އައްޑޫގައި އެޅުމަށް ހަމަޖެހިފައިވާ ފްލެޓުތަކުގެ މަސައްކަތް މާޗު މަހު ފަށަނީ

ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގައި އެޅުމަށް ހަމަޖެހިފައިވާ ފުލެޓުތަކުގެ މަސައްކަތް މި އަހަރުގެ މާޗު މަހުގެ ތެރޭގައި ފެށުމަށް ނިންމައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އޮފިޝަލަކު މިއަދު "ސަން" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އައްޑޫގައި އެޅުމަށް ނިންމާފައި ވަނީ 312 ފުލެޓު ކަމަށެވެ. އޭގެތެރެއިން ހިތަދޫގައި 264 ފްލެޓާއި ހުޅުމީދޫގައި 48 ފުލެޓު އެޅުމަށް ނިންމާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފުލެޓުތަކުގެ މަސައްކަތްތަކާ ބެހޭ ގޮތުން އިއްޔެ ހައުސިން މިނިސްޓްރީގެ ބޭފުޅުންނާއި ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރު ޗައިނާގެ ނެޝަނަލް މެޝިނަރީޒް އެންޑް އިކްޕްމަންޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން (ސީއެމްއީސީ)ގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

އެ ފްލެޓުތައް އެޅުމަށް ނިންމާފައިވާ ސަރަހައްދު މިހާރު ވަނީ އެއްކޮށް ސާފުކޮށް ނިންމާފައި އެވެ. މި ފުލެޓުތައް އެޅުމަށް ވާންޖެހޭ ތައްޔާރީތައް މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން އަންނަނީ ކުރަމުން ނެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މިހާރު އައްޑޫ ސިޓީގައި އަޅާފައި ވަނީ 25 ހައުސިން ޔުނިޓެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު