ޝަހުމް ކަމަށް ބެލެވޭ މީހަކު ލެކިއުޓުން ވިޔަފާރިކޮށްފި

ކ. މާފުށީ ޖަލުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ނުރައްކާތެރި ކުށްވެރިއެއް ކަމަށްވާ އިބްރާހީމް ޝަހުމް ކަމަށް ތުހުމަތު ކުރެވޭ މީހަކު ލެކިއުޓު ފިހާރައިން ވިޔާފާރިކޮށްފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ޝަހުމް ކަމަށް ބެލެވޭ އެ މީހާ މިއަދު ހެނދުނު ލެކިއުޓު ފިހާރަ އަށް ގޮސް ގަނެފައި ވަނީ ޖެލް ދަޅެކެވެ. އޭނާ ގަތީ ކަމިނަމޮޓޯ ޖެލް ދަޅެކެވެ. އެ ޖެލްއަކީ އިސްތަށިގަނޑު ދިގުކުރަން ވަރަށް ގިނަ ފިރިހެން ކުދިން ގަންނަ ޖެލް އެކެވެ.

އެވަގުތު ލެކިއުޓްގައި ހުރި މީހަކު ބުނީ ޝަހުމް ކަމަށް ބެލެވޭ އެ މީހާ ލައިގެން ހުރީ ފައިކުރި ތަނބި ކަށްޓާ ހިސާބަށް އަރާ އައިސް ބުލޫ ޖިންސަކާ ހުދުކުލައިގެ ގަމީހެއް ކަމަށެވެ. އަދި އޭނާ ހުރީ ތުނިކޮށް ބޯ ކޮށާފައި ކަމަށް ވެސް އެމީހާ ބުންޏެވެ.

ސަން އަށް މައުލޫމާތު ދިން މީހާ ބުނީ ވަރަށް އަވަހަށް އިސްދަށަށް ޖަހައިގެން ހުރެ ވިޔަފާރި ކުރުމަށް ފަހު ޝަހުމް ކަމަށް ބެލެވޭ އެ މީހާ ގޮސް ޓެކްސީއަކަށް އެރި މަންޒަރު ފެނުނު ކަމަށެވެ.

އެނގިފައިވާ ގޮތުގައި ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ފުލުހުން ގެންދަނީ މިހާރު އެ ފިހާރައިގެ ވީޑިއޯ ފޫޓޭޖްތައް ބަލަމުން ނެވެ.

ނަމަވެސް އެކަމާ ގުޅޭ އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ޝަހުމް ކަމަށް ބެލެވޭ މީހަކު ލެކިއުޓު ފިހާރައިން ވިޔާފާރި ކުރި ކަމަށް ބުނާ ވާހަކަ ފެންމަތިވި އިރު، ޝަހުމް އާ އެކު ޖަލުން ފިލި ފަރިޔާޝް އަހުމަދު މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ މާލޭގެ ކެފޭއެއްގެ ތެރޭ އިންދަ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ޝަހުމް އާއި ފަރިޔާޝް ފިލުމާ ގުޅިގެން އެ ދެ މީހުންގެ ސިފަ ބަދަލުކޮށްގެން އުޅެފާނެތީ ފުލުހުން ވަނީ އެކަން އާއްމުންގެ ސަމާލު ކަމަށް ގެނެސްފަ އެވެ.

މުޖުތަމައަށް ނުރައްކާތެރި ކުށްވެރިންގެ ގޮތުގައި ބެލެވޭ އިބްރާޙީމް ޝަހްމު އާދަމް އަކީ ޓެރަރިޒަމްގެ މައްސަލައެއް ސާބިތުވުމާ ގުޅިގެން 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ. އަދި ފަރިޔާޝް އަހުމަދަކީ މަރުގެ މައްސަލައެއް ސާބިތުވުމާ ގުޅިގެން 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު