ އިމާމުން އެމިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނައި ފަދައިން މިސްކިތްތައް ވެސް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދެވެން ޖެހެ އެވެ.

ސައްތައިން ސައްތަ އިސްލާމީ ގައުމުގެ ވެރިކަން ކުރާ ރަށުގެ މިސްކިތްތައް މިހާލަތަށް ގޮސްފައި މި ވަނީ ހަގީގަތުގައި ވެސް ބަޔެއްގެ އިހުމާލުންނެވެ. އެބަޔަކަށް އެއީ މާ "ސީރިއަސް" މައްސަލައަކަށް ނުވަނީ ކަންނޭނގެ އެވެ. ނަމަވެސް މިއީ މިފަދަ ގައުމެއްގައި ކަން ވާންޖެހޭނެ ގޮތެއް ނޫނެވެ. އެތައް ބޭކާރު ހަރަދެއް ކުރާއިރު އެފަދަ މާތް ކަމަކަށް ހަރަދު ނުކުރެވެންވީ ސަބަބެއް ނެތެވެ. އަވަސް ހައްލެއް ބޭނުންވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް