ރިއުސް ކްލަބުގައި މާގިނަ ދުވަހު މަޑު ކުރާނެ ކަމަކަށް އުއްމީދު ނުކުރަން: ކްލޮޕް

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމައުންޑަށް ކުޅެމުން އަންނަ ޒުވާން އަދި ހުނަރުވެރި ކުޅުންތެރިއާ މާކޯ ރިއުސް ކްލަބުގައި މާގިނަ ދުވަހު މަޑު ކުރާނެ ކަމަކަށް އުއްމީދު ނުކުރާ ކަމަށް އެޓީމުގެ މެނޭޖަރު ޖާގެން ކްލޮޕް ބުނެފި އެވެ.

ބީޓީ ސްޕޯޓްސް އާ ވާހަކަ ދައްކަމުން ކްލޮޕް ބުނީ ރިއުސް ކްލަބުގައި މަޑުކުރާނެ ކަމަކަށް މިހާރު އެއްވެސް އުއްމީދެއް ނުކުރާ ކަމަށާއި ހީވަނީ ކައިރި މުސްތަގްބަލެއްގައި ޓީމުގެ އެހެން ކުޅުންތެރިން ހެދިހެން ރިއުސް ވެސް ޓީމު ދޫކޮށްދާނެހެން ކަމަށެވެ. އަދި އޭނާގެ އަމާޒަކީ މެނޭޖަރު ކަމުން އިސްތިއުފާ ދޭންވާއިރަށް ޓީމު ބަދަލުކޮށްނުލައި ކުރިއަށް ދިއުން ނޫން ކަމަށާއި ޑޯޓްމައުންޑަކީ އަބަދުވެސް ކާމިޔާބީ އާއެކު ކުރިއަށްދާނެ ވަރުގަދަ ޓީމެއް ކަމަށެވެ.

"އަހަރެން އުއްމީދެއް ނުކުރަން ރިއުސް ޓީމުގައި މާގިނަ ދުވަހު މަޑު ކުރާނެހެން. ހީވަނީ ގިނަ ކުޅުންތެރިން ހެދިހެން އޭނާ ވެސް ޓީމު ދޫކޮށްދާނެހެން. އަހަރެންގެ އަމާޒަކީ ކޮންމެހެން މެނޭޖަރު ކަމުން އިސްތިއުފާ ދޭންވާއިރަށް ޓީމުގައި އަބަދުވެސް އެއްބަޔަކު ބައިތިއްބައިގެން ކުރިއަށް ދިއުމެއް ނޫން. އެއީ ކޮންމެހެން މަޖުބޫރު ކަމެއް ވެސް ނޫން 34 އަހަރު ފުރެންދެން އެއްޓީމެއްގައި މަޑުކުރަން. ޑޯޓްމައުންޑަކީ ތާރީޚެއް އޮތް އަދި އަބަދުވެސް ކާމިޔާބީ އަށް އެދިގެން ކުރިއަށް ދާ ޓީމެއް. ޓީމު ބަދަލުވެސް ވާނެ. އާ ކުޅުންތެރިންތަކަކާ އެކު ނަމަވެސް މި ޓީމު އަބަދުވެސް އެދިގެން ކުރިއަށް ދާނެ،" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ ޑޯޓްމައުންޑްގައި މޮޅެތި ކުޅުންތެރިން އުފެދުނު ކަމަށާއި އޭގެ ތެރެއިން ގިނަ ކުޅުންތެރިން މިހާރު އެކި ޓީމްތަކަށް ބަދަލުވެއްޖެ ކަމަށެވެ. އަދި މިދިޔަ އަހަރުތަކުގައި ޓީމުން ހޯދި ކާމިޔާބީތަކަކީ ޓީމުގައި ތިބި ކުޅުންތެރިން ކުރި ހިތްވަރުގަދަ މަސަތްކަތުގެ ނަތީޖާ ކަމަށާއި ކުރިއަށްއޮތް ތާގައި ވެސް ކާމިޔާބު ލިބޭނެ ކަމަށެވެ.

ކްލޮޕް އަންނަނީ 2008 އަށް ވަނަ އަހަރުން ފެށިގެން ޑޯޓްމައުންޑަށް އިރުޝާދު ދެމުންންނެވެ. އޭނާ ވަނީ ޑޯޓްމައުންޑާ އެކު ބުންޑެސްލީގާއާއި ޖަރުމަން ކަޕުވެސް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ކްލޮޕް ވަނީ ޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލަށް ވެސް އެޓީމު ގެންގޮސްދީފަ އެވެ. ކްލޮޕް އަކީ ބުންޑެސްލީގާގައި އެންމެ ގިނަ ދުވަސްތަކެއް ވަންދެން ޓީމަކަށް އިރުޝާދު ދިން ކޯޗެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު