ތިނަދޫގައި ހުޅުޖެހި މައްސަލަ: ފުލުހުން އެއްބާރުލުން ނުދިން މައްސަލަ މިނިސްޓަރުގެ ސަމާލުކަމަށް ގެނެސްފި

ގދ. އަތޮޅު ކައުންސިލް އިދާރާގައި ހުޅުޖަހާފައި --- ފައިލް ފޮޓޯ
ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ގދ. ތިނަދޫގައި ހުރި ދައުލަތުގެ ތިން އިމާރާތުގައި ހުޅުޖެހި މައްސަލާގައި ތުހުމަތު ކުރެވޭ ހަތަރު މީހަކު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އަމުރު ނެރުމުން ފުލުހުން އެ އަމުރާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ ކްރިމިނަލް ކޯޓުން އެކަން ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ސަމާލުކަމަށް ގެނެސްފި އެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒުމީލް އަބްދުއްސަމަދު މިރޭ ސަން އަށް ވިދާޅުވީ މިއަދު 11:00ގައި ބާއްވަން ހަމަޖެއްސި ޝަރީއަތުގެ މަޖިލީހަށް ހަތަރު މީހަކު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ނެރުނު އަމުރު ތަންފީޒުކޮށްފައި ނުވާތީ ކްރިމިނަލް ކޯޓުން ހޯމް މިނިސްޓަރަށް ފޯނުން ގުޅުއްވައި އެކަމުގައި ހުރި ދަތިތައް ހިއްސާކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ހޯމް މިނިސްޓަރުގެ ވާހަކަފުޅުގައި ތިނަދޫގައި ހުޅުޖެހި މައްސަލައާ ގުޅިގެން ހިންގާ ޝަރީއަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރު ކްރިމިނަލް ކޯޓަށް ދެއްވި ކަމަށެވެ.

ދައުލަތުގެ ފަރާތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ގދ. ތިނަދޫ ނޫރާނީގޭ މުހައްމަދު އަބްދުﷲ އާއި އެރަށު ތެދުއުއި އަހްމަދު ސާދިގު އާއި އެރަށު ވެސްޓްޕޯލްއިރު އަހްމަދު ސަލީމްގެ އިތުރުން އެ ރަށު ސްކޫނާ މުހައްމަދު ވާސިފް ބަންދުގައި ބަހައްޓައިގެން މިއަދު 11:00 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރުނެވެ. ނަމަވެސް އެ އަމުރާ އެއްގޮތަށް އެ މީހުން ހައްޔަރުކުރެވިފައިނުވާ ކަމަށް ފުލުހުން މިއަދު ވަނީ ކްރިމިނަލް ކޯޓަށް އަންގާފަ އެވެ.

އެ ހަތަރު މީހުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން އަމުރެއް ނެރެފައި ވަނީ ކްރިމިނަލް ކޯޓުން ކުރި މަސައްކަތުން އެމީހުން ޝަރީއަތަށް ހާޒިރުކުރެވޭ ގޮތް ނުވުމުންނެވެ.
comment ކޮމެންޓް