ޖަލުތަކުގައި މޯލްބައިލް ފޯނު ބޭނުންކުރާނަމަ އެކަން ދެނެގަނެވޭނެ އިލެކްޓޯނިކް ސިސްޓަމެއް ޖަލުތަކުގައި ބަހައްޓަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި އުމަރު ވިދާޅުވީ، އެފަދަ ސިސްޓަމެއް ޖަލުތަކުގައި ގާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް މީގެ ތިން މަސް ކުރިން އިއުލާން ކުރިކަމަށެވެ. ނަމަވެސް އެކަމަށް ކުރިމަތިލި ފަރާތްތަކަކީ އެކަމަށް ގާބިލުބައެއް ކަމުގައި ނުވާތީ އަލުން އިއުލާންކުރުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރު އެ ސިސްޓަމް ހަރުކުރެވޭނެ ކަމަށާއި އެ ސިސްޓަމް ހަރުކުރުމާއެކު ޖަލުގެ ގޮޅިތަކުގައި މޯބައިލް ފޯނު ބޭނުންކުރާނަމަ ވަގުތުން އެނގޭނެ ކަމަށެވެ.
"ޖަލުތަކަށް ވެއްދޭ ފޯނުތައް ހޯދާނެ އިލެކްޓޯނިކް ނިޒާމެއް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން ރާއްޖޭގެ ޖަލުތަކުގައި ގެނެސް ހަރުނުކުރެވުނު ކަމަށް ވިޔަސް މިއަންނަ އަހަރު ހަމަގައިމުވެސް ހަރުކުރެވޭނެ. ހަރުކުރެވުނީމަ އަޅުގަނޑުމެންނަށް ޖަލުގަ ބޭނުންކުރާ ފޯނުތައް ބޭނުންކުރާ ގޮޅިތައް ބޭނުންކޮށްލާ ކޮންމެ ވަގުތެއްގައި. އެއިރުން އެގޮޅިއަކަށްވަދެ އެފޯނެއް އަތުލުމުގެ ފުރުސަތު ލިބޭނެ،" އުމަރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެފަދަ ސިސްޓަމެއް ނެތުމުން މިހާރު އަމަލު ކުރަންޖެހޭ ގޮތަކީ ހަށިގަނޑު ބަލައި ފާސްކޮށްގެން ފޯނުތައް ވައްދާތޯ ބެލުންކަމަށެވެ. އަދި ވިދާޅުވީ ލަތުވެތި ގުނަވަންތައް ހުންނަ ހިސާބަށް ލައިގެން ވެސް ފޯނުތައް ވައްދާ ކަމަށާއި އެހެންކަމުން އެފަދަ ގުނަވަންތައް ބަލައި ފާސްކުރުމަކީ ދަތިކަމެއް ކަމަށެވެ.