ރައީސް ޔާމިން ނުރަސްމީ ދަތުރުފުޅުގައި ރާއްޖެއިން ބޭރުގައި އުޅުއްވާ ސަބަބު އެނގެން ޖެހޭ: ނަޝީދު

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ނުރަސްމީ ދަތުރުފުޅުގައި ރާއްޖެއިން ބޭރުގައި ގިނަ ވަގުތު އުޅުއްވާ ސަބަބު ރައްޔިތުނަށް އެނގެން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަބޫދާބީއަށް ކުރެއްވި ދަތުރުފުޅަށްފަހު މިރޭ މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވީ ރައީސް ޔާމިން ރާއްޖޭގައި ނޫޅުއްވާތާ ގިނަ ދުވަސް ތަކެއް ވެފައިވާއިރު އެމަނިކުފާނު އާލާސްކަންފުޅާ އުޅުއްވާނަމަ އެކަމުގެ މައުލޫމާތުވެސް ރައްޔިތުނަށް އަންގަދޭން ޖެހޭ ކަމަށެވެ.

" ރައީސުލް ޖުމްހޫރިއްޔާ ރާއްޖޭގައި ނޫޅުއްވާތާ ވަރަށް ގިނަ ދުވަސްވެއްޖެ. އެ ބޭފުޅާ އާލަސްކަންފުޅާ ނޫޅުއްވާ ކަމަށް އެބަ ވިދާޅުވޭ ތަރުޖަމާނު. ރައީސުލް ޖުމްހޫރިއްޔާ އާލަސްކަންފުޅާ އުޅުއްވާ ނަމަ އަޅުގަނޑުމެން އެންމެވެސް ކަންބޮޑުވާނެ. އެކަމުގައި ސާފް މައުލޫމާތެއް ރައްޔިތުނަށް ދިނުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ކޮންމެހެން ބޭނުންތެރިކަމެއް. ދެން ވަކި ހާއްސަކޮން ރައީސުލް ޖުމްހޫރިއްޔާ އާލަސްކަން ފުޅުގައި ނޫޅުއްވާ ދެން ސަބަބަކާއި ހެދިތޯ އެމަނިކުފާނު ރާއްޖެއިން ބޭރުގައި އުޅުއްވާން މި ޖެހެނީ، "

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ތެރޭގައި "ބަޣާވާތެއް ހިނގާފާނެ ކަމުގެ ވާހަކަތައް އިވޭ ވަގުތެއްގައި ރާއްޖެއިން ބޭރުގައި ރައީސް ޔާމިން އުޅުއްވުމަކީ ކަންބޮޑުވުން އިތުރުވާ ކަމެއް" ކަމަށެވެ.

މަޖީދީމަގުގައި ހުރި ފެންފޯއް ރުއްތައް ބަޔަކު މީހުން ކަނޑާލުމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާތީ އެމަނިފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ވިދާޅުވީ ދުވަހަކުވެސް ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ގެއްލިގެންނުދާ މިންވަރަށް ގައުމުގެ ރައްކާތެރިކަން ގެއްލިފައިވާ ކަމަށާއި އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެން ރާއްޖޭގައި ދުވަހަކުވެސް އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިގެން ނުދާ މިންވަރަށް މިއަދު މި އޮތީ ގެއްލިގެން ގޮސްފަ. އެއީ އަޅުގަނޑުމެން އެންމެވެސް ނުހަނު ކަންބޮޑުވާ ކަމެއް، " ނަޝީދު ވިދާޅުވި އެވެ.

އަބޫދާބީއަށް ރައީސް ނަޝީދު ވަޑައިގެންނެވީ ޒައިދް ފައުންޑޭޝަނުން ބޭއްވި ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. އެމަނިކުފާނު އެ ދަތުރުގެ ތެރެއިން ވަނީ ޖަޕާނަށް ވަޑައިގެން އިންޓަނޭޝަނަލް ބާ އެސޯސިއޭޝަނުގެ އަހަރީ ޖަލްސާގައިވެސް ބައިވެވަޑައިގެން އެ ޖަލްސާގައި ތަގްރީރް ކުރައްވާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު