އެމްއެންޑީއެފްއިން ސިވިކް އިންޖިނިއަރިން ސާވިސްގެ ޚިދުމަތް ފަށައިފި

މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަރާތުން "ސިވިކް އިންޖިނިއަރިން ސާވިސް"ގެ ހިދުމަތް މިއަދު ތައާރަފްކޮށްފި އެވެ.

އެމްއެންޑީއެފްގެ އިންޖިނިއަރިން ގަރާޖުގައި ބޭއްވި ރަސްމީޔާތުގައި އެ ޚިދުމަތް ތައާރަފް ކޮށްދެއްވުމަށްފަހު ޑިފެންސް މިނިސްޓަރު ކާނަލް ރިޓިޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ އެތަނަކީ ކޯޕޮރޭޓް އުސޫލުން ސަރުކާރުގެ ހުރިހާ ވުޒާރާތަކެއްގެ ވެހިކަލްތަކާއި އަޅަނދުފަހަރު މަރާމާތު ކޮށްދިނުމުގެ ޚިދިމަތް ދިނުމަށްޓަކައި ގާއިމް ކުރެވިގެންދާތަނެއް ކަަމަށެވެ.
ސިވިކް އިންޖިނިއަރިން ސާވިސްގެ ޚިދުމަތް ތައާރަފްކުރުމުގެ ރަސްމިއްޔާތުތެރެއިން --- ސަން ފޮޓޯ: އަލީ ނަސީރު
"އާދެ މިއަދަކީ ސިވިކް އިންޖިނިއަރިން ސާވިސް ގާއިމް ކުރެވޭ އުފާވެރި ދުވަސް. މިތަނަކީ ކޯޕްރޭޓް އުސޫލުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖެހި އެމްއެންޑީއެފްއާ ސަރުކާރުގެ ހުރިހާ ވުޒާރާތަކެއްގެ ވެހިކަލްތަކާއި އަނޅަދުފަހަރު މަރާމާތު ކުރުމަށް މި ސިވިކްއާ ހަވާލުކުރެވޭ އުފާވެރި ދުވަސް،" ނާޒިމް ވިދާޅުވި އެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ އެމްއެންޑީއެފްއިން އެފަދަ ޚިދުމަތެއް ތައާރަފް ކުރުމުގެ މަގުސަދަކީ ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ ސިފައިންގެ ވެލްފެއާ ކަންތައްތައް ހަމަޖެއްސޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ. އެހެން ކަމުން އެ ޚިދުމަތުގެ ސަބަބުން ސިފައިން އެމީހުން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރިހަމަ އިހްތިޔާރު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިވިކް އިންޖިނިއަރިން ސާވިސްގެ ޚިދުމަތް ތައާރަފްކުރުމުގެ ރަސްމިއްޔާތުގައި ނާޒިމް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: އަލީ ނަސީރު
ސިފައިންގެ ސިވިކް އިންޖިނިއަރިން ސާވިސްގެ ޚިދުމަތް ތައާރަފް ކުރުމުގެ މަގުސަދުތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ސިފައިންނަކީ ވަކި މުއްދަތެއް ވަންދެން ޚިދުމަތް ކުރުމަށް ފަހު ޚިދުމަތުން ރިޓަޔާ ކުރަން ޖެހޭ ބައެއް ކަމަށާއި އެހެންނަމަވެސް މިއަދު އެމްއެންޑީއެފުން ތައާރަފްކުރި ސިވިކް އިންޖިނިއަރިން ސާވިސްގެ ސަބަބުން ސިފައިންގެ ޚިދުމަތުން ރިޓަޔާކުރިނަމަވެސް ސިވިކް އިންޖިނިޔަރިން ސާވިސްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ސިވިކް އިންޖިނިޔަރިން ސާވިސްގެ ސަބަބުން ސިފައިންގޭގައި މަސައްކަތްކުރާ އެއްވެސް މީހަކު ބާކީވެގެން ނުދާނެ ކަމަށާއި އެމީހަކަށް ޚިދުމަތުގައި ދެމިހުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކަށް މިވަނީ ސިފައިންގެ މީހަކު ރިޓަޔާ ކުރުމަށް ފަހުގައިވެސް ސިފައިންގެ މީހަކީ އެކަށޭނެ ދިރިއުޅުމެއް އުޅޭވެވޭނެ މީހެއް ކަމުގައި ހެދުން. އަޅުގަނޑުމެންގެ އަމާޒަކީ ސިފައިންގެ ވެލްފެއާ ކަންތައް ހަރުދަނާކުރުން. އެހެން ކަމުން އުމުރުފުރާ ހަމަވެގެން ނުވަތަ ރޭންކްގެ މުއްދަތު ހަމަވެގެން ވެސް މިފަދަ އިންޖިނިޔަރިން ސާވިސްގައި ދެމިތިބެވިދާނެ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ސިވިކް އިންޖިނިއަރިންގެ ސާވިސް ވެގެންދާނީ ޒަމާނީ ވަސީލަތްތަކާއިއެކު ޚިދުމަތް ފޯރުކޮށްދޭ ތަނަކަށް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ސިވިކް އިންޖިނިއަރިން ސާވިސްގެ ފަރާތުން ތަފާތުއެކި ވޮކޭޝަނަލް ޓްރޭނިންތަކާއި އަދި ވޯކްޝޮޕްތައް ހިންގާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ސާވިސްގެ ފަރާތުން އިންޖިނިއަރިންގެ ދާއިރާއަށް ނިކުންނަން ބޭނުންވާ ޒުވާނުން ތަމްރީން ކުރުމުގެ ޕްރޮގުރާމްތައް ހިންގާނެ ކަމަށް ވެސް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިއަދު އެމްއެންޑީއެފުން ތައާރަފްކުރި ޚިދުމަތުގެ ސަބަބުން ސިފައިންގެ ހިދުމަތް އިތުރަށް ހަރުދަނާވެ ދޭ ޚިދުމަތް ހަލުވިވެގެންދާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު