ހުޅުމާލޭގައި އެޅުމަށް ހަމަޖައްސާފައިވާ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ދިވެހި ކުންފުނިތަކެއް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލުކޮށްފި އެވެ.
އިއްޔެ ވަނީ އެ އެއްބަސްވުމުގައި ސޮއިކޮށްފައިކަން އެޗްޑީސީ އިން ސަން އަށް ކަށަވަރު ކޮށްދީފަ އެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވާ ޓްރީޓޮޕް ކުންފުންޏަކީ ޗަމްޕާ ބްރަދާސް އާއި ދިވެހިންނާއި ބޭރުގެ ހިއްސާދާރުން ހިމެނޭ ކާސާ ހޯލްޑިންގްސްގެ އިތުރުން ކްރައުން ކޮމްޕެނީ އާއި ކުރެއްދޫ މޯލްޑިވްސްގެ ހިއްސާ އޮންނަ ގޮތަށް އުފައްދާފައިވާ ކުންފުންޏެކެވެ.
އެޗްޑީސީގެ ޗެއާމަން ހަސަން ޒިޔަތު މިއަދު ސަން އަށް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ފަށައި ތިން އަހަރު ދުވަހުގެ ތެރޭގައި އިންޓަނޭޝަނަލް ސްޓޭންޑަޑްގެ 50 އެނދުގެ ހޮސްޕިޓަލެއް ނިންމަން ޖެހޭނެ ކަމަށެވެ.
"ބެޑްގެ އަދަދު އާބާދީ އިތުރުވާ މިންވަރަކުން އިތުރުވާގޮތަށް މިއިންނަނީ. ދެން މި ހޮސްޕިޓަލަކީ އިންޓަނޭޝަނަލް ފެންވަރުގެ ހިދުމަތްތަކެއް ދެވިގެންދާނެ ހޮސްޕިޓަލެއް،" ޒިޔަތު ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވީ އެ ހޮސްޕިޓަލްގެ ހިދުމަތްތައް ބޮޑަށް ބިނާކުރާނީ ދިވެހިން އާންމުކޮށް ރާއްޖެ އިން ބޭރަށް ފަރުވާ ހޯދަންދާން ޖެހޭ ކަންކަން ބަަލައި އެކަން ކަމަށް ހާއްސަ ހިދުމަތްތަކެއް ދެވޭ ގޮތަށް ކަމަށެވެ.
ހުޅުމާލޭގައި ގާއިމު ކުރުމަށް ހަމަޖައްސާފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ އެ ހޮސްޕިޓަލް އެޅުމަށް ޝައުގުވެރިކަން ހުރި ފަރާތްތައް ހޯދުމަށް ހުޅުވާލި ފުރުސަތުގައި މެލޭޝިއާ ކުންފުންޏަކާއި ޖަރުމަންގެ ކުންފުންޏަކާއި އިންޑިއާގެ ދެ ކުންފުންޏެއްގެ އިތުރުން ރާއްޖޭގެ ވިޔަފާރި ކުންފުނިތަކެއްގެ މައްޗަށް އެކުލެވޭ ޖޮއިންޓް ވެންޗާއަކުން ހުށަހެޅި އެވެ.
ރާއްޖޭގެ ޓްރީޓޮޕް ކުންފުންޏަށް އެ ޕްރޮޖެކްޓް ލިބުނީ އިވެލިއުއޭޓް ކުރުމަށް ފަހު އެންމެ ރަނގަޅު ޕްރޮޕޯޝަލެއް ހުށަހަޅާފައިވާ ކުންފުންޏެއްގެ ގޮތުގައި ހިމެނިގެން ކަމަށް އެޗްޑީސީ އިން ބުންޏެވެ.