ބެލޮންޑިއޯ އެވޯޑް ރޮނާލްޑޯ އަދި މެސީއަށް ވެސް ހައްގެއް ނޫން: ވެން ހާލް

ދުނިޔޭގެ ފުޓްބޯޅަ އާ ބެހޭ މައި އިދާރާ، ފީފާއިން ދޭ ބެލޮންޑިއޯ އެވޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ލިއޮނެލް މެސީއަށް ހައްގު ނޫން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ލުއިސް ވެން ހާލް ބުނެފި އެވެ.

މި ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑަށް ކޯޗުކަން ކޮށްދެމުން އަންނަ ވެން ހާލް ބުނީ މިފަހަރުގެ އެވޯޑް ރޮނާލްޑޯ އަދި މެސީ އަށް ލިބުން ހައްގު ނޫން ކަމަށާއި އެވޯޑް ލިބެން ޖެހޭނީ ޖަރުމަނުގެ ކުޅުންތެރިއަކަށް ކަމަށެވެ.

" މެސީ އަދި ރޮނާލްޑޯ އަކަށް އެވޯޑް ހައްގެއް ނޫން. މިފަހަރުގެ އެވޯޑް ލިބެން ޖެހޭނީ ޖަރުމަނުގެ ކުޅުންތެރިއަކަށް. ވޯލްޑް ކަޕުވެސް ކާމިޔާބުކުރީ ޖަރުމަނުން. އެހެން ކަމުން އެ ތަންކޮޅަށް ވިސްނަން އެބަޖެހޭ. މިދިޔަ ސީޒަންގައި ރޮނާލްޑޯ މޮޅަށް ކުޅުނުކަން އިނގޭ. އެކަމަކުވެސް އެވޯޑް އޭނަ އަށްވެސް ހައްގެއް ނޫން،" ވެން ހާލް ބުންޏެވެ.

ވެން ހާލް ބުނީ، އެއްމެ މުހިއްމު ކަމަކީ ވޯލްޑް ކަޕް ކާމިޔާބުކުރުން ކަމަށާއި ޖަރުމަނުގެ ކުޅުންތެރިން ވޯލްޑް ކަޕުގައި ދެއްކީ ހުނަރުވެރު މޮޅު ކުޅުމެއް ކަމަށެވެ. އަދި ބުންޑެސްލީގާގައި ވެސް މިދިޔަ ސީޒަންގައި އެ ކުޅުންތެރިންތައް ކުޅުނީ ވާދަވެރި މެޗުތަކެއް ކަމަށާއި އެހެން ކަމުން ހުރިހާ ގޮތަކުން ބެލިކަމުގައި ވިޔަސް އެވޯޑަށް އެންމެ ބޮޑަށް ވާދަކުރަނީ އެގައުމުގެ ކުޅުންތެރިއެއް ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން މިފަހަރުގެ އެވޯޑް ލިބުން އެންމެ ގާތީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯގެ ފަހަތުން ދެވަނައަށް ޖަރުމަނު އަދި ބަޔާން މިއުނިކްގެ ގޯލްކީޕަރު މެނުއެލް ނޯޔާ އެވެ. ނޯޔާ ވަނީ ނިމިގެން ދިޔަ ވޯލްޑް ކަޕުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމްވެސް ހޯދާފަ އެވެ.

ފީފާ އިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާއަށް ދޭ އެވޯޑް ހަވާލުކުރާނީ އަންނަ ޖެނުއަރީ މަހު ސްވިޒަލޭންޑްގެ ޒިއުރިޗްގައި ބާއްވާ ފީފާގެ ގާލާ ނައިޓްގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު