އީދު މީލާދު ފާހަގަ ކުރުމުގެ ބޭނުމަކީ ރަސޫލާގެ ހަޔާތްޕުޅުން އިބުރަތް ލިބިގަތުން: ރައީސް

ކީރިތި ރަސޫލާގެ އީދު މީލާދު ފާހަގަ ކުރުމުގެ އެންމެބޮޑު ބޭނުމަކަށް ވާންޖެހޭނީ، އެކަލޭގެފާނުގެ މަތިވެރި ހަޔާތްޕުޅުން އިބޫރަތް ލިބިގަތުމާއި، އެކަލޭގެފާނު ގެނެސްދެއްވި މަތިވެރި ދީނުގައި ވަރުގަދަ އަޒުމަކާއެކު ފައިތިލަ ސާބިތުކުރުން ކަމުގައި ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި މެސެޖުގައި ވިދާޅުވެފައިވަނީ މިފަދަ މުނާސަބަތެއްގެ ޒިކުރާ އާކުރަމުން ގެންދާއިރު، އެކަލޭގެފާނު ގެނެސްދެއްވި މަތިވެރި ރިސާލަތުގައި ހިފެހެއްޓުމަކީ، އަޅުގަނޑުމެންގެ އަޒުމު ކަމުގައި ވާންޖެހޭނެ ކަމަށެވެ.

"މިފަދަ މުނާސަބަތެއްގެ ޒިކުރާ އާކުރަމުން ގެންދާއިރު، އަޅުގަނޑުމެންގެ އަޒުމު ކަމުގައި ވާންޖެހޭނެއެވެ. ހަމައެހެންމެ، މިފަދަ މުނާސަބަތެއް އިޙްތިފާލް ކުރުމުގެ އެންމެބޮޑު ބޭނުމަކަށް ވާންޖެހޭނީ، އެކަލޭގެފާނުގެ މަތިވެރި ހަޔާތްޕުޅުން އިބްރަތް ލިބިގަތުމާއި، އެކަލޭގެފާނު ގެނެސްދެއްވި މަތިވެރި ދީނުގައި ވަރުގަދަ ޢަޒުމަކާއެކު ފައިތިލަ ސާބިތުކުރުމެވެ،" ރައީސްގެ މެސެޖުގައި ވެއެވެ.

ކީރިތި ރަސޫލާގެ ހަޔާތްޕުޅުން އަޅުގަނޑުމެންނަށް ލިބޭ އެންމެ މަތިވެރި ފިލާވަޅަކީ، މުސްލިމުންގެ މެދުގައި އޮންނަންވާ އެއްބައިވަންތަކަމާއި އެކުވެރިކަމާއި އަޚުވަންތަކަމުގެ ފިލާވަޅުކަން، އެއްގޮތަކަށްވެސް އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެހެންކަމުން، އެ ފިލާވަޅުން އަޅުގަނޑުމެން ޢިބްރަތް ޙާޞިލުކޮށް، މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ މަތިވެރި އުސޫލުތަކުގައި ސާބިތުކަމާއެކު ދެމިތިބުމުގެ ޢަޒުމް ކަނޑައެޅުއްވުމަށާއި، ހަމަހަމަކަމާއި އުޚުއްވަތްތެރިކަމާއި، ރަޙުމާއި ހަމްދަރުދީގެ އުސޫލުތައް، ކުރިއަށް ނެރުއްވުމަށް، މި ފުރްޞަތުގައި އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ،" ކީރިތީ ރަސޫލާގެ އީދުމީލާދުގެ މުނާސަބަތުގައި ރައީސް ޔާމީން ފޮނުއްވެވި މެސެޖުގައި ވެއެވެ.

މިއަދުގެ މުނާސަބަތުގައި އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަގުވާމީ އިސްލާމީ ޖަމްއިއްޔާ ޖަމާއަތްތަކަށާއި އަދި މުޅި އިސްލާމީ އުންމަތަށް، ރައީސް ޔާމީން ވަނީ ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު