ނޭމާ އަށް މެސީއަށް ވުރެ މޮޅުވެވޭނެ: ރޮމާރިއޯ

ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ޒުވާން ފުޓްބޯޅަ ކުޅުންތެރިއާ ނޭމާ އަށް ހަތަރު ފަހަރު ފީފާ ބެލެންޑޯ ކާމިޔާބުކޮށްފައިވާ ލިއޮނެލް މެސީ އަށްވުރެ މޮޅު ވެވޭނެ ކަމަށް ބްރެޒިލްގެ ލެޖެންޑް ރޮމާރިއޯ ބުނެފި އެވެ.

ބްރެޒިލާ އެކު 1994 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރި ރޮމާރިއޯ ބުނީ މެސީ އަކީ މިހާރު ތާރީހުގެ ތެރެއަށް ވަދެފައިވާ ކުޅުންތެރިއެއް ކަމަށާއި ނަމަވެސް ނޭމާ އަށް މެސީގެ ހުރިހާ ކާމިޔާބީއަކާ އަރާ ހަމަކުރެ ވިދާނެ ކަމަށެވެ.

"މެސީ އަކީ ހުނަރުވެރި ކުޅުންތެރިއެއް. އެންމެނަށް ވެސް އެކަން އިނގޭ. އޭނާ އަކީ މިހާރު ވެސް ތާރީހުގެ ތެރެއަށް ވަދެފައިވާ ލެޖެންޑެއް. އެކަމަކު ނޭމާ އަށް މެސީ ހޯދާފައިވާ ހުރިހާ ކާމިޔާބީ އަކާ އަރާހަމަކުރެވޭނެ. އެފެންވަރު އެބަހުރި އޭނާގެ ކިބައިގައި،" ރޮމާރިއޯ ބުންޏެވެ.

ރޮމާރިއޯ ބުނީ އެންމެ މަތީ ފެންވަރުގައި ދެން މެސީ އަކަށް ވޯލްޑް ކަޕެއްގައި ވާދަކުރެވޭނެ ކަމަށް ގަބޫލް ނުކުރާ ކަމަށާއި ނަމަވެސް ނޭމާ އަށް އަދި ވެސް ތިނެއް ނުވަތަ ހަތަރު ވޯލްޑް ކަޕެއްގައި ވިދާޅުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"މެސީ އަކަށް ދެން އޭނާގެ އެންމެ މަތީ ފެންވަރުގައި ވޯލްޑް ކަޕެއްގައި ވާދަ ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން. އެކަމަކު ނޭމާ އަކީ ޒުވާން ކުޅުންތެރިއެއް. އޭނާ އަށް އަދިވެސް ތިނެއް ނުވަތަ ހަތަރު ވޯލްޑް ކަޕެއްގައި ވިދާލުމުގެ ފުރުސަތު އެބައޮތް. ނޭމާ އަށް އެކަން ކުރެވޭނެކަން އޭނާ ވަނީ ނިމިގެން ދިޔަ ވޯލްޑް ކަޕުގައި ދައްކުވައިދީފައި،" ރޮމާރިއޯ ބުންޏެވެ.

ރޮމާރިއޯ ބުނީ ބްރެޒިލްގެ ޖާޒީގައި ނޭމާ ދައްކަމުންދާ ކުޅުމަކީ އާދައިގެ ކުޅުމެއް ނޫން ކަމަށާއި އޭނާ މިހާރު އެ އަންނަނީ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި އޭނާގެ ހުނަރު ދައްކަމުން ކަމަށެވެ.

އުމުރުން 22 އަހަރުގެ ނޭމާ ވަނީ މިހާތަނަށް ބްރެޒިލްގެ ސީނިއާ ޓީމަށް 42 ލަނޑު ކާމިޔާބުކޮށްދީފަ އެވެ. ބްރެޒިލްގެ ލަނޑު ލިސްޓުގައި ރޮމާރިއޯ އަށް ވުރެ ކުރިއަށް ދިއުމަށް އޭނާ އަށް ދެން ބޭނުން ވަނީ އެންމެ 13 ލަނޑެވެ.

ނެމާ އަންނަނީ މިސީޒަންގައި އޭނާ ކުޅެމުން އަންނަ ބާސެލޯނާ އަށް ގިނަ ލަނޑުތަކެއް ޖަހައިދީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ ބްރެޒިލް އެންމެ ފަހުން ކުޅުނު ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗުތަކުގައި ވެސް މޮޅު ކުޅުމެއް ދައްކައި ގިނަ ލަނޑުތަކެއް އެޓީމަށް ކާމިޔާބުކޮށްދީފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު