އީ-ޕްރިސްކްރިޕްޝަން (ޑޮކްޓަރުން ލިޔާ ބޭސްތައް، ކޮމްޕިއުޓަރްގައި ރައްކާކޮށް ބޭސްފިހާރަތަކާއި ކަމާ ބެހޭ އެހެން އިދާރާތަކުން ބަލައި ލެވޭ ނިޒާމު) މިއަދުން ފެށިގެން ތައާރަފުކޮށްފި އެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިއަދު ސަން އަށް ވިދާޅުވީ އެ ހޮސްޕިޓަލުން އެ ހިދުމަތް ތައާރަފު ކުރީ އާސަންދައާ ގުޅިގެން ކަމަށެވެ. އަދި އެ ހިދުމަތުގެ ސަބަބުން ބަލިމީހާ ދެވަނަ ފަހަރަށް ޑޮކްޓަރަށް ދައްކަން އަންނަ އިރު ބަލިމީހާއާ ގުޅޭ ކުރީގެ މައުލޫމާތުތައް ސިސްޓަމްގައި ރެކޯޑް ކުރެވިފައި ހުންނާނެ ކަމަށާއި އެކަމުގެ ސަބަބުން ޑޮކްޓަރަށް ފަސޭހަތަކެއްވެ، ބަލިމީހާއާ މުއާމަލާތް ކުރުމަށް ފަސޭހަތަކެއްވާނެ ކަމަށެވެ.
އަދި އޭނާ ވިދާޅުވީ ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީ ހިފައިގެން އާސަންދައިގެ ހިދުމަތް ހޯދުމަަށްދާ ބޭސް ފިހާރަތަކާ ވެސް ނެޓްވޯކުން ގުޅި ބޭސް ސިޓީގައި ލިޔެފައިވާ ބޭހުގެ މައުލޫމާތު ބޭސް ފިހާރަ އަށް އެނގޭނެ ކަމަށެވެ.
އައިޖީއެމް އެޗުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވެސް އީ-ޕްރިސްކްރިޕްޝަންގެ ހިދުމަތަކީ މިހާރު ދެވޭ ބޭސް ސިޓީ ކޮމްޕިއުޓަރު މެދުވެރިކޮށް އޮޓޮމޭޓްކުރުމާއި ބަލިމީހާގެ ބައްޔާއި ބެހޭ މައުލޫމާތު ކޮމްޕިއުޓަރު ސިސްޓަމްގައި ރައްކާކޮށް ބެލެހެއްޓުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
އައިޖީއެމްޗުން ބުނީ އެއީ އަލަށް ފަށާ ހިދުމަތަކަށް ވާތީ ދަތިތަކެއް ދިމާވެދާނެ ކަމަށާއި އެކަމަށް ޓަކައި މައާފަށް އެދޭ ކަމަށެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އަޅާފައިވާ އައިޖީއެމްއެޗް މަރާމާތު ކުރުމުގެ މަސައްކަތް އިންޑިއާ ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން އިންޑިއާ ސަރުކާރުގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ ނެޝަނަލް ބިލްޑިން ކޮންސްޓްރަކްޝަން ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ އެ މަސައްކަތަށް 10 މިލިޔަން ޑޮލަރު ހަރަދުކުރަން އިންޑިއާ ސަރުކާރުން ވަނީ ނިންމާފަ އެވެ.