ނުރައްކާތެރި ދެ ގައިދީއަކު ޖަލުގެ ތޭރިތައް ކީހާލައިގެން ފިލައިފި

ކ. މާފުށީ ޖަލުގެ ދަގަނޑު ތޭރިތައް ކީހާލައިގެން އެތަނުގައި ހައްޔަރުކޮށްފައި ތިބި ނުރައްކާތެރި ދެ ގައިދީއަކު ފިލައިފި އެވެ.

މޯލްޑިވްސް ކަރެކްޝަންލް ސާވިސްގެ ބެލެނިވެރި ފަރާތް، ހޯމް މިނިސްޓްރީގެ މީޑީއާ ކޯޑިނޭޓަރު ތަޒުމީލް އަބްދުއްސަމަދު މިރޭ 'ސަން'އަށް ވިދާޅުވީ، ފިލާފައިވާ ދެ ގައިދީންނަކީ، ގ. ކޯޒީ، އިބްރާހިމް ޝަހުމް އާދަމް އާއި ގއ. މާމެންދޫ، ޖަވާހިރުވާދީ ފަރިޔާޝް އަހްމަދު ކަމަށެވެ.

ތަޒްމީލް ވިދާޅުވީ އެއް ގޮޅިއެއްގައި ހައްޔަރުކޮށްފައި ތިބި އެ ދެ ގައިދީން ފިލިކަން އެނގުނީ މިރޭ 8:30 އެހައިކަންހާ އިރު، އެމީހުން ތިބޭ ތަނުގައި ނެތުމުން ކަމަށެވެ.

މިރޭގެ ވަގުތެއްގައި އެ ދެމީހުން ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވީސް އިން އިއުލާން ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ދެގައިދީން ހޯދުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ސަރުކާރުން ދަނީ ކުރަމުން. އަދި އެކަމުގައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރުމުގައި ސަރުކާރުން ފަސް ނުޖެހޭނެކަމުގެ ޔަގީންކަންދެން،" ތަޒުމީލް ވިދާޅުވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވީސްގައި މަސައްކަތް ކުރާ އޮފިސަރަކު މައުލޫމާތު ދިން ގޮތުގައި ދެ ގައިދީއަކު ގެއްލިގެން މާފުށި ޖަލު ވަނީ އެލާޓަށް ގެނެސްފަ އެވެ. އަދި ޖަލުގައި މީހުން ތިބި އަދު ގެންދަނީ ބަލަމުންނެވެ.


އެ ދެ މީހުންގެ ތެރެއިން ޝަހުމް އަކީ ޓެރަރިޒަމްގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ މީހެކެވެ.

އޭނާގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ 2010 ވަނަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4:45 ހާއިރު މާޒިޔާ ދަނޑުގައި ފުޓްބޯޅަމެޗެއް ކުޅުނުވަގުތު ބިސްބުރު ޓީމާއި ޕީޓްރަލް ޓީމްގެ ސަޕޯޓަރުންގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކުގައި މ. ބިއުޓީފްލާވާ މުހައްމަދު ހުސައިންނަށް ވަޅިން ހަމަލާދީ ޓެރަރިޒަމްގެ އަމަލު ހިންގުމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ. އެދުވަހު ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މުހައްމަދު ހުސައިން ވަނީ ނިޔާވެފައެވެ. އަދި ޝަހުމް ބިޑިއަޅުވާފައި ހުއްޓާ ފުލުހަކަށް ހަމަލާދިން ކަމުގެ ކުށް ސާބިތުވެ އޭނާ ހަތަރު އަހަރަށް ޖަލަށްލުމަށް ވެސް މިދިޔަ ފެބްރުއަރީ މަހު ވަނީ ހުކުމްކޮށްފައެވެ.

އޭގެއިތުރުން 2011 ވަނަ އަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރު 3:20 އެހާކަންހާއިރު މަޖީދީމަގާއި އަލިކިލޭގެފާނުމަގާ ގުޅުނު ކަންމަތީގައި ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރު ހުއްޓައި ވަޅިން ހަމަލާދީ އޭނާ މަރާލި ކަމުގެ ތުހުމަތުގައި ޝަހުމްގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. އަހުސަން ބަޝީރު މަރާލި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނި ނިމިފައެވެ.

ފަރިޔާޝް އަކީ ކުރީގެ ޖިނާއީ ކޯޓުން އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވާ މީހެކެވެ. އޭނާގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ 2006 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު ގއ. ވިލިނގިލީ ކަނޑުއޮޅި މުހައްމަދު ޝިހާބު އެއަތޮޅު މާމެންދޫ އަތިރިފިނިވާގޭގައި ހުއްޓައި އިތުރު ބަޔަކާއެކު ލަކުޑި ފަތި ބުރިންނާއި އަތުންނާއި ފައިން ތަޅައި އޭނާ މަރާލުމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު